ދެކުނުގެ ރަށެއްގައި ދިރިއުޅެމުން އައި އެންމެ ދެ އަހަރުގެ އެ ތުއްތުއްތު ކުއްޖާގެ މަންމަ އާއި ބައްޕަ އަކީ ޑްރަގް އެޑިކްޓުންނެވެ. ކުއްޖާގެ ކާފަ އާއި މުނި ކާފަ އަކީ ފެށުނީއްސުރެ އަންހެނުންނާ "ބެހޭ" ބައެއްކަން ރަށުގެ ގިނަ ބަޔަކަށް އެނގުނު ނަމަވެސް އެކަން އޮތީ އެންމެންނަށް އެނގޭ ބޮޑު ސިއްރެއްގެ ގޮތުގަ އެވެ. އެކަމާ ބަޔަކު އަޅައެއް ނުލަ އެވެ. ތުއްތު ކުއްޖާގެ ކާފަގެ ފަރާތުން، އޭނާގެ އަމިއްލަ އުފަން ދަރިންނަށްވެސް ޖިންސީ ގޯނާ ކުރިމަތިވެފައިވާ ކަމަށް ތުންތުން މަތިން ރަށު ތެރޭ ކިޔާ އުޅެ އެވެ. އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނާ ގޮތުގައި މިސްކިތު މުދިމެއްގެ ވަޒީފާގައި އުޅޭ އެ ކުއްޖާގެ ކާފަގެ އެ ކަންތައްގަނޑު ބޮޑުވެގެން، ސަލާމަތްވާ ދަރިންނާ އެކު އެ ކުދިންގެ މަންމަ އެހެން ރަށަކަށް ބަދަލުވިތާ އަހަރެއްހާ ދުވަސް ވެއްޖެ އެވެ.
އެ ހުރިހާ ކަމެއް ވީއިރުވެސް ރަށުގެ އެއްވެސް މީހަކަށް ގަބޫލު ކުރެވިފައި އަދި ހިޔާލަށް ވެސް ގެނެވިފައި ނެތީ، އެ އެންމެންނާ އެއް ގެއެއްގައި ދިރިއުޅެމުން އައި އެންމެ ދެ އަހަރުގެ އަމިއްލަ ދަރިފުޅަށް އެ ތިން ބަފައިންގެ ފަރާތުން ޖިންސީ ގޯނާ ލިބިދާނެ ކަމެވެ.
އެ ރަށު މީހުން ކިޔައިދިން ގޮތުގައި، އަނިޔާ ލިބުނު ކުއްޖާގެ މަންމަގެ އާއިލާގެ ގިނަ މީހުން ދިރިއުޅެނީ ހިޖުރަކޮށްގެން އެހެން ރަށްރަށުގަ އެވެ. އެހެންވެ، ކުއްޖާގެ މަންމަ އުޅުނީ އާއިލާއާ ވަކިން، ފިރިމީހާ، (ކުއްޖާގެ ބައްޕަ)އާ އެކު އޭނާގެ ގޭގަ އެވެ. އެންމެ ފަހުން ދެ އަހަރުގެ ދަރިފުޅުގެ މަންމަ ވެސް މަސްތުވާ އެއްޗިއްސަށް ދެވިހިފައި އޭގެ އަޅަކަށްވީ އެވެ.
ނަމަވެސް ދެ އަހަރުގެ ތުއްތު ކުއްޖަކު ގޮވައިގެން އެ ހާލުގައި މަންމަ އުޅޭ ތަން ފެނުމުން އަންހެން މީހާގެ އާއިލާ އިން މަސައްކަތްކުރީ އެ ދެމައިން އެމީހުންގެ ހިމާޔަތަށް ގެންދިޔުމަށެވެ. ނަމަވެސް އެންމެ ދެ އަހަރުގެ ތުއްތު ދަރިފުޅު، މަންމަގެ އާއިލާއާ ހަވާލު ކުރުމަށް ކުއްޖާގެ ބައްޕަ ދިޔައީ އަބަދުވެސް ދެކޮޅު ހަދަމުންނެވެ.
ބައްޕަގެ އާއިލާ އަކީ ކޮންކަހަލަ އާއިލާއެއްކަން އެނގޭތީ، މަންމަ ފަރާތު އާއިލާ އިން ތިބެނީ ވަރަށް ސަމާލުވެގެންނެވެ. ކުއްޖާ އަށް އެއްވެސް ކަހަލަ ގޯނާއެއް ލިބިފައިވޭތޯ ދޭތެރެ ދޭރެއިން ބަލަމުންދިޔަ ކަމަށް އެ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"ސަން" އާ މައުލޫމާތު ހިއްސާކުރި އާއިލާގެ ފަރާތުން ކިޔައިދިން ގޮތުގައި ކުއްޖާގެ މަންމަ އޯވާ ޑޯޒްވެގެން މިދިޔަ ހަފްތާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. މަންމަ ހޮސްޕިޓަލުގައި ބޭއްވުމުން މަންމަގެ އާއިލާއިން ކުއްޖާ އާ ހަވާލުވުމަށް އެ ގެއަށް ދިޔުމުން ކުއްޖާ ހަވާލު ކުރަން ބައްޕަ އެ ދުވަހުވެސް ދެކޮޅު ހެދި އެވެ.
ނަމަވެސް މަންމަގެ އާއިލާއިން ދުވާލު ވަގުތު ކުއްޖާގެ ބައްޕަގެއިން ގެންގޮސް، އެމީހުންގެ ގާތުގައި ގެންގުޅެން ފެށި އެވެ. ކަންކަން މަޑުމަޑުން ފަޅާއަރަން ފެށީ އެ ހިސާބުންނެވެ.
"ރޭގަނޑު ގަޑީގައި ކުއްޖާގެ ބައްޕަ އައިސް ކިޔަނީ ބޭބީ މަންމަ ނެތީމާ ރޯނެޔޭ، ބޮޑާ ހާކާނެޔޭ، ދޭށޭ. އަހަރުމެން ހަވާލު ނުކުރަން އުޅުނީމާވެސް އެއްރޭ ގަދަކަމުން ގޮވައިގެން ދިޔައީ،" ނަން ނުޖަހާ ގޮތަށް މައުލޫމާތު ހިއްސާކުރި އާއިލާގެ މެންބަރު ކިޔައިދިނެވެ.
ކުއްޖާގެ ބައްޕަގެ ފަރާތުން ޖިންސީ އަނިޔާގެ ކަމެއް ކުރިމަތިވެދާނެ ކަމަށް އެ މީހުން ހިއެއް ނުކުރެ އެވެ. ހެނދުނު އިރުއަރާއިރަށް ކުއްޖާގެ މަންމަގެ އާއިލާއިން، ކުއްޖާގެ ބައްޕަގެ ގެއަށް ގޮސް އެ ކުއްޖާ ގެނެ އެވެ.
"އެންމެ ރެއަކު ކުއްޖާގެ ބައްޕަގެ ގެޔަށް ނިދަން ގެންދިޔައީ، އެ ވެސް ގަދަކަމުން. އިރު އަރާއިރު ކުއްޖާ ގެނައީ. ބަލާ ދިޔައިރު ކުއްޖާ ހުރީ ކުއްޖާގެ ކާފަ ކައިރީ. ކާފަ މި ބުނަނީ ފެންވަރުވާ ނެޕީ ޖައްސާފަޔޭ ހުންނާނީ،" މަންމަގެ އާއިލާ އަށް ކަމެއް ޝައްކުވާން ފެށީ މިހިސާބުންނެވެ.
އެދުވަހު ކުއްޖާ ގޮވައިގެން ގެޔަށް ދިޔައިރު "ބަނޑަށް ތަދުވާ ވާހަކަ" ކުއްޖާ ބުނިކަމަށްވެ އެވެ. ދެން އެ ހިސާބުން އާއިލާއިން އެތައް ވަރަކުން ސުވާލުކުރުމުން މަޑުމަޑުން ބައެއް ވާހަކަ ކިޔައިދޭން ފެށީ އެވެ.
"ކާކުހޭ އައްދޮ ކުރަނީ އެހީމާ ބުނަނީ ބައްޕަ [ކާފަ] އޭ އައްދޮ ކުރީ، ބޮޑަ ބައްޕަ [މުނި ކާފަ] އޭ އައްދޮ ކުރީ. ބައްޕި އޭ އައްދޮ ކުރީ. އެކަންތައް ވަގުތުން ޖެންޑާ އަށް އެންގީ އެވަރުގެ ކުޑަ ކުއްޖަކު ދޮގެއް ނުހަދާނެތާ،" އޭނާ ކިޔައިދިނެވެ.
ޖެންޑާ އަށް އެކަން އެންގިކަން ކުއްޖާގެ ބައްޕަ އަށް ކޮންމެވެސް ގޮތަކުން އެނގުމާ އެކު މަންމަގެ އާއިލާގެ، ގެޔަށް ގޮސް ގަދަކަމުން ކުއްޖާ އަތުލައިގެން ގެންދިޔަ އެވެ. އެންމެ ފަހުން މަންމަގެ އާއިލާ އިން ކުއްޖާ ހޯދީ ފުލުހުންނާއި ޖެންޑާ މެދުވެރިކޮށް ގަދަބަދަވިކަމުންނެވެ.
ކުއްޖާއަށް އެއްވެސް ކަހަލަ އަނިޔާއެއް ވެފައިވޭތޯ ބެލުމަށް އާއިލާ އިން ދިޔައީ އަތޮޅުގައި ހުންނަ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުން ޓެސްޓުތައް ހެދިއިރު ލިބުނު ނަތީޖާ އަކީ "އިއާދަ ނުކުރެވޭނެ ފަދަ އަނިޔާތަކެއް ކުއްޖާއަށް ލިބިފައިވާ" ކަމެވެ. އެތައް ބޮޑެތި ފިރިހެނުންތަކެއް ވެގެން ކުއްޖާ ރޭޕްކޮށްފައި ހުރިކަން ޑޮކްޓަރު އާއިލާއަށް ކަށަވަރުކޮށްދިނެވެ.
"ހަ ގަޑިއިރުގެ ޓެސްޓުތައް ހެދި. ޓެސްޓުތައް ދެއްކީ ކުއްޖާ ހުރީ ގަދަޔަށް ރޭޕްކޮށްފައިކަން. އަނބުރާ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބިފައި ހުރީ ކުއްޖާއަށް. ޑޮކްޓަރުވެސް އެތަނުން ހެދި ޓެސްޓުތައް ބަލާފައި ޝަހާދަތްކީ. ބުނީ މިއީ އިންސާނުން ކުރާނެ ވަރުގެ ކަމެއް ނޫނޭ. އެހާވަރު ވެފައި ހުރީ،" މިދިޔަ ހަފްތާ ހިނގައިދިޔަ އެ ހާދިސާ އާއި ގުޅޭގޮތުން އެ ވާހަކަ ހިއްސާ ކުރި އާއިލާ މީހާ ބުންޏެވެ.
މިހާރު ކުއްޖާ ހުރީ މަންމަގެ އާއިލާގެ މީހުންގެ ބެލުމުގެ ދަށުގައި ނަމަވެސް ކުއްޖާގެ ކަންތައް ޖެންޑާ މިނިސްޓްރީ އިން ވަރަށް ގާތުން ދަނީ ބަލަމުންނެވެ.
"އެ ކުޑަ ކުއްޖާ އަށް ވާހަކަ ދެއްކޭ. ޖެންޑާ އިން އެކުއްޖާގެ ވަހަކަތައް އެބަ ރެކޯޑު ކުރޭ. މައްސަލަ އެބަ ބަލާ. ކުއްޖާ އެބަ ކިޔައިދޭ ބައްޕި މިހެންނޭ ހެދީ، ކާފަ މިހެންނޭ ހެދީ،" އާއިލާގެ މެންބަރު ބުންޏެވެ.
އަމިއްލަ ބައްޕަ އާއި ކާފަ އަދި މުނިކާފަގެ ފަރާތުން ޖިންސީ އަނިޔާ ކުރިމަތިވި ތުއްތު ކުއްޖާ އަށް ނަފްސާނީ ގޮތުންވެސް ވަނީ ގެއްލުންވެފަ އެވެ. ފާހާނާ އަށް ވަނުމަށް އެ ތުއްތު ކުއްޖާ ބިރުގަނެ އެވެ. ނެޕީ ބަދަލުކުރަން ޖެހިލުންވެ އެވެ. އަބަދު ހުންނަނީ ސިހިސިހި، ރޮވިފަ އެވެ.
ކުއްޖާގެ މަންމަ ޑްރަގް އޯވާ ޑޯޒްވެ މާލެ ގެނެސް ފަރުވާދެމުން ދާއިރު އެ އާއިލާއިން އެކަމުގައި ވެސް ފިރިހެން މީހާގެ އާއިލާއަށް ބޮޑު ތުހުމަތެއް ކުރެ އެވެ. އެ މީހުން ތުހުމަތު ކުރާގޮތުގައި ބައްޕަ އާއި ކާފަ އަދި މުނިކާފަގެ ފަރާތުންކުއްޖާއަށް ޖިންސީ އަނިޔާ ކުރިމަތިވާކަން މަންމަ އަށް ފަޅާއެރުމުން ކުއްޖާގެ މަންމަ "މަރާލަން" ބައްޕަގެ އާއިލާއިން އެކަން ކުރީ ރާވައިގެން އެވެ.
ކުޑަ ކުއްޖާގެ މަންމަ މާލެ ގެނެސް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު ކުއްޖާ އަށް ޖިންސީ ގޯނާކުރި ކުއްޖާގެ ބައްޕަ "ފިލައިގެން" އައިސް މިހާރު އުޅެނީ މާލޭގައި ކަމަށް ވެސް އެ ރަށު މީހަކު ބުންޏެވެ.
"އޭނާ ބުނަނީ އަނބިމީހާ ދެކިލަން ބޭނުމޭ. ކިޔައިގެން މާލެ އައިސް އުޅެނީ. ކުއްޖާގެ ކާފަވެސް މުނި ކާފަވެސް އެބައުޅޭ މިނިވަންކޮށް ރަށުތެރޭ. އެކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރެއްވެސް ނުކުރޭ، އެއްވެސް ފިޔަވަޅެއްވެސް ނާޅާ،" ކަންބޮޑުވުން ފާޅުކުރަމުން މި ހާދިސާގެ މައުލޫމާތު ހިއްސާ ކުރި ފަރާތުން ބުންޏެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން ރޭ ބުނެފައިވަނީ މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި ނަމަވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި މައްސަލަ ބަލަމުންދާ ކަމަށެވެ.
އެންމެ ދެ އަހަރުގެ ތުއްތު ކުއްޖަކަށް ކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވެފައިވާއިރު، އެ މައްސަލާގައި އެމީހުން ހައްޔަރުކޮށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިއުން އެބަ އޮތެވެ.
އަނިޔާ ލިބުނު ތުއްތު ކުއްޖާގެ މަންމަގެ އާއިލާގެ ކަންބޮޑުވުމަކީ ވެސް އެކަމުގައި ތުހުމަތުވާ މީހުން ދޫވެފައި ވުމެވެ. އެ މީހުން ބުނަނީ، އެ ތުހުމަތުވާ މީހުން އެންމެ ހިނދުކޮޅަކަށް ވެސް މުޖުތަމައަށް ދޫވެފައި ތިބުމަށް އެ މީހުން ބޭނުން ނުވާ ކަމަށެވެ. އަދި ކުއްޖާއަށް ވެސް ރައްކާތެރިކަން ދޭން ފުރަތަމަ އަޅަން ޖެހޭ މުހިންމު ފިޔަވަޅަކީ އެއީ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.
"މިއީ ރޭވިގެން ކޮށްފައި އޮތް ކަމެއް. ތިން ބަފައިން ކުރި ކަމެއް. އެހެން އެކަން އޮއްވާ އެ މީހުން ހަމަ މިނިވަންކަމާ އެކު އުޅެނީ. ފިޔަވަޅެއް ނޭޅޭ. އަޅުގަނޑުމެން ބޭނުމެއް ނޫން އެ މުޑުދާރު ހަޑި ހުތުރު އަމަލު ހިންގި މީހުން އެންމެ ހިނދުކޮޅަކަށް ވެސް ދޫވެފައި ތިބެން،" އަންހެން ކުއްޖާގެ މަންމަގެ އާއިލާގެ މެންބަރަކު ބުންޏެވެ.