އޮސްކާ ނޯމިނޭޝަންގައި ޕެރަސައިޓް، މިއީ ރެކޯޑެއް!

ޕެރަސައިޓް ފިލްމުން މަންޒަރެއް --

ދެކުނު ކޮރެއާއިން މިދިޔަ އަހަރު ނެރުނު ތްރިލާ ޑްރާމާ ޕެރަސައިޓް އެންމެ ފަހުން އޮސްކާސް ޝަރަފުވެރި އެވޯޑުތަކުގައި ނޯމިނޭޓްވެ ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ.

އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ އޮސްކާސް ދެމުން އަންނަތާ މިހާރު 92 އަހަރު ވެފައިވާއިރު، މިހާތަނަށް ދެކުނު ކޮރެއާގެ ފިލްމަކަށް އެ ނޯމިނޭޝަނުން ޖާގައެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް ޕެރަސައިޓް ވަނީ އެ ކަންތައް އެއްކޮށް ބަދަލުކޮށްލާފަ އެވެ.

ދެކުނު ކޮރެއާގެ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީއަކީ މިހާރު ދުނިޔޭގެ އެންމެ ވަރުގަދަ އެއް މުނިފޫހިފިލުވުމުގެ އިންޑަސްޓްރީއެވެ. ނަމަވެސް ގިނަ ބަޔަކު ވަނީ މިހާ ދުވަސް ވަންދެއް އޮސްކާގެ އެއްވެސް ނޯމިނޭޝަނަށް ދެކުނު ކޮރެއާ ފިލްމެއް ހިމެނިފައި ނުވާތީ މައްސަލަވެސް ޖައްސާފައެވެ.

މިއަހަރުގެ އޮސްކާސްގައި ޕެރަސައިޓް ވަނީ ހަ އެވޯޑަކަށް ނޯމިނޭޓްވެފައެވެ. އޭގެތެރޭގައި އެންމެ މޮޅު ފިލްމުގެ ނޯމިނޭޝަންވެސް ހިމެނެއެވެ. އެއީވެސް ބޮޑު ރެކޯޑެކެވެ. އެއީ އެހެން ގައުމެއްގެ ފިލްމެއް އޮސްކާސްގެ އެންމެ މޮޅު ފިލްމުގެ އެވޯޑަށް ނޯމިނޭޓްވެފައިވުމެވެ. މިހާތަނަށް އެންމެ މޮޅު ފިލްމުގެ އެވޯޑަށް، ފޮރިން ފިލްމެއް ނޯމިނޭޓް ވެފައިވަނީ 10 ފަހަރެވެ.

މިދިޔަ އަހަރު ބޭއްވި އޮސްކާސްގައި އެންމެ ކުރީގައި އުޅުނީ ސްޕެނިޝް ފިލްމު "ރޯމާ"އެވެ. ޕެރަސައިޓް އަކީ އެ ފިލްމަށް ގޮންޖަހާލާނެ ފިލްމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ޕެރަސައިޓް ވަނީ ދާދި ފަހުން ބޭއްވި ގޯލްޑެން ގްލޯބްސްގެ ގިނަ އެވޯޑުތަކެއްވެސް ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް