ގޯލްޑް 100 ލައިފްޓައިމް އެޗީވްމަންޓް އެވޯޑު އޭޑީކޭ ނާޝިދަށް

"ގޯލްޑް 100" ހަފްލާގައި އޭޑީކޭ ގްރޫޕް ކުންފުނީގެ ފައުންޑަރ އަދި ޗެއާމަން މުޙަންމަދު ނާޝިދަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވަނީ--- ފޮޓޯ/ ރައީސް އޮފީސް

ކޯޕަރޭޓް މޯލްޑިވްސް އިން ބާއްވަމުން އަންނަ "ގޯލްޑް 100" ގެ އެންމެ ޝަރަފްވެރި އެއް އެވޯޑް ކަމުގައިވާ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" އޭޑީކޭ ގްރޫޕްގެ ބާނީ އަޙްމަދު ނާޝިދަށް ލިބިވަޑައިގެންފިއެވެ.

ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ވަރުގެ މަސައްކަތްތަކެއް ކުރައްވާފައިވާ އޭޑީކޭ ގްރޫޕް ކުންފުނީގެ ބާނީ އަދި ޗެއާމަން މުޙަންމަދު ނާޝިދަށް މި އެވޯޑު ދިނީ އެކަމަށްޓަކައި ކްރޮސްރޯޑުގައި ރޭ ބޭއްވި ހާއްސަ ހަފްލާގައެވެ. މި އެވޯޑް ނާޝިދަށް ދެއްވީ ހަފްލާގެ ޝަރަފްވެރި މެހެމާން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

އޭޑީކޭ ނާޝިދަށް މި އެވޯޑު ދިނީ ވޭތުވެދިޔަ 36 އަހަރުދުވަހުގެ ތެރޭގައި ވިޔަފާރީގެ ތެރެއިން ރާއްޖޭގެ އިޤްތިސާދަށާއި، ދިވެހިންގެ ލާބައަށް އޭނާ ކޮށްދެއްވި އަދި މިހާރުވެސް ކޮށްދެއްވަމުންގެންދަވާ ޙިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

"ގޯލްޑް 100" ހަފްލާގައި އޭޑީކޭ ގްރޫޕްގެ ފައުންޑަރ އަހުމަދު ނާޝިދު---

ނޭވީ މާޗަންޓެއްގެ ގޮތުގައި މަސައްކަތުގެ ދާއިރާއަށް ނާޝިދު އެންމެ ފުރަތަމަ ނިކުންނެވީ އޭނާގެ އުމުރުން އެންމެ 17 އަހަރުގައެވެ. އެއަށްފަހު މިހާރު އެންމެނަށް މި ފެންނަ އޭޑީކޭގެ ވުޖޫދަށް އައިސްފައިވަނީ 1980 ގެ މެދުތެރޭގައި ސިއްހީދާއިރާއަށް އިންވެސްޓްކުރައްވައި ކުރެއްވި ކާމިޔާބު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ގޯލްޑް 100 ގާލާ އިވެންޓުގައި ވާހަކަދައްކަވަމުން އޭޑީކޭ ގްރޫޕް އޮފް ކޮމްޕެނީގެ ފައުންޑަރ އަދި ޗެއާމަން މުހަންމަދު ނާޝިދު ވިދާޅުވީ، ވިޔަފާރީގެ ކާމިޔާބީ ގުޅިފައިވަނީ، މަސައްކަތަށް ދެއްވުނު ޝައުގުވެރިކަމާއި މިކަމުގައި ކުރިއަށް ވަޑައިގަތުމަށް އާއިލާގެ ފަރާތުން ލިބުނު އެއްބާރުލުންކަމަށެވެ. މިގޮތުން ނާޝިދު ވަނީ، އެހާހިސާބަށް އައުމުގެ ފަހަތުގައި ހުންނެވި، އޭނާގެ އަންހެނުން މާނާ ރާފިއުގެ ނަން ހާއްސަ ގޮތެއްގައި ފާހަގަކުރައްވާފައެވެ.

"ގޯލްޑް 100" ހަފްލާގައި ނާޝިދު ވާހަކަދައްކަވަނީ--- ސަން ފޮޓޯ/ އަހުމަދު ސަދޫފް

ގޯލްޑް 100 އާ ބެހޭގޮތުން ނާޝިދު ވިދާޅުވީ، އެވޯޑު ލިބުނު ކުންފުނިތައް މިއަދު މިހާ ހިސާބަށް އައިގޮތް މިސާލު ޖައްސަވާފައިވަނީ، ތިނޯހެއްގެ ފަގައެއްގެ ތެރެއިން ނިކުމެގެން ކުރެއްވި މަސައްކަތުންކަމަށެވެ. އަދި ކުންފުނިތަކުން މިހާހިސާބަށް އައިސްފައިވަނީ ވިޔަފާރީގައި ކުރިމަތިވި އެތަކެއް ގޮންޖެހުންތަކާއި ކުރިމަތިލުމަށްފަހު ކާމިޔާބު ހޯދައިގެންކަމަށާއި، މިގޮތުން އެފަރާތްތަކުގެ އަގު ވަޒަންކުރުމުގެ މުހިއްމުކަމަށް ނާޝިދު ވިދާޅުވިއެވެ.

"އެންމެ ރަނގަޅު 100 ކުންފުނި ހޮވާގޮތަށް، މިހާރު އެބަޖެހޭ ޓޫރިޒަމް އިންޑަސްޓްރީގެ ރިސޯޓްތަކާއި ހޮޓާތައް ވެސް ރޭޓް ކުރެވެން. މިކަން ކުރަން ކޮންމެހެން ފޯބްސް ބޭނުމެއް ނުވޭ. ދިވެހި ކުންފުނިތަކަށް ވެސް މިކަން ކުރެވޭނެ" ނާޝިދު ވިދާޅުވިއެވެ.

ގޯލްޑް 100 ހަފްލާގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އެންމެ އިސްވެރިންނާއި ބައެއް ޤައުމުތަކުގެ ސަފީރުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. މިއީ ކޯޕަރޭޓް މޯލްޑިވްސްއިން ގޯލްޑް 100 އެވޯޑް ދިން 7 ވަނަ ފަހަރެވެ.

ކޯޕަރޭޓް މޯލްޑިވްސްއިން ކޮންމެ އަހަރަކު ވެސް އިންތިޒާމްކޮށް ބާއްވަމުން އަންނަ "ގޯލްޑް 100" ގާލާ އަކީ ރާއްޖޭގެ އެންމެ ވަރުގަދަ ވިޔަފާރި ކުންފުނިތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވަމުން އަންނަ އިވެންޓެކެވެ.

މިގޮތުން އެންމެ ރަނގަޅު 100 ކުންފުނި ހޮވުމުގައި ބަލަނީ ވޭތުވެދިޔަ އަހަރު ވިޔަފާރީގެ ރޮނގުން ކުންފުނި ހޯދާފައިވާ ކުރިއެރުމަށެވެ. މިއީ ތަރުތީބުން ރޭންކް ކުރެވިގެން ދޭ އެވޯޑެއް ނޫނެވެ.

comment ކޮމެންޓް