މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަގައިގެން މި މަހު ފަށާ ކުޅިވަރުގެ މާކެޓިންގް އާއި ސްޕޮންސާޝިޕްގެ ހާއްސަ ވޯކްޝޮޕުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ސަން އޮންލައިން ހަމަޖައްސައި، އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
"ސްޕޯޓްސް މާކެޓިންގް އެންޑް ސްޕޮންސަރޝިޕް ވޯކްޝޮޕް" ގެ ނަމުގައި ކުރިއަށް ގެންދާ މި ވޯކްޝޮޕް ކުރިއަށް ދާނީ އަންނަ މަހުގެ 27-28 ގެ ނިޔަލަށެވެ. އަދި ވޯކްޝޮޕް އިންތިޒާމު ކުރާ ސްޕޯޓްސް ކޯޕަރޭޝަނާ އެކު ޕާޓްނާޝިޕް އެއްބަސްވުމުގައި ސަންއޮންލައިން މިއަދު ވަނީ ސޮއި ކޮށްފަ އެވެ.
ސްޕޯޓްސް ކޯޕަރޭޝަން އޮފީހުގައި މިއަދު ބޭއްވި ހާއްސަ ބައްދަލަވުމުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ މައުރޫފް އަހްމަދު (މާއްޓޭ) އެވެ. މި އެއްބަސްވުމުގައި ސަން މީޑިއާގެ ފަރާތުން ސޮއި ކުރީ ކުންފުނީގެ މާކެޓިންގް މެނޭޖަރު އަހްމަދު މުސްލިމެވެ.
ސްޕޯޓްސް ކޯޕަރޭޝަނުގެ މި ވޯކްޝޮޕްގެ މެއިން ސްޕޮންސަރަކީ ދިރާގު އެވެ. އަދި އެއާ އެކު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި ޔޫތް، ސްޕޯޓްސް އެންޑް އެންޕަވަޔަމެންޓް މިނިސްޓްރީގެ ޕާޓްނާޝިޕެއް ވެސް ވަނީ ވޯކްޝޮޕާ އެކު އެ ކުންފުނިން ހަދައިފަ އެވެ. އެގޮތުން އެފްއޭއެމް އަށް ހިލޭ 13 ސްލޮޓް ދީފައިވާ އިރު ދެން އިތުރު ކޮންމެ ޕާޓްނަރަކަށް ހިލޭ ދެ ސްލޮޓް ދޭން ވަނީ ނިންމާފަ އެވެ.
ރާއްޖޭގައި ކުޅިވަރުގެ ދާއިރާއިން ފުންނާބު އުސް ކޯޗުންނާއި މެނޭޖަރުން އުފެދެމުން އަންނަ އިރު މި ވޯކްޝޮޕުގެ ސަބަބުން އަލަށް މި ދާއިރާއަށް ވަންނަން ބޭނުންފުޅުވާ ފަރާތްތަކަށް ރަނގަޅު ތަޖުރިބާއެއް ލިބޭނެ އެވެ. އަދި އެހެންމެ މި ވޯކްޝޮޕުގައި ކިޔަވައިދޭނީ ކުޅިވަރުގެ ދާއިރާއިން ސްޕޮންސަރޝިޕާއި މާކެޓިންގް ދާއިރާގައި 12 އަހަރެއްވުރެން ގިނަ ދުވަސް ވަންދެން މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރެއް ކަމަށްވާ ސިންޓޯ އަޖްރަމް އެވެ.
ސިންޓޯ އަކީ ބައިނަލް އަގުވާމީ ބޮޑެތި ބައެއް އޮގަނައިޒޭޝަންތައް ކަމަށްވާ ސްޕެއިންގެ ބާސެލޯނާއާއި ސްވިޒަލެންޑްގެ ޒުރިޗް އިންސޫރެންސްގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ފަރާތެކެވެ.