އޭޑިކޭއިން ޓެސްޓިން އަގުހެޔޮކޮށް، ވީއައިއޭގައި ލެބެއް

އަލަށް ހުޅުވި ޕީސީއާރު ޓެސްޓިން ލެބް ހުންނާނީ ޓީއެމްއޭ ޓާމިނަލްގައި --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އޭޑީކޭ ހޮސްޕިޓަލް އާއި ލަކްސް ރިސޯޓްސް ގްރޫޕުން ގުޅިގެން ވެލާނަ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ޕީސީއާރު ޓެސްޓު ކުރުމަށްޓަކައި ލެބެއް ހުޅުވައިފި އެވެ.

ވީއައިއޭގައި ހުޅުވި ޓެސްޓް ލެބު ހުންނާނީ ޓީއެމްއޭ ޓާމިނަލްގަ އެވެ. އެ ޓެސްޓިން ލެބް ހުޅުވާފައިވަނީ މިއަދު އެކަމަށް ހާއްސަކޮށް ބޭއްވި ވާޗުއަލް އިވެންޓެއްގަ އެވެ. އެ ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިންނެވި އެވެ.

އަލަށް ހުޅުވި ޓެސްޓް ލެބާއެކު އޭޑީކޭއިން ކޮވިޑް-19 ޓެސްޓް ހެދޭ ޓެސްޓު ލެބްގެ އަދަދު ވަނީ މިހާރު ތިނަކަށް އަރާފަ އެވެ. އެއީ ޓީއެމްއޭގެ ޓާމިނަލްގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުންނާއި ނ. މާފަރު އެއާޕޯޓުގައި ހުންނަ ޓެސްޓް ލެބެވެ.

އެ ޓެސްޓް ލެބް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޑީކޭ ގްރޫޕްސްގެ ސީއީއޯ އަހުމަދު ނާޝިދު ވިދާޅުވީ އެ ޓެސްޓް ލެބް ހެދުމަށްޓަކައި ބޮޑު އެހީއެއް ދީފައިވަނީ ލަކްސް އިން ކަމަށެވެ.

ޓެސްޓް ހެދުމަށްޓަކައި ބޭނުންވާ ލެބަށް ތަން ހަމަޖައްސައިދިނީ ޓީއެމްއޭއިން ކަމަށް އޭނާ ވިދާޅުވި އެވެ. ލެބް ހެދުމަށް ބޭނުންވާ ތަން ދީފައިވަނީ ހިލޭ ކަން ވެސް ނާޝިދު ފާހަގަކުރެއްވި އެވެ.

ނާޝިދު ވިދާޅުވީ އެ ޓެސްޓް ލެބަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާނެ ލެބެއް ކަމަށެވެ. އެގޮތުން އެ ލެބު މިއަދު ހުޅުވިއިރު އެ ލެބުން ފުރިހަމަ އޮޓޮމޭޓޭޑް ރޯޗް ލައިޓް ސައިކްލާ 480 ޕީސީއާރު ސިސްޓަމް ބޭނުންކޮށްގެން ޓެސްޓް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީސީއާރު ޓެސްޓިންގެ އަގު އަނެއްކާ ކުޑަވާނެ

އަލަށް ހުޅުވި ޓެސްޓް ލެބާއެކު ޕީސީއާރު ޓެސްޓު ހަދާ އަގަށްވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ. އެގޮތުން މިއަދުން ފެށިގެން ފަތުރުވެރިންގެ ޕީސީއާރު ޓެސްޓަށް ހަރަދުކުރަން ޖެހޭނީ 70 ޑޮލަރެވެ.

މީގެކުރީން އޭޑީކޭއިން ފަތުރުވެރިންގެ ޕީސީއާރަށް ނަގަމުން އައީ 80 ޑޮލަރެވެ. އަދި ދިވެހީންނާއި ވޯކް ޕާމިޓު އޮންނަ ބިދޭސީންގެ ޕީސީއާރު ޓެސްޓު ހަދައިދޭނީ 1،100 ރުފިޔާއަށް ކަމަށްވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

ނާޝިދު ވިދާޅުވީ ޕީސީއާރު ޓެސްޓު ހެދުމަށް ފައިސާ ނެގިނަމަވެސް އެއީ އާމްދަނީއެއް ހޯދުމަށް ކުރަމުން ގެންދާ ކަމެއް ނޫން ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވަނީ ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންގެ މެދުގައި ކޮވިޑް-19 ކޮންޓްރޯލުކުރުމަށްޓަކައި ރިސޯޓުތަކާއި ޓީއެމްއޭއިން މަސައްކަތް ކުރާކަން ފާހަގަކުރައްވާފަ އެވެ.

ގިނަ އަދަދަކަށް މިހާރު ފަތުރުވެރިން ރާއްޖެ އަންނައިރު ރާއްޖޭގެ ޓެސްޓިން ކެޕޭސިޓީ އިތުރުވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ޓެސްޓިން ކެޕޭސިޓީ ވަރުގަދަ ކުރުމަށް ސަރުކާރުގެ އިތުރުން ޕްރައިވެޓް ސެކްޓާތަކުން މަސައްކަތް ކުރަމުން ގެންދާތީ އެކަން ބަލައިގަންނަ ކަމަށެވެ.

comment ކޮމެންޓް