ސައުދީ އަރަބިއާގެ ފުޓްބޯލް ފެޑްރޭޝަނާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އާ ދެމެދު ހެދި އެއްބަސްވުން ލަސްވެގެން ދިޔައީ އެ އިދާރައިގެ ރައީސް ބައްސާމް އަދީލް ޖަލީލް އެކަމާ ނޫޅުމުން ކަމަށް ކުރީ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
ސައުދީގެ ޖިއްދާގައި ހުންނަ އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުގެ އިދާރައިގައި އިއްޔެ ރާއްޖެއާ އެކު އާއެކު ހެދި އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ ވެސް ބައްސާމެވެ. ސައުދީގެ ފެޑްރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ފެޑްރޭޝަންގެ ޖެނަރަލް ސެކެޓްރީ އިބްރާހިމް އަލް ގާސިމެވެ.
އެއްބަސްވުމަށްފަހު ބައްސާމް ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ފުޓްބޯޅައިގެ ޓެކްނިކަލް އަދި ޕްރޮފެޝަނަލުންނާ ގުޅުން ހުރި ކަންކަމުގައި ދެ ފަރާތަށް ވެސް ފައިދާ ވާނެ މަސައްކަތްތައް ކުރުމަށް ހަމަޖެހިގެން ދާނެ ކަމަށެވެ.
އެކަމަކު މި އެއްބަސްވުމަކީ މީގެ ދެ އަހަރު ކުރިން ވުމަށް ހަމަޖެހިފައިވާ އެއްބަސްވުމެއް ކަމަށް ކުރީގެ މިނިސްޓްރު އިރުތިޝާމް ވަނީ ވިދާޅުވެފަ އެވެ.
"ސައުދީ އަރަބިއްޔާގެ ކުޅިވަރާ ބެހޭ ވަޒީރާއި ދެމެދު ރާއްޖެއިން ވާން ބޭނުންވި އެއްބަސްވުން ކުރިއަށް ނުގެންދެވި އެއް އަހަރުވަންދެން ބައްސާމް ހިފެހެއްޓި. އެކަން ކުރުމަށް ބަހެއް އޭނަގެ ފަރާތުން ލިބުނު ނަމަ ތި އެއްބަސްވުން މީގެ ދެ އަހަރު ކުރިން އޮންނާނީ ނިމިފައި." ބައްސާމްގެ ޓްވީޓަށް ކުރި ކޮމެންޓެއްގައި އިރުތިޝާމް ވިދާޅުވި އެވެ.
އެފްއޭއެމުން ވަނީ، 2018 ވަނަ އަހަރު ގަތަރުގެ ފުޓްބޯޅަ ފެޑްރޭޝަން އާއެކު ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.
ސައުދީ އަރަބިއްޔާ އިސްވެ އުފެއްދި ދެކުނު އަދި ހުޅަނގު އޭޝިއާގެ ފުޓްބޯލް ފެޑްރޭޝަން (ސްވާފް) ގައިވެސް ރާއްޖެއިން ވަނީ ބައިވެރިވެފަ އެވެ. އަދި ސްވާފްގެ ސީނިއާ ނައިބު ރައީސްގެ މަގާމަށް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވެސް އިންތިހާބުވެ ވަޑައިގެންނެވި އެވެ.
އެކަމަކު، ސްވާފްގެ މަސައްކަތްތައް ނުފެށެނީސް އެ ފެޑްރޭޝަންގެ މެންބަރު ކަމުން މި ސަރަހައްދުގެ ބައެއް ގައުމުތައް ވަކިވި އެވެ. ރާއްޖެ ފިޔަވައި ދެކުނު އޭޝިއާއިން ބައިވެރިވި އަނެއް ހަ ގައުމުން ވެސް ސްވާފުން ވަކިވި އެވެ. މިހާރު ސްވާފްގެ ހަރަކާތެއް ނެތެވެ.