މަހިބަދޫގައި ފާނަ ބޮޑު ކުރުމުގެ މަޝްރޫއެއް، މުޅި އަތޮޅު އުންމީދުން ފުރިފައި

ފާނަ ބޮޑު ކުރުމުގެ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓު އދ. މަހިބަދޫގައި އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ގޭތެރެއިން ---- ސަން ފޮޓޯ

ރާއްޖޭގައި ފާނަ ބޮޑު ކުރުމުގެ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓު އދ. މަހިބަދޫގައި މިއަދު އިފްތިތާހުކޮށްފި އެވެ.

މަހިބަދޫ އަތިރިމަތީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕައިލެޓް ޕްރޮޖެކްޓު ރަސްމީކޮށް އިފްތިތާހުކުރައްވާފައިވަނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ.

ފިޝަރީޒް މިނިސްޓްރީގެ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް"ގެ ދަށުން އެ ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އަތޮޅުގެ އިތުރު ރަށްތަކުންވެސް ވަނީ ބައިވެރިވެފަ އެވެ.

މަހިބަދޫ ބޭރު ކަނޑުގައި ހުރި ފާނަ ބޮޑުކުރާ ކޮށިތައް ---- ސަން ފޮޓޯ

މިއަދު އިފްތިތާހު ކުރި އެ ޕްރޮޖެކްޓަކީ، ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތަރައްގީކުރުމުގެ ޒަރީއާއިން، އިގުތިސާދު ކުރިއަރުވައި، އާމްދަނީގެ ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން މޫދު ކޮށީގައި ފާނަ ބޮޑުކުރުން ތަޖުރިބާ ކުރުމަށް، ރައްޔިތުން ޝާމިލްވާގޮތަށް ހިންގޭ ފުރަތަމަ ޕްރޮޖެކްޓު ކަމަށް ފިޝްރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޖުމްލަ 18 މަހަށް ހިންގާ އެ ޕައިލެޓް ޕްރޮޖެކްޓުގައި މަހިބަދޫއާއި ދަނގެތި އާއި އޮމަދޫ އަދި ދިގުރަށުގެ ޖުމްލަ 20 ފަރާތަކަށް ޖުމްލަ 20 ފަރާތަކަށް މޫދުކޮށްޓާއި ކުދި ފާނައާއި ފާނަ ބޮޑުކުރުމަށް ބޭނުންވާ ކާނާ ހަވާލުކޮށް، މި މަސައްކަތަށް ބޭނުންވާ ތަމްރީނު ދީގެން، ފާނަ މާކެޓް ސައިޒަށް ބޮޑުކުރެވޭނެ އެވެ.

ކޮށިތަކުގައި ބޮޑުކުރާ ފާނަތައް ބާލިދީއަކަށް ނަގާފައި -- ސަން ފޮޓޯ


މިނިސްޓްރީން ބުނީ އެ މަސައްކަތުގައި ބައިވެރިވުމަށް މިނިސްޓްރީގެ ފަރާތުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ހޮވާލެވުން 20 ފަރާތުގެ ތެރޭގައި، ފަސް އަންހެން ބޭފުޅުންނާއި 15 ފިރިހެން ބޭފުޅުން ހިމެނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ އެ މަސައްކަތަކީ ވަރަށް ބޮޑު ހަރަދެއްކޮށް ގިނަ ދުވަހެއްގެ މަސައްކަތް ކަމަށެވެ.

ޕްރޮޖެކްޓް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޒަހާ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ

ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދާއިރު، އެ ޕްރޮޖެކްޓުން ރަނގަޅު ކުރަން ޖެހޭ ކަންތައްތައް އެނގިގެން ދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަލަށް ފެށި ޕްރޮގްރާމްއާ އެކު އަތޮޅުގެ ރައްޔިތުން ތިބީ އެކަމަށް ބޮޑެތި އުއްމީދުތަކެއް ކޮަށްގެނެވެ.

"އަޅުގަނޑުގެ އުއްމީދަކީ މި މަޝްރޫއުގެ ސަބަބުން ރަށުގައި، އަދި މުޅި އަތޮޅުގައިވެސް ވަޒީފާގެ އާ ފުރުސަތުތަކެއް ގިނަ ބަޔަކަށް ލިބިގެން ދިޔުން،" ސަން އަށް ކިޔައިދިން ޒުވާނަކު ބުންޏެވެ.

އޭނާ ބުނިގޮތުގައި ރަށުގައި އެފަދަ ވަޒީފާތަކުގެ ފުރުސަތު ފަހިވެގެން ދިޔުމުން ވަކި ތަނަކަށް ބަދަލު ނުވެ ވަޒީފާ އަދާކުރެވޭނެ އެވެ.

comment ކޮމެންޓް