މިރޭގެ ހަނދުކޭތަ އެހާ ރީއްޗެއް ނުވާނެ: މައުމޫން

މިދިޔަ އަހަރު ހިފި ސުޕާ ބުލޫ ބްލަޑް މޫންގެ ފޮޓޯއެއް -- ފޮޓޯ/ އޭޕީ

މިރޭ ހިފާ ހަނދުކޭތަ ބަލާލަން އެހާ ރީޗެއް ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިރޭ ރާއްޖޭގެ ގަޑިން 22:07 އިން ފެށިގެން 11 ޖަނަވަރީ 2020 ވާ ހޮނިހިރު ވިލޭރޭގެ މެންދަމު 02:12 އާއި ދެމެދު ހަނދުކޭތައެއް ހިފާނެއެވެ. އެއީ ފުރިހަމަ ހަނދުކޭތައެއް ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ.

މިރޭ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ ހިފާނީ ހަނދުގެ އެއް ބަޔަށް ދުނިޔޭގެ ހިޔަނި އެޅޭ "ޕެނަމްބްރަލް" ހަނދުކޭތައެއް ކަމަށެވެ. އަދި ހަނދުގެ އަލިކަން ގެއްލޭނީ ވަރަށް ކުޑަކޮށް ކަމަށާއި އެއީ ބަލާލަން އެހާ ރީތި މަންޒަރަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނާ ގޮތުން މިރޭ ހަނދު ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ 00:10 ގައި އެވެ.

ހަނދުކޭތަ ރާއްޖެއަށް ފެންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަ އެންމެބޮޑު މިސްކިތުގައި މިރޭ މެންދަމު 00:00 ގައި ކޭތަނަމާދު ކުރުން އޮންނާނެ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

comment ކޮމެންޓް