ކުއްޖާގެ ކާފަ އާއި މުނި ކާފަ މާލެ ގެނެސް ދޫނިދޫގައި ބަންދުކޮށްފި

ރޭޕްގެ މައްސަލައިގައި ތުހުމަތުވާ ކުއްޖާގެ ކާފަ (ކ) އާއި މުނިކާފަ (ވ) -- ސަން ފޮޓޯ/ އަހުމަދު އާޒިފް

ދެ އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުގައި 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ މާލެ ގެނެސް، ދޫނިދޫގައި ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށުން އެ މީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެސްފައި ވަނީ މިއަދު ހެނދުނު އެވެ. އަދި އެއާޕޯޓުން ވަގުތުން ފުލުހުންގެ ލޯންޗަކަށް އަރުވައިގެން އެ މީހުން ވަނީ ދޫނިދޫއަށް ގެންގޮސްފަ އެވެ.

އެ މީހުން ޑޮމެސްޓިކް ޓާމިނަލްއިން ނެރުނު އިރު މުނިކާފަ އިނީ ފުރޮޅުލީ ގޮނޑިއެއްގަ އެވެ. އަދި އެ ކުއްޖާގެ ކާފަ ނުކުމެގެން އައީ ގޮނޑީގެ ފަހަތުންނެވެ. އެ މީހުން ވަށާލާފައި ފުލުހުން ތިއްބެވެ. އެހެން ނަމަވެސް، ބިޑި އަޅުވާފައެއް ނުވެ އެވެ.

ކުއްޖާގެ ކާފަ ވެލާނާ އެއާޕޯޓުން ފުލުހުންގެ ލޯންޗަށް އަރުވަނީ -- ސަން ފޮޓޯ/ އަހުމަދު އާޒިފް

އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި އެދެބަފައިން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް ހާޒިރުކޮށްފައި ވަނީ، ގއ. ގެމަނަފުށީ މެޖިސްޓްރޭޓްކޯޓަށެވެ. އަދި އެ ދެބަފައިންނާ ދެކޮޅަށް އާންމުން ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ މުޒާހަރާ ކުރަން ފެށުމުން، ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ގދ. ކޭޑެއްދޫ ސިފައިންގެ މަރުކަޒަށް އެ ދެ މީހުން ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން އަނިޔާ ލިބުނު ތުއްތު ކުއްޖާގެ ބައްޕަ ވެސް ހުޅުމާލެ ފްލެޓެއްގައި "ފިލާ" އޮއްވާ އާންމުން އެތަނުގެ ބޭރަށް މުޒާހަރާ ކުރަން ފެށުމުން، ފުލުހުން ވަނީ އޭނާ ރޭ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފަ އެވެ. އެތަނަށް އާންމު އެއްވެ ކުރި މުޒާހަރާގައި އެ ފްލެޓްގެ ބިއްލޫރިތައް ތަޅާލައި ބައެއް އާންމުންނާއި ފުލުހުންނަށް ވެސް އެކިވަރުގެ ގެއްލުންވި އެވެ.

ކުއްޖާގެ މުނި ކާފަ ފުލުހުންގެ ބެލުމުގެ ދަށުން އެއާޕޯޓްގައި -- ސަން ފޮޓޯ/ އަހުމަދު އާޒިފް

މިދެބަފައިންގެ ތެރެއިން މިސްކިތުގެ މުދިމުގެ ވަޒީފާގައި ހުރި ކުއްޖާގެ ކާފަ އަކީ މީގެ ކުރިން ވެސް އެކި އުމުރު ފުރައިގެ ކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ރަށު މީހުން ވަރަށް ބޮޑަށް ތުހުމަތު ކުރާ މީހެކެވެ. މީގެ އިތުރުން، މުނި ކާފަ އެ ރަށުގެ އެހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރާ ވީޑިއޯއެއް މިފަހުން ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގެ މައްސަލަ ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ މިހާރު ފުލުހުންނަށް އަންގަވައިފަ އެވެ.

އުމުރުން އެންމެ ދެ އަހަރުވެސް މުޅިން ނުފުރޭ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަން ފަޅާއަރާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. އަންހެން ކުއްޖާ ބެލި ޑޮކްޓަރުންނާ ހަވާލާދީ އެ ކުއްޖާގެ މަންމަ ފަރާތުން އާއިލާއިން ބުނެފައިވާ ގޮތުގައި އެ ކުއްޖާއަށް ވަނީ؛ "އިއާދަ ނުކުރޭ ވަރުގެ ޖިންސީ އަނިޔާތަކެއް ކޮށްފަ" އެވެ.

https://sun.mv/130308

އެކަމާ ގުޅިގެން، ޖެންޑާއިން ވަނީ އެ ކުއްޖާ މިހާރު ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފަ އެވެ. މިކަންކަން ފުރަތަމަ ޖެންޑާއަށް ރިޕޯޓްކުރީ ކުއްޖާގެ މަންމަ ޑުރަގް އޯވަޑޯޒް ވެގެން ފަރުވާއަށް މާލެ ގެނައި ފަހުން، އެ ކުއްޖާގެ ކަންކަން ބަލަމުން ގެންދިޔަ ކުއްޖާގެ މަންމަ ފަރާތުގެ އާއިލާއިންނެވެ.

އެ ކަންކަމާ ގުޅިގެން، އިއްޔެ ހަވީރު ވަނީ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ބަޔަކު މުޒާހަރާ ވެސް ކޮށްފަ އެވެ. އެ ސަރަހައްދަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަޑައިގެންނެވުމުން، އެ މީހުން ވަނީ މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ގޮވާލައިފަ އެވެ.

comment ކޮމެންޓް