އޮމާންގެ ރަސްކަމަށް ހައިތަމް ބިން ތާރިޤް އައްޔަންކޮށްފި

އޮމާންގެ އައު ރަސްގެފާނު ހައިޘަމް ބިން ތާރިގް

މަސްކަޓް (11 ޖަނަވަރީ 2020): އޮމާންގެ ރަސްގެފާނު ގަބޫސް ބިން ސައީދު އަވަހާރަވުމާ ގުޅިގެން އެގައުމުގެ ރަސްކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ. ދަރިކަލަކު އަދި އެއްބަފާ ބޭބެ/ކޮއްކޮއެއްވެސް ނުހުންނަވާ ކުރީގެ ރަސްގެފާނު އަވަހާރަވުމުން ރަސްކަމަށް އިސްކުރެއްވީ އެމަނިކުފާނުގެ ބައްޕަ ފަރާތުން އެންމެ ތިމާގެ ފިރިހެން ބޭފުޅާ ކަމުގައިވާ ހައިތަމް ބިން ތޯރިގެވެ.

އޮމާންގައި އޮންނަ ރަސްކަމުގެ ނިޒާމުގެ އުސޫލުތައް ބުނާގޮތުން އެގައުމުގެ ރަސްގެފާނު އަވަހާރަ ވެއްޖެނަމަ ނޫނީ ރަސްގެފާނު އިސްތިއުފާ ދެއްވައިފިނަމަ އެގައުމުގެ ރަސްކަމަށް އިސްކުރާނީ ވެރިކަންކުރާ ޝާހީ އާއިލާގެ މެންބަރެކެވެ. އޭހެ އިތުރުން އިތުރުން އެއީ މުސްލިމަކަށްވުމާ ހަތަރުމަތިފުށް އޮމާން ރައްޔިތަކަށްވާންޖެހޭ ކަމަށްވެސް އޮމާންގެ ސިޔާސީ ނިޒާމުގެ އުސޫލުތައް ބުނެއެވެ.

މިއުސޫލުގެ މަތިން ރަސްކަމުގެ ތަޚްތަށް ބޭފުޅަކު އައްޔަންކުރާނީ ޝާހީ އާއިލާގެ މަޖިލީހުން ކަމަށާއި ރަސްގެފާނު އަވަހާރަވާތާ ނުވަތަ އިސްތިއުފާ ދެއްވާތާ ތިން ދުވަހުގެ ތެރޭގައި ރަސްކަމަށް ބޭފުޅަކު އައްޔަން ކުރަންޖެހޭނެ ކަމަށް އެ އުސޫލުތައް ބުނެއެވެ.

އޮމާންގެ ރަސްގެފާނު ސުލްތާން ގާބޫސް ބިން ސައީދު ރޭ ދަންވަރު އަވަހާރަ ވެފައިވާއިރު ގާބޫސު އަވަހަރަވިތާ ހަތް ގަޑީއިރު ތެރޭގައި އެގައުމުގެ ޝާޙީ އާއިލާގެ މަޖިލީހުން ވަނީ ބައްދަލުވުމެއް ބާއްވައި އެގައުމުގެ ރަސްކަމަށް ހައިތަމް ބިން ތޯރިގު އައްޔަން ކޮށްފައެވެ. އޮމާންގެ އައު ރަސްގެފާނު ހައިތަމްއަކީ އުމުރުފުޅުން 64 އަހަރުގެ ބޭފުޅެކެވެ.

އޮމާންގެ އައު ރަސްގެފާނު އެގައުމުގެ އަވަހާރަވި ރަސްގެފާނުގެ ސަންދޯއްޕުޅު ކޮނޑު އަޅުއްވައިގެން ފަސްދާނު ލުމަށް ގެންދަނީ

ހައިތަމްއަކީ 2002 ވަނަ އަހަރުން ފެށިގެން އޮމާންގެ ސަގާފަތާބެހޭ ވަޒީރެވެ. އޭގެކުރިން އޮމާންގެ ޚާރިޖީ ވުޒާރާގެ ސެކެރެޓަރީ ޖެނެރަލްކަމުގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ. ގާބޫސްގެ ރަސްކަމުގައި އޮމާނަށް ގެނަސްދެއްވާފައިވާ ތަރައްގީގައިވެސް ރަސްގެފާނު ހައިތަމް މުހިއްމު ދައުރެއް އަދާކުރައްވާފައިވާއިރު އޮމާނުން އެކަށައަޅާފައިވާ 2040 ގެ ތަރައްގީގެ ތަސައްވަރު އެކުލަވާލުމުގައިވެސް ގާބޫސުގެ ފަހަތްޕުޅުގައި ހުންނެވި ޝާހީ އާއިލާގެ އިސް ބޭފުޅަކީ ހައިތަމްއެވެ.

މީގެ އިތުރުން ހައިތަމްއަކީ އަވަހާރަވި ރަސްގެފާނު ގާބޫސް އެންމެ ބޮޑަށް އިތުބާރުކުރައްވާ، އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅާއެވެ.

އޮމާނުގެ ރަސްކަމުގެ ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ގައުމީ މުހާތަބުކުރައްވަމުން ރަސްގެފާނު ހައިތަމް ވިދާޅުވީ އެމަނިކުފާނުގެ ރަސްކަމުގެ ސިޔާސަތުތައް ބައްޓަންކުރާނީ ދެބެންގެ ދެދަރި ބޭބޭފުޅު ގަބޫސްގެ އަރިހުން ލިބިވަޑައިގެންނެވި ސިޔާސީ ފިކުރާއި ތަޖުރިބާގެ އަލލީގައި ކަމަށެވެ. އަދި ޚާރިޖީ ސިޔާސަތު ބަދަލު ނުކުރައްވާނެކަމަށާއި ހުރިހާ ގައުމަކާވެސް ހަމަހަމަ ގުޅުން ދަމަހައްޓަވާނެކަމަށް ވިދާޅުވިއެވެ.

އަރަބި އަދި އިސްލާމީ ދުނިޔެ އެއްބައިވަންތަކަމަށް އިސްކަން ދެއްވާނެކަން ބަޔާންކުރައްވަމުން ކުރިއެކޭވެސް އެއްގޮތަށް ގައުމުތަކުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް އޮމާން ނުވަންނާނެ ކަމަށް އާ ރަސްގެފާނު ވިދާޅުވިއެވެ.

ރޭ ދަންވަރު އަވަހާރަވި އޮމާންގެ ރަސްގެފާނު ސުލްތަން ގާބޫސް ބިން ސައީދު މިއަދު މެންދުރު ވަނީ ފަސްދާނުލައިފައެވެ. ގާބޫސުގެ ޖަނާޒާ ބާއްވާފައިވަނީ އޭނާ ބިނާކުރެއްވި މިސްކިތް ކަމަށްވާ ސުލްތާނުލް އަކްބަރު މިސްކިތުގައެވެ. އެމިސްކިތުގައި ގާބޫސްގެ މައްޗަށް ކަށުނާމުކުރުމަށްފަހު އޭނާ ފަސްދާނު ލާފައިވަނީ އެ މިސްކިތާ ކައިރީ ހިސާބެއްގައިވާ ޝާހީ އާއިލާގެ ގަބުރުސްތާނުގައެވެ. އެ ގަބުރުސްތާނަށް ސަންދޯއް ގެންދިޔުމަށްފަހު ކައްވަޅުގެ ކައިރިއަށް ސަންދޯއް ގެންދިޔައިރު ސަންދޯކުގެ އެއްކޮޅުގައި ކޮނޑު އަޅުއްވައިގެން ހުންނެވީ އައު ރަސްގެފާނު ހައިތަމް ބިން ތޯރިގެވެ.

(އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް