ވެކްސިން ޖެހުން މަޖުބޫރު، ދެކޮޅުހެދިޔަސް ވެކްސިން ދޭނެ

ޖެނުއަރީ 13، 2020: ހިމަބިހި ބަލި އަލުން ރާއްޖޭން ފެނުމުން ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން މައުލޫމާތު ދެއްވަނީ --ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެކްސިން ޖެހުމަށް އިންކާރުކުރާ މީހުންގެ މައުލޫމާތު އެބަހުރި ކަމަށާއި ވެކްސިން ޖަހަން ދެކޮޅު ހެދިނަމަވެސް ވެކްސިން ދޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި އަނެއްކާވެސް ރާއްޖެއިން ފެނުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ވެކްސިން ދޭ ނިސްބަތަށް ބަލާއިރު ވެކްސިން ނުޖަހާ މީހުންގެ ނިސްބަތް ކުޑަ ކަމަށެވެ. އަދި ވެކްސިން ޖަހަން އިންކާރު ކުރާ މީހުންވެސް ހިމެނެނީ ވެކްސިން ނުޖަހާ މީހުންގެ ތެރޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު މިއަހަރުން ފެށިގެން، ކުރިއްސުރެ ސަރުކާރުން ނިންމާފައި އޮތީ މިއަހަރުން ފެށިގެން ވެކްސިން ޖެހުމަށް އިންކާރުކުރާ ފަރާތްތަކަށްވެސް އެ ފަރާތްތަކުގެ ލައިނަށްވެސް ވެކްސިން ޖަހަން ޖެހޭނެ ކަމަށް،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދީނީ ގަބޫލުކުރުންތަކުގެ ސަބަބުން ވެކްސިން ޖަހަން ދެކޮޅު ހެދި މީހުންނަށް ވިސްނައިދީގެން އެމީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ފެތުރެން ފަށާފައިވާއިރު، އެންމެ އިސްކަންދެނީ ވެކްސިން ނުޖަހާތިބި މީހުންނަށް ވެކްސިން ދިނުމަށް ކަމަށެވެ. އަދި ވެކްސިނަށް އިންކާރު ކުރި ނަމަވެސް ވެކްސިން ދިނުމަށާއި ހިމަބިހީގެ ދެވަނަ ޑޯޒް ފުރިހަމަ ނުކުރާ މީހުންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވެކްސިން ދިނުމަށް އިންކާރު ކުރާ މީހުންގެ މައުލޫމާތު އެބަހުރި ކަމަށެވެ. އެފަދަ ފަރާތްތަކަށް ފިޔަވާޅު އެޅުމަށް ގާނޫނީ ހުރަސްތަކެއް އެބަހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ސަރުކާރުގެ ސްކޫލުތަކަށް ވައްދާއިރު، ވެކްސިން ފުރިހަމަ ނުކުރާ އެއްވެސް ކުއްޖަކަށް ސަރުކާރު ސްކޫލުތަކުން ޖާގަ ނުދޭނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަމިއްލަ ސްކޫލުތަކަށް ވައްދާއިރު ވެކްސިން ޑޯޒް ފުރިހަމަ ކުރޭތޯ ނުބަލާ ކަމަށާއި ނަމަވެސް އެކަން ހައްލު ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޕްރައިވެޓް ސްކޫލަކަށްވިޔަސް، ތައުލީމުދޭ އެއްވެސް ތަނަކަށް ވަދެވޭނީ، ވެކްސިން ދީ ނިންމައިގެން،" ކުދިންނަށް ވެކްސިންދޭތޯ ސްކޫލުތަކުންވެސް މަސައްކަތް ކުރަންޖެހޭނެކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި ވަނިކޮށް، މި މަހުގެ އަށްވަނަ ދުވަހު ހިމަބިހީގެ ކޭސް އެއް ވަނީ ފެނިފަ އެވެ. އެންމެ ފުރަތަމަ ހިމަބިހި ޖެހިގެން ފަރުވާ ދިނީ ތިން އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށެވެ.

ހިމަބިހި ޖެހިގެން 30 އަހަރުގެ ފިރިހެނަކަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށް ފަހު، ކުއްޖާގެ ހާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެކުއްޖާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

އެޗްޕީއޭއިން ބުނީ އެކުއްޖާއަކީ ނުވަ މަހުގަ އާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ކުއްޖެއް ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ބަލި ފެތުރިދާނެ ކަމަށްޓަކާ އަޅަންޖެހޭ ފިޔަވާޅުތައް އެޅުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

https://sun.mv/130116

comment ކޮމެންޓް