މާޒިޔާގެ އެންމެ ބޮޑު ބާރަކީ ކުލަބުގެ މާލީ ސްޓްރެންތު: ސުޒޭން

ގްރީންގެ ކޯޗު އަލީ ސުޒޭން މާޒިޔާގެ ކޯޗަކަށް މަސައްކަތް ކުރި ދުވަސްތަކުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިފަހަރުގެ ދިވެހި ލީގު ހޯދުމާ ގާތަށް ޖެހިލާފައި އޮތް މާޒިޔާގެ އެންމެ ބޮޑު ސްޓްރެންތަކީ ކުލަބުގެ މާލީ ސްޓްރެންތް ކަމަށް އެ ކުލަބުގެ ކުރީގެ ކޯޗު އަދި މިހާރު ގްރީންސްޓްރީޓަށް ކޯޗުކަންކޮށްދެމުން އަންނަ އަލީ ސުޒޭން ބުނެފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގްރީންސްޓްރީޓްސްއާއި މާޒިޔާ ބައްދަލު ކުރާ މެޗުން މާޒިޔާ މޮޅުވެއްޖެ ނަމަ އެ ޓީމަށް ލީގު ޔަގީންވާނެ އެވެ. ފުރަތަމަ ދެ ބުރު ނިންމާލި އިރު ވެސް އެއްވަނައިގައި ބޮޑު ލީޑަކާ އެކު އޮތް މާޒިޔާ މި ވަގުތު އެއް ވަނައިގައި އޮތީ 17 މެޗުން 44 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 17 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ތިން ވަނައިގައި ޓީސީ އޮތީ 17 މެޗުން 31 ޕޮއިންޓާ އެކު އެވެ.

އެހެން ކަމުން މިރޭގެ މެޗަކީ މާޒިޔާއިން ވަރުގަދައަށް ނުކުންނާނެ މެޗެކެވެ. އެ ޓީމާ އެންމެ ވާދަވެރިކޮށް ލީގު ފެށި ގްރީންސްޓްރީޓްގެ މާލީ ހާލަތު ދަށްވެ ޓީމުގައި ތިބި މުހިއްމު ކުޅުންތެރިންތަކެއް މިހާރު ވަނީ ޓީމު ދޫކޮށް ގޮސްފަ އެވެ. އެހެން ކަމުން އެ ޓީމުން މިފަހުން ކުޅުނު ގިނަ މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވުނެވެ.

މާޒިޔާގެ ކުރީގެ ކޯޗު އަދި ގްރީންގެ ހެޑް ކޯޗަކަށް މަސަައްކަތް ކުރަމުން އަންނަ ސުޒޭން އިއްޔެގެ ޓީމް ޓްރެއިނިންގަށް ފަހު ދިން ޕްރެސްއެއްގައި ބުނީ މާޒިޔާ އަކީ މިވަގުތު ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށެވެ. އަދި އޭއެފްސީއަށް ތައްޔާރުވުމުގެ ގޮތުން ސްކޮޑު އިތުރަށް އެ ޓީމުން ވަރުގަދަ ކުރި ކަމަށެވެ.

"މާޒިޔާއަށް މާދަން [މިރޭ] ގެ މެޗު ލިބިއްޖެޔާ ލީގު ލިބޭނެ. އެހެންވީމަ ވަރަށް ވަރުގަދަކޮށް އެމީހުން ނުކުންނާނީ. އެހެންވީމަ އެ ހުރިހާއެއްޗަކަށް ވިސްނައިގެން ގްރީން ވެސް ނުކުންނާނީ ރަނގަޅު ނަތީޖާއަކަށް ބަލައިގެން،" ސުޒެއިން ބުންޏެވެ.

ސުޒެއިން ބުނީ ގްރީންގައި މިވަގުތު އޮތް ސްކޮޑަށް ބަލާ އިރު އުނދަގޫތަކެއް ހުރި ކަމަށެވެ. އެކަމަކު އުންމީދަކީ މެޗުން ރަނގަޅު ނަތީޖާއެއް ނެރުން ކަމަށެވެ.

"މާޒިޔާ އެއޮތީ ޓީމު ވަރަށް ވަރުގަދަ ކޮށްލައިފަ. އޭއެފްސީ ކޮލިފިކޭޝަނަށާއި އެހުރިހާކަމަށް ބަލާފައި. މާޒިޔާގެ ހުރިހާގޮތަކަށް ބަލާއިރު ވެސް ވަރަށް ބޮޑު ސްޓްރެންތެއް މާލީ ސްޓްރެންތް އެއީ. އޭގެ ތެރެއިން އެ މީހުން އެއޮތީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައި." ސުޒޭން ބުންޏެވެ.

މާޒިޔާގެ ކޯޗުގެ މަގާމާ 2014 ވަނަ އަހަރު ސީޒަނުގެ ކުރީކޮޅު ހަވާލުވެ ސުޒޭން ވަނީ އެ ޓީމަށް 2016 ވަނަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި ޗެރިޓީ ޝީލްޑުގެ އިތުރުން 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކާމިޔާބުކޮށްދީފަ އެވެ. ރާއްޖޭގައި ބާއްވާ ހުރިހާ މުބާރާތެއްގެ ތަށި މާޒިޔާ އަށް އޭނާ ހަމަކޮށްދިން އިރު ސުޒޭން ވެފައިވަނީ 20 އަހަރުވީ މާޒިޔާގެ އެންމެ ކާމިޔާބު ކޯޗަށެވެ.

comment ކޮމެންޓް