އަތޮޅު ފިހާރަތަކާ އެކު މާލޭ ބަނދަރު ސަރަހައްދު ތަރައްގީކުރަނީ

މާލެ މަތިން ޕޯޓް ސަރަހައްދު: ރައީސް ވިދާޅުވީ މާލޭ ޕޯޓް ގުޅީ ފަޅަށް ބަދަލުކުރުމުން އެ ސަރަހައްދު އިތުރަށް ތަރައްގީ ކުރާނެ ކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ވިޔަފާރީ ބަނދަރު ނުވަތަ މާލޭ ޕޯޓް ގުޅީ ފަޅަށް ބަދަލުކޮށް އެތަން ހުސް ކުރުމަށްފަހު އެ ސަރަހައްދު ބޮޑެތި ބަދަލުތަކަކާއި އެކު ތަރައްގީ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ "އެމްޑީޕީގެ ތިލަދުންމަތީ އިރުވައި ކޮންފަރެންސް"ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މާލޭ ޕޯޓް ގުޅީފަޅަށް ބަދަލު ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށާއި ބަނދަރު ހުސްކުރުމަށްފަހު އެތަން ތަރައްގީ ކުރުމުގެ ޕްލޭނެއް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ ފަސް އަހަރު ނިމިގެންދާއިރުގައި މާލޭގެ އެ ސަރަހައްދު (ޕޯޓް ސަރަހައްދު) ވަރަށް ބޮޑު ބަދަލަކާ އެކީގައި ތަރައްގީ ކުރުމުގެ މަސައްކަތް އެ ކުރިއަށް ގެންދަވަނީ،" ރައީސް ވިދާޅުވި އެވެ.

މާލޭގެ މާރުކޭޓް ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރަތައް ވެސް އިތުރަށް ތަރައްގީ ކުރުމުގެ ޕްލޭނެއް އެކުލަވާލާފައިވާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އެކަމުގެ އިތުރު ތަފްސީލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގުދުރަތީ ވަސީލަތްތައް އެންމެ ގިނަ އެއް އަތޮޅުގެ ގޮތުގައި ފާހަގަވެފައިވާ ތިލަދުންމަތީގެ މުއްސަނދިކަން އެ އަތޮޅުގެ ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާނެ ކަން ރައީސް ސޯލިހު ވިދާޅުވި އެވެ. އެއާ އެކު އަރިހުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް އަރިހުގައި ވާހަކަފުޅެއް ވިދާޅުވި އެވެ. އެއަށްފަހު ހިނިފުޅުވަޑުވާލެއްވުމަށްފަހު ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ.

"އެނިގިވަޑައިގަންނަވާނެ ލާމަރުކަޒީ ގާނުނުގައި އެއޮތް ގޮތުން ލިބޭ އާމްދަނީތައް އެހެންވެގެން ވަކިގޮތަކަށް ބަހަން ނިންމާފައި އެ އޮތީ އެގޮތަށް ބެހިގެންދާއިރުގައި ތިލަދުންމަތިން އެ ލިބިދޭ މުއްސަނދިކަމުގެ ފައިދާ އެހެން އަތޮޅު ތަކުގެ އެހެން ރަށްތަކަށް ބެހިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް