ރާއްޖޭގައި ހިމަބިހި ފެތުރޭކަން އިއުލާންކޮށްފި، ވެކްސިން ދޭން ފަށައިފި

ހިމަބިހި ފެތުރޭކަން އިއުލާން ކުރުމަށް ބޭއްވި ޕްރެސްގައި ހެލްތު މިނިސްޓަރު އަމީން: ބަލި ފެތުރިގެން ނުދިޔުމަށް ފިޔަވަޅު އަޅާފައިވާކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ހިމަބިހީގެ ދެ ކޭސް އަކާއި ބައްޔަށް ޝައްކު ކުރެވޭ ކޭހެއް ފެނުމާ ގުޅިގެން، ރާއްޖޭގައި ހިމަބިހި ފެތުރޭކަން ހެލްތު މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްފި އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެކަމަށް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން ހިމަބިހި އެންމެ ފުރަތަމަ ފެނުނު ސަރަހައްދުތަކަށް ހެލްތުގެ ޓީމުތައް ގޮސް މިއަދު ހަވީރު 4:00 ގައި ވެކްސިން ދޭން ފަށާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

"ހުޅުމާލޭގައި ބަލި އެންމެ ފުރަތަމަ ފެނުނު ސަރަހައްދުތަކަށް އެޗްޕީއޭގެ ޓީމުތައް ގޮސް ވެކްސިން ދިނުމުގެ ކަންތައް ކުރާނެ،" ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ހިމަބިހިން ރައްކާތެރިވުމަށް އޮތް ގޮތަކީ ވެކްސިން ދިނުން ކަމަށެވެ. މިނިސްޓަރު ވަނީ ވެކްސިން ދިނުމަށް އިންކާރު ކުރާ ފަރާތްތަކަށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވައިފަ އެވެ. ވެކްސިން ނުޖަހާ ކުއްޖަކު ސުކޫލަށް ފޮނުވައިގެން ނުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވެކްސިން ނުދޭ ކުދިން ފާހަގަކޮށް، ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ވެކްސިން ނުޖަހާ ތިބުމުގެ ސަބަބުން މުޅި ގައުމު ނުރައްކަލުގެ ތެރެއަށް ދިއުމަށް ދޫކޮށްލެވޭކަށް ނެތް. މިހާތަނަށް ވެކްސިން ނުޖަހާ ތިބިކަމަށް ވަނީނަމަ، ވެކްސިން ދިނުމުގެ ކަންތައް ކުރިއަށް މިގެންދަނީ،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވެކްސިން ނުޖަހާތިބި ފަރާތްތަކުން ވެކްސިން ޖަހާ އިދާރާތަކަށް ގޮސް މިހާރުވެސް ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި ވަނިކޮށް، މި މަހުގެ އަށްވަނަ ދުވަހު ހިމަބިހީގެ ކޭސް އެއް ވަނީ ފެނިފައެވެ. އެންމެ ފުރަތަމަ ހިމަބިހި ޖެހިގެން ފަރުވާ ދިނީ ތިން އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށެވެ.

އަދި ހިމަބިހި ޖެހިގެން 30 އަހަރުގެ ފިރިހެނަކަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. އޭގެ އިތުރުން ބައްޔަށް ޝައްކު ކުރެވޭ އިތުރު މީހަކު ވެސް މިހާރު ފެނިފައި ވާއިރު، އޭނާގެ ޓެސްޓުތައް އަންނަނީ ހަދަމުންނެވެ.

އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު، ކުއްޖާގެ ހާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެކުއްޖާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

އެޗްޕީއޭއިން ބުނީ އެކުއްޖާއަކީ ނުވަ މަހުގައާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ކުއްޖެއް ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ބަލި ފެތުރިދާނެ ކަމަށްޓަކާ އަޅަންޖެހޭ ފިޔަވާޅުތައް އެޅުމަށް މިހާތު ތައްޔާރުވެފައިވާ ކަމަށެވެ.

"އަދަޔާ ހިލާފަށް ބަލިފެތުރޭ ހާލަތަކަށް ވެއްޖެ ނަމަވެސް ސަރުކާރުން މިހާރު އެކަމަށްވެސް ތައްޔާރު ވެފައިވަނީ. އެގޮތުން މިހާރު ހުޅުމާލޭގައި އައިސޮލޭޝަން ފެސިލިޓީ ގާއިމުކުރެވި އައިސޮލޭޓު ކުރަންޖެހޭ ހާލަތެއް ފާހަގަ ކުރެވޭނެމަ އެ ފެސިލިޓީ ބޭނުން ކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވާނަމަ:

  • މާލޭގައި ނަމަ އައިޖީއެމްއެޗަށް ދިޔުމަށް މިނިސްޓްރީ އިން އިރުޝާދުދޭ
  • ހުޅުމާލޭގައި ނަމަ ހުޅުމާލޭ ހޮސްޕިޓަލަށް ދިޔުމަށް މިނިސްޓްރީ އިން އިރުޝާދުދޭ
  • އަތޮޅުތެރޭގައިނަމަ އެރަށެއްގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަނަކަށް ދިޔުމަށް މިނިސްޓްރީ އިން އިރުޝާދުދޭ

ކުރިއަށް އޮތް ތިން މަހަށް ވެކްސިން ދިނުމުގެ ހާއްސަ ހަރަކާތެއް ރާވާފައިވާކަން މިނިސްޓަރު މިއަދު އިއުލާނު ކުރެއްވިއެވެ.

"ވެކްސިންގެ ކަވަރޭޖު ފުރިހަމަ ކުރުމަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން މިއަދުން ފެށިގެން މަސައްކަތް މި ފަށައިފަތީ،" މިނިސްޓަރު ވިދާޅުވީ ހިމަބިހި ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް އެ ޑޯޒް ފުރިހަމަ ކުރުމަކީ ލާޒިމް ކަމެއްކަމަށެވެ.

އަދި ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ދީ، ވެކްސިން ޑޯޒް ހަމަކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެއްވެސް ބޭފުޅަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކޮށްވާނަމަ، އެފަރާތްތަކަށް ވެކްސިން ދިނުމުގެ ކަންތައް ކުރަމުންދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމަށް މާލޭގައި ހުރި ސިއްހީ ހިދުމަތްދޭ ތަންތަނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހިމަބިހިން ރައްކާތެރިވުމަށް ދޭ ވެކްސިން ރާއްޖެ ގެނައުމަށް ޑަބްލިއުއެޗްއޯ އާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ވެކްސިން ގެނައުމަށް ހޭދަވާނީ 10 ވަރަކަށް ދުވަސް ކަމާ މިވަގުތަށް ބޭނުންވާ ވަރަށް ވެކްސިން އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިވަގުތަށް ވެކްސިން ޖަހަން ޖެހޭ ފަރާތްތަކަށްވާ ވަރަށް ވެކްސިން އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް