އާ ދައުލަތެއް ހެދުމަށް ކޯލިޝަނެއް އުފެއްދުމަށްޓަކައި ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކުރެއްވި އާދޭސް މަތީން ހަދުމަ ނެތް ކަމާ މެދު ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް ސުވާލު އުފައްދަވައިފި އެވެ.
ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމު ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ ކޯލިޝަނެއް އުފެއްދުމަށްޓަކައި ރައީސް ނަޝީދު ޖެއްސެވި ސަލާމް މިހާރު ހަނދުމަފުޅު ނެތް ކަމަށެވެ.
"ސަރުކާރެއް ލިބިވަޑައިގަތީ ކިހިނެތްކަން އެމަނިކުފާނު ހަނދުމަފުޅު ނެތީތޯ؟،" ގާސިމް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ފާޑު ވިދާޅުވާ ވާހަކަފުޅު ދައްކަވަމުން ގާސިމް ސުވާލުކުރައްވާފައިވަނީ މަޖިލީހުގެ ރައީސްގެ މަގާމަކީ އެމްޑީޕީގެ މެމްބަރުންނަށް ބަހާލުމަށް ދެއްވި މަގާމެއް ކަމާ ގުޅޭގޮތުންނެވެ.
"މަނިކުފާނު ހީކުރައްވަނީތޯ ހަތަރު ލައްކައަށްވުރެ ގިނަ މީހުންގެ ހައްގުތައް ހަމައެކަނި ތި ޕާޓީގެ ތިބި 40،000 އެއްހާ މީހުންނަށް ބަހާލަން ދީފައިފައި ހުރި އެއްޗެއްތޯއޭ ތި ހީޕުޅުކުރައްވަނީ. ބަލަ މޮޔަފުޅުވީ ކޮން އިރަކުތޯ؟ ކޮބާތޯ އިންސާފު،" ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ވާހަކަފުޅުގައި ވަނީ ރައީސް ނަޝީދު، އާންމު ރައްޔިތުން ނިކަމެތިވާ ގޮތަށް ވާހަކަ ދައްކަވާ ކަމަށް އިޝާރާތް ކުރައްވާފައިވެއެވެ.
"ކޮބައިތޯ އިންސާފު؟ ކޮބައިތޯ ޤާނޫނީ އިން؟ ޤާނޫނީ މިން؟ ހައްބަ މުކައްބަ ނެތީ ކީއްވެތޯ؟" އޭނާ ވިދާޅުވިއެވެ.