ފަސް އަހަރަށްފަހު ސެލީނާގެ އާ އަލްބަމް ނެރެފި

ސެލީނާގެ އާ އަލްބަމް "ރެއާ"ގެ އަލްބަމް އާޓް --- ފޮޓޯ : ސެލީނާ ގޮމޭޒް

ސްޓޫޑިއޯ އަލްބަމެއް ނެރުނުތާ ފަސް އަހަރު ފަހުން، ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް، އޭނާގެ އާ ސްޓޫޑިއޯ އަލްބަމް "ރެއާ" ނެރެފިއެވެ.

ސެލީނާގެ ފޭނުން ކެތްމަދުވެފައި ވަނިކޮށް އޭނާގެ ތިންވަނަ ސްޓޫޑިއޯ އަލްބަމް ނެރެފައިވަނީ ރޭގައެވެ. އަލްބަމް ނެރުމާއެކު ޓްވިޓާގައި އެންމެ ގަދައަށް މިހާރު ދެކެވެމުންދާ އެއް ވާހަކައަކީ އެ އަލްބަމްގެ ވާހަކައެވެ.

"ރެއާ ލިސެނިން ޕާޓީ"ގެ ނަމުގައި ހާއްސަ ހޭޝްޓެގެއް ހަދައި، ޓްވިޓާގައި ދަނީ އަލްބަމުގެ ލަވަތަކުގެ ވާހަކަ ދައްކަމުންނެވެ. ލަވަތަކަކީ ސެލީނާގެ ކުރީގެ ލަވަތަކަށްވުރެ "ރެއާ"ގައި ރަނގަޅު މެސެޖުތަކެއް ހުރި ކަމަށް ފޭނުން ފާހަގަކޮށްފައިވެއެވެ.

ސެލީނާގެ އާ އަލްބަމްގައި ޖުމްލަ 13 ލަވައެއް ހިމެނެއެވެ. އެ އަލްބަމްގައި ހިމެނޭ ދެ ލަވައެއްގައި ވަނީ ރެޕް އާޓީސްޓުން ފީޗާކޮށްފައެވެ. އެ ފަންނާނުންނަކީ ސްލެކްސް އާއި ކިޑް ކޫޑީއެވެ.

ރެއާ އާންމުންނަށް ދޫކޮށްލުމުގެ ކުރީން ސެލީނާ ވަނީ އެ އަލްބަމުން ދެ ސިންގަލް ނެރެފައެވެ. އެއީ "ލޫސް ޔޫ ޓު ލަވް މީ" އާއި "ލުކް އެޓް ހާ ނައު" އެވެ.

ގިނަ އިރުތަކެއް ނުވަނީސް ރެއާ މިހާރު ވަނީ އައިޓިއުންސް ޑިޖިޓަލް ޗާޓުގެ އެއްވަނައަށް އަރާފައެވެ.

ސެލީނާ އެންމެ ފަހުން ސްޓޫޑިއޯ އަލްބަމެއް ނެރެފައިވަނީ 2015 ވަނަ އަހަރުގައެވެ. "ރިވައިވަލް" ނަމަށް ކިޔާ އެ އަލްބަމަށް އެންމެ އެދެވިގެންވާ މަގުބޫލުކަމެއް ނުލިބެއެވެ. އެއަށްފަހުވެސް ސެލީނާ ވަނީ ސިންގަލްތަކެއް ނެރެ ގިނަ ފަންނާނުންނާއެކު ކޮލަބޮރޭޓްކޮށްފައެވެ.

comment ކޮމެންޓް