އޮމާންގެ ސަލާލާ ބަނދަރުގެ ތެޔޮ ފެސިލިޓީއަކަށް ޑްރޯން ހަމަލާއެއް ދީފި

އޮމާންގެ ސަލާލާ ބަނދަރުގެ ހުރި ތެޔޮ ރައްކާކުރާ ފެސިލިޓީއަށް ޑްރޯން ހަމަލާއެއް އަމާޒުވެ ދުން އަރަނީ. ފޮޓޯ/

އޮމާންގެ ސަލާލާ ބަނދަރުގައި ހުރި ތެޔޮ ރައްކާކުރާ ފެސިލިޓީއަކަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގެ ސަބަބުން ތެޔޮ ޓޭންކްތަކުގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ބެލެވެއެވެ. މި ހާދިސާ ސަލާމަތީ ފަރާތްތަކުން މިހާރު ދަނީ ގާތުން ބަލަމުންނެވެ.

  • ސަލާލާ ބަނދަރުގެ ތެޔޮ ފެސިލިޓީއަށް ޑްރޯން ހަމަލާތަކެއް އަމާޒުވެ އަލިފާން ރޯވިއެވެ.
  • އެއާ ޑިފެންސް ސިސްޓަމްތަކުން ބައެއް ޑްރޯންތައް ހުއްޓުވި ނަމަވެސް ބައެއް ޑްރޯންތައް ޓޭންކްތަކަށް އެރިއެވެ.
  • މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް އަދި ނެތެވެ.
  • މި ހާދިސާއަކީ މެދުއިރުމަތީގައި އުފެދިފައިވާ އަސްކަރީ ހަމަނުޖެހުންތަކުގެ ބައެއް ކަމަށް ބެލެވެއެވެ.

އޮމާންގެ ސަލާލާ ބަނދަރުގައި ހުރި ތެޔޮ ރައްކާކުރާ ފެސިލިޓީއަށް ޑްރޯން ހަމަލާއެއް އަމާޒުވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ބޭރުގެ މީޑިއާތަކާއި އޮމާނުގެ ދައުލަތުގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ބަނދަރުގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކްތަކަށް ބައެއް ޑްރޯންތައް އަމާޒުކޮށްފައިވެއެވެ. އެއާ ޑިފެންސް ސިސްޓަމްތަކުން ބައެއް ޑްރޯންތައް ހުއްޓުވިއިރު، ބައެއް ޑްރޯން ވަނީ ތެޔޮ ޓޭންކްތަކަށް އަމާޒުވެފައެވެ. އެތަންތަނުގައި އަލިފާން ރޯވެ، ބޯ ދުން ވަނީ އުފެދިފައެވެ.

އޮފިޝަލުން ވިދާޅުވީ މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި، ބަނދަރުގައި ހުރި ވިޔަފާރި އުޅަނދުތަކަށް ލިބުނު ގެއްލުން ވެސް ކަށަވަރު ނުވާ ކަމަށެވެ. އިމަޖެންސީ ސާވިސަސް އާއި ސެކިއުރިޓީ އެޖެންސީތަކުން ދަނީ ހާލަތު މޮނިޓާކޮށް ގެއްލުން ލިބުނު މިންވަރު ވަޒަން ކުރަމުންނެވެ.

މިހަމަލާއަކީ އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނާއި އިގްތިސާދީ އެހެނިހެން ތަންތަނަށް އީރާނުން ދޭ ހަމަލާތައް ފުޅާވަމުން އަންނައިރު، އެންމެ ފަހުން ދިން ވަރުގަދަ އެއް ހަމަލާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އަރަބި ކަނޑުގެ އޮމާންގެ ދެކުނު އައްސޭރީގައި އޮންނަ ސަލާލާ ބަނދަރަކީ އެ ސަރަހައްދުގެ ލޮޖިސްޓިކްސް އަދި ޓްރާންސްޝިޕްމަންޓްގެ މުހިންމު އެއް ހަބެވެ. އެ ސަރައްދުގައި ގިނަ އަދަދެއްގެ ތެލާއި ކޮންޓެއިނަރު ރައްކާކޮށް ބަލަހައްޓައެވެ.

ހަނގުރާމައިގެ ސަަބަބުން މެދުއިރުމަތީގެ ތެލުގެ ސިނާއަތަށް ލިބެމުންދާ ގެއްލުންތަކާއެކު ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާ އާއި ދުނިޔޭގެ ޝިޕިން ރޫޓުތަކުގެ ސަލާމަތާ މެދު ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.

އިސްރާއީލާއި އެމެރިކާގެ ހަަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އެ ގައުމާ އިންވެެގެން އޮންނަ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އެއީ ދުނިޔޭގެ ތެލުގެ ބާޒާރުގެ 20 އިންސަައްތަ އުފުލާ މުހިންމު ކަނޑޮއޮޅިއެކެވެ. އެހެންވެ، ތެލުގެ ސަޕްލައިއަަށް ބުރޫއަރައި އަގު އަންނަނީ އުފުލެމުންނެވެ.

comment ކޮމެންޓް