މިނިމަމް ވޭޖަކީ 6000 ރުފިޔާ: ޝިޔާމް

ޑިސެމްބަރ 6، 2019: "އަނިޔާވެރި ހުކުމާ ދެކޮޅަށް" ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ދިނުމަށް މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރި ރިޕޯޓުގައި ހިމަނާފައި ވަނީ 6000 ރުފިޔާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖްގެ ރިޕޯޓު މިދިޔަ އަންގާރަ ދުވަހު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފައެވެ. ރައީސް ވިދާޅުވީ އެ ރިޕޯޓު އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ހުށަހަޅުއްވާނެ ކަމަށެވެ.

ރޭ އިދިކޮޅުން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅަން ރިޕޯޓުގައި ޖަހާފައިވާ އަދަދު އެނގޭ ކަމަށާއި، އެއީ ދިވެހިންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ވަރުގެ އަދަދެއް ނޫން ކަމަށެވެ.

"މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައި އެ ރިޕޯޓުގައި އޮތީ 6000 ރުފިޔާ. މިއީ އަޅުގަނޑުމެންނަށް މި ލިބޭ މައުލޫމާތަކީ. އިވޭ އަޑުތަކަކީ. މިއަދު 6000 ރުފިޔާއަށް ދިވެހި ރައްޔިތުން ކީއްތޯ ކުރަނީ؟،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ މިނިމަމް ވޭޖް ކަނޑައެޅުން ލަސްވާ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މިނިމަމް ވޭޖާ ގުޅޭ ރިޕޯޓެއް އެކުލަވާލަން ދޮޅު އަހަރު ހޭދަވި އިރު، ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން، އެކަމާ ގުޅޭ ހުރިހާ ދިރާސާއެއް ކޮށް ނިންމާފައިވާ ކަމަށް ބުނެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އެހެންވެއްޖެ ކަމަށް ވަނީނަމަ އެއް އަހަރާ ހަ މަސް ދުވަސް މިނިމަމް ވޭޖް އިމްޕްލިމެންޓް ކުރަން ހޭދަކުރަން ޖެހޭތީ އަޅުގަނޑުގެ ސުވާލަކީ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކެބިނެޓުން ރިޕޯޓު ދިރާސާކުރުމަށާއި، ރިޕޯޓަށް ކޯލިޝަން ޕާޓީތަކުގެ ރުހުން ހޯދުމަށް ވެރިކަމުގެ ފަސް އަހަރު ދުއްވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާފައި ވަނީ ދައުލަތަށް އާމްދަނީ ހޯދާނެ ގޮތެއް ސަރުކާރަށް ނޭނގޭކަން ދެނެގެން ތިބެ ކަމަށެވެ.

"މި ސަރުކާރަށް ދިވެހި ދައުލަތުން އާމްދަނީ ހޯދަން ނޭނގުމަކީ ދިވެހި ޒުވާނުން، ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރަން ތިއްބެވި ބޭފުޅުންގެ މައްސަލައެއް ނޫން. ކުށެއް ނޫން. އެއީ ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރައްވާ ޒުވާނުންގެ ކުށެއް ވެސް ނޫން. އެބޭފުޅުންގެ ހައްގުތައް މި ސަރުކާރުން މިއީ ހައްގުވާ މިންވަރޭ ކިޔާފައި 6000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައެޅީމާ މީތޯ އޯގާތެރި ސަރުކާރެއްގެ ނިންމުމަކީ. މީތޯ އޯގާތެރިވެގެން އައި ސަރުކާރެއް ދިވެހި ރައްޔިތުންނާ ދޭތެރޭ ކަންތައް ކުރާނެ ގޮތަކީ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިހާރު މިނިމަމް ވޭޖުގެ ވާހަކަތައް ދައްކަން ފަށާފައި މިވަނީ އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކަމަށެވެ. އަދި މި ސަރުކާރަށް މިނިމަމް ވޭޖެއް ކަނޑައަޅަން ނުކެރޭނެ ކަމަށް ވެސް ޝިޔާމް ރޭ ވިދާޅުވިއެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިނިމަމް ވޭޖު ކަނޑައެޅުމަށް ބޭނުންވާ ގާނޫނު އެކުލަވާލުމަށް ބިލު ޑްރާފްޓު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ވަނީ ފަށައިފައެވެ.

comment ކޮމެންޓް