ފިލްމީތަރު ނުޒުހަތު ޝުއައިބު (ނުޒޫ) ކައިވެނިކޮށްފިއެވެ.
ނުޒޫ މިއަދު ކައިވެނިކުރީ އޭނާގެ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަބްދުﷲ ޝަފީއުއާއެވެ. އެ ދެމަފިރިން ކައިވެނި ކުރުމަށްފަހު ފެމިލީކޯޓުގެ ބޭރުގައި ނަގާފައިވާ ފޮޓޮއާއި ވީޑިއޯ، ނުޒޫ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ޝެއާކޮށްފައެވެ.
ނުޒޫގެ ދެމަފިރިން މިއަދު ކައިވެނިކުރި އިރު، އެ ދެމަފިރިންގެ ވެޑިންގް ރިސެޕްޝަނެއް ބާއްވަން ރާވާފައިވާކަމެއް އަދި އެނގިފައެއް ނުވެއެވެ.
ސަންގެ "ރެޕިޑް ފަޔާ" ސީރީޒްގެ ހޫނުގޮނޑީގައި ހުރެ ނުޒޫ މިދިޔަ އަހަރު ބުނެފައިވާ ގޮތުން، މި އަހަރު (2020 ވަނަ އަހަރު)ގެ ތެރޭގައި އޭނާ ކައިވެނިކުރަން އޮތީ ނިންމާފައެވެ.
ދިވެހި ފިލްމު މަލިކާ އިން ފިލްމީ ދާއިރާ އަށް ތައާރަފުވި ނުޒޫ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ ތެރޭ ބޮޑު މަގުބޫލުކަމެއް ހޯދައިފައެވެ.
ނުޒޫ އެންމެ ފަހުން ފެނުނީ އިލްޔާސް ވަހީދު (އިއްލެ)ގެ "ބަވަތި"އިންނެވެ. އެފިލްމުގައި އޭނާ ދައްކާފައިވާ އެކްޓިން އަށް ގިނަ ބަޔެއްގެ ތައުރީފު ލިބުނެވެ. އިއްލެގެ އާ ފިލްމު "ނީނާ" އިންވެސް ނުޒޫ ފެންނާނެއެވެ.
ޑާކްރެއިންގެ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ނުޒޫ ވަނީ ނިމިދިޔަ ދިވެހި ފިލްމު އެވޯޑްސްގައި މަލިކާ ފިލްމުން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑަށް ނޯމިނޭޓުވެސް ވެފައެވެ.
ނުޒޫގެ ކައިވެންޏާއެކު އޭނާގެ ފޭނުން ދަނީ މަރުހަބާ ކިޔަމުންނެވެ.