ޑޮކްޓަރަކު ވެސް ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ

ސަން ފޮޓޯ: ފަޔާޒު މޫސާ

ހިމިބައްސަށް ޕޮޒިޓިވް ވެގެން ފަރުވާ ދެމުން އަންނަނީ ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރަކަށް ކަން "ސަން" އަށް ކަށަވަރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިމަބިއްސަށް ޕޮޒިޓިވް ވެފައި ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ 30 އަހަރުގެ ދިވެހި ޑޮކްޓަރެކެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވެސް ވަނީ 30 އަހަރުގެ ދިވެއްސަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާކަމަށް ވިދާޅުވެފައެވެ.

ޑޮކްޓަރަކު ބައްޔަށް ޕޮޒިޓިވް ވެގެން ފަރުވާދެމުން އަންނަ އިރު، ތިން އަހަރުގެ ކުޑަ ކުއްޖަކު ވެސް ބައްޔަށް ޕޮޒިޓިވް ވެގެން ވަނީ ފަރުވާދީފައެވެ. އަދި 17 އަހަރުގެ ކުޑަ ކުއްޖަކު ހިމަބިއްސަށް ޝައްކު ކުރެވިގެން މިހާރު އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.

ތިން އަހަރުގެ ކުއްޖާގެ ކޭސް ފެންމަތިވީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އެކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު، ކުއްޖާގެ ހާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެކުއްޖާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

އެޗްޕީއޭއިން ބުނީ އެކުއްޖާއަކީ ނުވަ މަހުގައާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ކުއްޖެއް ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލަކީ އެ ކުއްޖާގެ ގައިން ބަލި ފެތުރުމުގެ ފުރުސަތު އޮތް މުއްދަތުގައި އެކުއްޖާ އެންމެ ގިނައިން ޒިޔާރަތް ކުރި ތަނެވެ. އެކުއްޖާ ވަނީ އެ މުއްދަތުގައި ތިން ފަހަރެއްގެ މަތިން ހުޅުމާލެ ހޮސްޕިޓަލަށް ގޮސްފައެވެ.

ބަލި ފެތުރުމުގެ ފުރުސަތު އޮތް މުއްދަތުގައި އެކުއްޖާ ޒިޔާރަތްކުރި ތަންތަނަށް، އެ ވަގުތުތަކުގައި ޒިޔާރަތްކުރި މީހުންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ހަމަނުކުރާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އެ ސަރަހައްދުތަކާއި ގަޑިތައް އެޗްޕީއޭއިން ވަނީ އާންމުކޮށްފައެވެ.

ބަލި ފެތުރޭ މުއްދަތުގައި އެ ކުއްޖާ ދިޔަ ތަންތަނާއި ވަގުތުތައް:

  • ހުޅުމާލޭ ހޮސްޕިޓަލް (ޖެނުއަރީ، 4، 2020ގެ ރޭގަނޑު 8އިން 11އަށް)
  • ހުޅުމާލެ ހޮސްޕިޓަލް (ޖެނުއަރީ 5، 2020ގެ ހަވީރު 5އިން ރޭގަނޑު 9އަށް)
  • ސެނަހިޔާ (ޖެނުއަރީ 6، 2020ގެ ރޭގަނޑު 7އިން 10އަށް)
  • ހުޅުމާލެ ހޮސްޕިޓަލް (ޖެނުއަރީ 7، 2020ގެ ރޭގަނޑު 7އިން ދަންވަރު 2އަށް)
  • ޓްރީޓޮޕް ހޮސްޕިޓަލް (ޖެނުއަރީ 8، 2020 ހެނދުނު 11:30އިން މެންދުރު 13:30އަށް)
  • ހުޅުމާލޭ ސެންޓްރަލް ޕާކާއި އެ ސަރަހައްދުގެ ވަށައިގެންވާ ކެފޭތައް (ޖެނުއަރީ އެކަކުން ނުވައަކަށް)

އެ ތަންތަނަށް އެ ގަޑިތަކުގައި ދިޔަ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ހަމަ ނުކުރާ މީހުން 21 ދުވަހުގެ ތެރޭގައި ހުން އައުމާ އެކު ހަމުގައި ބިހި ނަގައިފި ނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ސިއްހީ ފަރުވާ ހޯދުމަށް، މާލޭގައި ނަމަ އައިޖީއެމްއެޗްގެ އެމަޖެންސީ ޓްރިއާޖަށް ދިއުމަށާއި، ހުޅުމާލޭގައި ނަމަ 1417 އިން ހުޅުމާލޭ ހޮސްޕިޓަލަށް ގުޅުމަށާއި، އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް ގޮސް އަލާމާތްތަކުގެ މައުލޫމާތު ކައުންޓަރަށް ދިނުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

ގައިންގަޔަށް އަރާ ބަލިތަކުން ތުއްތުކުދިން ރައްކާތެރިކުރުމަށް ރާއްޖޭގައި ވެކްސިން ދޭން ފަށާފައި ވަނީ 1976 ވަނަ އަހަރުއެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައި ވަނީ 1983 ވަނަ އަހަރުއެވެ.

ހިމަބިހި ރާއްޖޭގައި ފެތުރުން މަދުކުރުމަށް އާއްމުކޮށްދޭ ވެކްސިންދޭ އުމުރުފުރާގެ އިތުރުން އެހެން އުމުރުފުރާތަކަށް އަމާޒުކޮށްގެން 2005، 2006 އަދި 2007 ގައި ވެކްސިން ދިނުމުގެ ކެމްޕެއިން (ސަޕްލިމެންޓަރީ އިމިއުނައިޒޭޝަން އެކްޓިވިޓީ) ތަކެއް ހިންގިއެވެ. އަދި 2007 ވަނަ އަހަރުން ފެށިގެން އެމްއެމްއާރް (މީސްލްސް، މަމްޕްސް އަދި ރުބެއްލާ) ވެކްސިން ގައުމީ ވެކްސިން ތާވަލަށް އިތުރުކޮށް މީސްލްސް ވެކްސިން ގެ ދެ ޑޯޒް ކުޑަކުދިންނަށް ދޭންވަނީ ފަށާފައެވެ.

comment ކޮމެންޓް