ސަރަނގު އާދަމް މަނިކު އެމްޑީޕީއާ ދުރަކަށް ނުދޭ، ވީ ގުރުބާނީ!

މައްޗަންގޮޅީ ދެކުނު ދާއިރާއަށް ސަރަނގު އާދަމް މަނިކު ކުރިމަތިލެއްވމުން އެމަނިކުފާނަށް ކެމްޕެއިން ކުރުމަށް 2010 ވަނަ އަހަރު ބޭއްވި ކެމްޕެއިން ހަފްލާއެއްގައި ރައީސް ނަޝީދު އޭނާއާ ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ އަލީ ނަސީރު

ލޯކަލް ކައުންސިލް އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު، އެންމެ ވާދަވެރި ރޭހަކީ، މާލޭ ސިޓީގެ މޭޔަރު ކަމުގެ ރޭހެވެ. މި ރޭހުގެ ވާދަވެރިކަން އެންމެ ބޮޑީ، ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ތެރޭގައެވެ.މި މަހުގެ 31 ވަނަ ދުވަހު ބާއްވާ އެމްޑީޕީ ޕްރައިމަރީގައި މާލޭ ސިޓީގެ 19 ގޮނޑިއަށް ހަމައެކަނި އެމްޑީޕީން 48 މީހަކު ވާދަކުރެ އެވެ. އޭގެ ތެރެއިން ހަތް މީހަކު ވާދަކުރަނީ މޭޔަރުގެ މަގާމަށެވެ.

މި ހަތް ބޭފުޅުންގެ ތެރޭގައި މެދުކެނޑުމެއް ނެތި އެމްޑީޕީގެ އިސް ސަފުން ފެންނަ މޫނުތަކާއި، ސިޓީ ކައުންސިލުގައި ރީނދޫ ކުލަ ތަމްސީލު ކުރާތާ ދެ ދައުރު ހަމަވެފައި ތިއްބެވި ބޭފުޅުން ވެސް އެބަތިއްބެވެ. ގިނަ ބޭފުޅުން ވަނީ އެމްޑީޕީ އާންމު މެމްބަރުންގެ އިތުބާރު ހޯދައިފަ އެވެ.

މި ބޭފުޅުންނާ ވާދަކުރައްވަން ދެން މި ހުންނެވީ އެމްޑީޕީއަށް އެންމެ ބޭނުން ޖެހުނު ގަޑީގައި އެމްޑީޕީ ދޫކޮށްލެއްވި ކަމަށް އެ ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުން ތުހުމަތު ކުރައްވާ މާލޭ ސިޓީ ކައުުންސިލްގެ ކުރީގެ މޭޔަރު، ސަރަނގު އާދަމް މަނިކެވެ. ސަރަނގު އާދަމް މަނިކަކީ އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އަރިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޭރު އާދަމް މަނިކު މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވީވެސް އެމްޑީޕީ ޓިކެޓުގަ އެވެ.

ޖެނުއަރީ 13، 2020: ސަރަންގު އާދަމް މަނިކު ސަން އަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ަފަޔާޒު މޫސާ

އެހެން ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ވެއްޓި، ޑރ. ވަހީދު ހުސައިން މަނިކު ވެރިކަމަށް ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ނަޝީދުގެ އަރިހުގައި ހުންނެވި ސަރަނގު އާދަމް މަނިކު ފެނުނީ ރައީސް ވަހީދުގެ ފަހަތުންނެވެ. ދެހާސް ތޭރަ ވަނަ އަހަރުގެ ޖޫން އަށްވަނަ ދުވަހުގެ ރޭ ޓީވީ އިން ވަގުތުން ދުރަށް ދެއްކި ބޮޑު ރަސްމިއްޔާތެއްގައި ސަރަނގު އާދަމް، ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީއާ ގުޅިވަޑައިގެންނެވިކަން އިއުލާނުކުރެއްވިއެވެ.

އެ ރެއާއި ހަމައަށް ވެސް ސަރަނގު ހުންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައެވެ. އެމްޑީޕީއަށް ގިނަގުނަ ހިދުމަތްތަކެއް ވެސް ކޮށްދެއްވިއެވެ. އެހެންކަމުން އެ ނިންމުން ވެގެންދިޔައީ އެމްޑީޕީގެ މެމްބަރުންނަށް ބަލައިގަންނަން ވަރަށް ދަތިވި ކަމަކަށެވެ. އެމްޑީޕީ މެމްބަރުން އިންތިހާއަށް ނަފުރަތު ކުރާ ޑރ. ވަހީދުގެ ޕާޓީއަށް ސަރަނގު އާދަމް ދިއުން، އަދި އެމަނިކުފާނުގެ ކެމްޕޭނުގައި ބައިވެރިވުން އެ މެމްބަރުން ސިފަކުރަނީ ވަރަށް ބޮޑު ބޭވަފާތެރިކަމެއްގެ ގޮތުގައެވެ. އެ ނުރުހުން އެމްޑީޕީގެ ބައެއް މެމްބަރުންގެ ހިތުގައި އަދިވެސް އެބަ އޮތެވެ.

ގައުމީ އިއްތިހާދު ޕާޓީ އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ސަރަނގު އާދަމް އެ ޕާޓީއާ ގުޅިވަޑައިގެންނެވުމުގެ ކުރިން، އެކަކު މަދުވެގެން އެ ޕާޓީ އުވިގެންދާނަމަ، ގައުމީ އިއްތިހާދު ޕާޓީއަށް ސޮއިކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ވަހީދަކީ އެމަނިކުފާނުގެ "ބެސްޓް ފްރެންޑް" ކަމަށް ވިދާޅުވެ ޑރ. ވަހީދަށް ވަރަށް ބޮޑަށް ތައުރީފު ވެސް ކުރެއްވިއެވެ. "ފަރުދެއްގެ ހައިސިއްޔަތުން" ރިޔާސީ އިންތިހާބުގައި ތާއިދު ކުރައްވާނީ ރައީސް ވަހީދަށް ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން އެމްޑީޕީ މެމްބަރުންނަށް ގަބޫލުކުރެވުނީ ގައުމު ހަލަބޮލިވެ، ރައީސް ވަހީދުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ ފަރާތްތަކުން ކުރިމަތިވި ފިއްތުންތަކުން ރެކުމަށް ސަރަނގު ސަލާމަތުގެ އައްސޭރިއަކަށް އެރީ ކަމަށެވެ. ޑރ. ވަހީދުގެ ފަހަތަށް ވަދެ، އެ ކޮޅިގަނޑުން ހިމާޔަތް ހޯއްދެވީއެވެ. އެމްޑީޕީއަށްޓަކައި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ސަރަނގު މި ހެއްދެވީ ކިހިނެތް ހެއްޔެވެ؟ ސަރަނގަކީ ހަމަ އެހާ ފިނޑި މީހެއް ބާއެވެ؟ ގައުމީ އިއްތިހާދާ ގުޅިވަޑައިގެންނެވި އަސްލު ސަބަބަކީ ކޮބާހެއްޔެވެ؟ ސިޔާސީ އޮޑި ބަދަލުކޮށްލަން ޖެހިވަޑައިގަތީ މަޖުބޫރަކުން ހެއްޔެވެ؟

"އެކަމާ ޝަކުވާއެއް އޮތް ބޭފުޅަކު ވިއްޔާ ރައީސް ނަޝީދު ކައިރީގަ އައްސަވާލައްވައި އަޅުގަނޑު ޑރ. ވަހީދު ކައިރިޔަށް ދިޔައީ ކީއްވެގެންތޯ. ކާކު ހިމާޔަތް ކުރަންތޯ، ކާކު ރައްކާތެރި ކުރަންތޯ،" ސަރަނގު އާދަމް ވިދާޅުވިއެވެ.

ސަރަނގު އާދަމް ވިދާޅުވީ އޭނާ ރައީސް ވަހީދުގެ އަރިހުގައި މަސައްކަތް ކުރަން ފެއްޓެވީ ރައީސް ނަޝީދު ފަރެސްމާތޮޑާގައި ހުންނަވަނިކޮށް ހައްޔަރުކޮށްގެން މާލެ ގެނެސް ކޯޓަށް ހާޒިރުކުރި ހިސާބުން ކަމަށެވެ. އެހިސާބުން ފެށިގެން ރައީސް ނަޝީދާއި އެމްޑީޕީގެ އާންމު މެމްބަރުން ހިމާޔަތަށްޓަކައި، ރައީސް ވަހީދާއެކު މަސައްކަތް ކުރަން "ޑީލް" އެއް ހެދީއެވެ.

ސަރަނގު އާދަމް ޑރ. ވަހީދުގެ ސަރުކާރާ ގުޅި އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރުމުގެ ބަދަލުގައި ނަޝީދުގެ މައްޗަށް ދައުވާއެއް ނުކޮށް، މިނިވަނެއްގެ ގޮތުގައި އެމަނިކުފާނު ހުންނަވައި ޖެހިގެން އައި އިންތިހާބުގައި ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރެވޭނެކަން ކަށަވަރު ކުރިއެވެ. އަދި އާންމު ރައްޔިތުންގެ ލޯތަކަށް ނުފެންނަ ހެން، މުޒާހަރާތަކުގައި އަނިޔާވެ، ޖަލަށް ލަމުން ދިޔަ އެމްޑީޕީގެ މެމްބަރުންނަށް ހިމާޔަތް ހޯދައިދިނުމަށް ހިތާ ދެކޮޅަށް، އެމްޑީޕީގެ ފިކުރު ނޫން އެހެން ފިކުރެއްގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ.

"ރައީސް ޔާމީން ވެރިކަމަށް އައިސްގެން ދެން އެ އޮންނަ ހަސަދަވެރިކަމެއްގައި ރައީސް ނަޝީދުގެ މައްޗަށް ދައުވާކޮށް ޖަލަށް ލަންދެން ހުންނެވީ މިނިވަނެއްގެ ގޮތުގައި. އެވަރުގެ ގުރުބާނީއެއް ކުރީ ކާކުތޯ؟ ނުހުންނާނެ އެމްޑީޕީއަށް އަޅުގަނޑަށް ވުރެ ބޮޑަށް ގުރުބާނީ ކުރާ މީހަކު،" ސަރަނގު އާދަމް ވިދާޅުވިއެވެ.

މިއޮއް ހުރިހާ ދުވަހު އެވާހަތައް ނުދައްކަވާ ހުރެފައި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ވޯޓުގެ ދަހިވެތިކަމުގައި އާ ވާހަކަތަކެއް ސަރަނގު ދައްކަވަނީ ކަމަށް ބަޔަކު ތުހުމަތުކޮށްފާނެއެވެ. އާންމު މެމްބަރުންްގެ އިތުބާރާއި ލޯބި އަލުން ހޯދުމަށް، ސަރަނގު އާދަމަކީ ނަޝީދާއި އެމްޑީޕީއަށްޓަކައި ގުރުބާން ކުރި ކަންބަޅި އަށް ވާން މަސައްކަތް ކުރަނީ ކަމަށް ވެސް ބަޔަކު ބުނެފާނެ އެވެ.

ނަމަވެސް ރައީސް ވަހީދުގެ ސަރުކާރުގައި އެވާހަކަތައް ދެއްކޭކަށް ނެތެވެ. އެވާހަަކަ ދައްކައިފިނަމަ އަނެއްކާވެސް ރައީސް ނަޝީދު ފަހާ ދުއްވައިގަތީހެވެ. އެހެންކަމުން އެ ވާހަކަތައް ފާޅުގައި ދެއްކުން ބުއްދިވެރި ނޫންކަމަށް ދެކިވަޑައިގެން، މަޑުމަޑުން ހުންނެވީއެވެ.

"ބައެއް ކަހަލަ ކަންކަން ޖެހޭނެ، ޕާޓީ އަށާއި ޕާޓީގެ ލީޑަރުންނަށްޓަކައި ކުރާ ގުރުބާނީތައް ފޮރުވާފައި ބަހައްޓަން. އެންމެން ފިލަފިލައިގެން ގޮސް ލަންކާގައި އުޅުނު އިރު އަޅުގަނޑު ވަހީދު ކައިރީގައި ހުރީ މި މައްސަލަތައް ހައްލު ކުރެވޭތޯ. ބައްލަވާ ކޮންމެ ރެޔަކު އެމްޑީޕީގެ އެކްޓިވިސްޓުން މަގުމައްޗަށް ނުކުތީމަ ދިހަ ބާރަ ކުދިން ހައްޔަރުކުރޭ. ވިހި ތިރީސް ކުދީން ގައިގަ ތަޅާލާ. އެދުވަހުން ފެށިގެން އެކުދިން ހިމާޔަތްވެފައި ތިބީ ސަރަނގު އާދަމް މަނިކު ކުރި މަސައްކަތުންނޭ،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އާންމު މެމްބަރުންނަށް ނޭނގުނު ނަމަވެސް، ސަރަނގު އާދަމް ވެވަޑައިގެންނެވި ގުރުބާނީ އަކީ އެމްޑީޕީގެ ލީޑަޝިޕަށް އެނގޭނެ ކަމެއް ކަަމަށް އޭނާ ވިދާޅުވިއެވެ. މިއަދު އަނެއްކާވެސް އެމްޑީޕީގެ ޓިކެޓަށް ވާދަކުރެއްވުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިގަތީ އެހެންވެއެވެ. އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށްފަހު، އަދި އަމިއްލަ ހައިސިއްޔަތުން ރައްޔިތުންްގެ މަޖިލީހަށް ވާދަކުރެއްވި އިރުވެސް ތަކުރާރުކޮށް ވިދާޅުވަމުން ދިޔައީ އެންމެ ވާހަކައެކެވެ. އެއީ ދުވަހަކު ވެސް އެމްޑީޕީއާ ދުރުނުވާ ކަމަށާއި، އަބަދުވެސް ތާއީދު ކުރާނީ އެމްޑީޕީގެ ފިކުރަށް ކަމަށެވެ. މިއަދު ވެސް ތަކުރާރު ކުރައްވަނީ ހަމަ އެ ވާހަކައެވެ.

މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވާ އާދަމް މަނިކު ކެމްޕެއިން ލޯންޗް ކުރުމުގެ ޖަލްސާގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

އެހެންކަމުން ގަނޑެއްގައި ސޮއިކޮށް، ޓީވީން އެ ފެނުނު މަންޒަރުތަކަކީ ބައެއްގެ ލޮލުގައި އެޅުވި އަނދުނެކެވެ. ޕާޓީއަށް ސޮއިކުރި ރެޔާ ޖެހިގެން އައި ދުވަހުގެ އިރު އެރި އިރު، ސަރަނގު އާދަމް އެ ސޮއިކުރި ފޯމު ވެސް "ގެއްލުނު" ކަމަށް ވެއެވެ. އެ ފޯމަށް ވީގޮތެއް ވެސް ނޭނގުނެވެ.

ކޮންމެ ޕާޓީއެއްގެ ދަފްތަރުގައި ސަރަނގު އާދަމް މަނިކުގެ ނަން އޮތް ނަމަވެސް، ހިތް އޮތީ އެމްޑީޕީގަ އެވެ. އެ ފިކުރެއް، އެ ލޯތްބެއް ދުވަހަކު ވެސް ފަނޑުނުވާނެ ކަމުގެ ޔަގީންކަން ސަރަނގު ދެއްވަ އެވެ.

"އެމްޑީޕީގެ މެމްބަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑު އެއް އިރެއްގައި ވެސް އެމްޑީޕީ އަކާ ދުރެއް ނުވަމޭ. އަޅުގަނޑު އަބަދުވެސް ހުރީ އެމްޑީޕީގައޭ،" ސަރަނގު ވިދާޅުވިއެވެ.

comment ކޮމެންޓް