ގޭގެ އެކި ކަންތައްތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ރީތިވާ ސާމާނު އެއް ތަނަކުން ލިބޭ މާޓެއް، "ގަންނަ މާޓު"ގެ ނަމުގައި ރޭ ހުޅުވައިފި އެވެ.
އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ފަރާތުން ހުޅުވި އެ މާޓު ރޭ ރަސްމީކޮށް ހުޅުވައިދެއްވީ އޭޑީކޭ ކުންފުނީގެ ޗެއާމަން އަދި ސީއީއޯ އަހުމަދު ނާޝިދެވެ.
ގަންނަ މާޓު ރަސްމީކޮށް ހުޅުވާފައިވަނީ ކުލަގަދަ ހަރަކާތްތަކާއެކުގަ އެވެ. އެގޮތުން ބޮޑުބެރާއި ނެށުމުގެ ހަރަކާތްތަކާއެކު ގިނަ ބަޔަކު ވަނީ މާޓު ހުޅުވި ރަސްމިއްޔާތު ބަލާލުމަށް އެއްވެފަ އެވެ.

"ގަންނަ މާޓް" ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ބޮޑުބެރުގެ ހަރަކާތްތައް ކުރިއަށް ދަނީ --- ސަން ފޮޓޯ
މ. އަލިވެލި، ބުރުޒުމަގު ކަންމައްޗަށް ވާގޮތަށް ހުޅުވާފައިވާ އެ މާޓުން ތަފާތު ބާވަތުގެ ތަކެތި ލިބޭނެ އެވެ. އެގޮތުން މާޓުގެ ގްރައުންޑް ފްލޯއިން ކައްކާ ކެއުމަށް ބޭނުންވާ ތަކެތި ލިބޭނެ އެވެ. އޭގެތެރޭގައި ޖޫހާއި މޭވާ އާއި ތަރުކާރީގެ އިތުރުން ގަނޑުކުރި މަސް އަދި ސަޔާއި ކޮފީ ހިމެނެ އެވެ.
ގަންނަ މާޓުގެ ދެވަނަ ފަންގިފިލާއިން ލިބޭނީ ރީތިވުމަށް ބޭނުންވާ ސާމާނާއި ކުޑަކުދިން ކުޅެން ބޭނުންވާ ސާމާނުތަކެވެ.

އަލަށް ހުޅުވި "ގަންނަ މާޓު" އިން ތަފާތު ވައްތަރުގެ ސާމާނު އާންމުންނަށް ލިބެން ހުންނާނެ --- ސަން ފޮޓޯ
މިރޭ އެ މާޓު ހުޅުވުމާއެކު 10 ޕަސެންޓްގެ ޑިސްކައުންޓެއް، އޯޕެނިން ޑިސްކައުންޓްގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ހުކުރު ދުވަހު އެ ފިހާރަ ހުޅުވާފައި ހުންނާނީ މެންދުރު ފަހު 2:00 އިން ރޭގަނޑު 11:00 އަށެވެ. ހަފްތާގެ އެހެން ދުވަސްތަކުގައި އެ ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 7:00 އިން ރޭގަނޑު 11:00 އަށެވެ.