އެސްޓަންވިލާއާއި ލެސްޓާ އެއްވަރުވުމުން ހުރިހާ ފޯރިއެއް ދެވަނަ ލެގަށް

ލެސްޓާ ސިޓީއާއި އެސްޓޮން ވިލާ ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// ރަޔަން ބެންސަން

އިނގިރޭސި ލީގު ކަޕް (އީއެފްއެލް) ގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި ރޭ ލެސްޓާ ސިޓީއާއި އެސްޓަންވިލާ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ލެސްޓާގެ ކިންގްޕަވާ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އަނެއް ކޮޅުން ސެމީގެ ފުރަތަމަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ސިޓީ ކުރި ހޯދާފައިވާ އިރު ފައިނަލަށް ދާނެ ޓީމުތައް ކަށަވަރު ވާނީ ދެވަނަ ލެގުންނެވެ.

ރޭގެ މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ޑޮމިނޭޓް ކުރަމުން ދިޔައީ ލެސްޓާއިންނެވެ. އެކަމަކު އެސްޓަންވިލާއިން ދިޔައީ ލިބުނު ފުރުސަތުތަކުގައި ނުރައްކާތެރި ހަމަކާތަކެއް އުފައްދަމުންނެވެ. އެގޮތުން އެ ޓީމުން ވަނީ މެޗުގެ 28 ވަނަ މިނަޓުގައި ގޯލެއް ޖަހައި ލީޑު ނަގައިފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ފްރެޑެރިކް ގުލިބާޓް އެވެ.

އިނގިރޭސި ލީގުގެ ދެވަނައިގައި އޮތް ލެސްޓާއިން މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ގިނަ ފުރުސަތުތައް ދިޔައީ އެންމެ ރަނގަޅު ގޮތުގައި ބޭނުން ނުހިފި އެވެ. ލެސްޓާއަށް މެޗުގައި ނަތީޖާ ހަމަހަމަކޮށްދިނީ 74 ވަނަ މިނަޓުގައި ކެލެޗީ އިހެނެޗޯ އެވެ.

ލިވަޕޫލުގެ ޒުވާންޓީމު ކަޓުވާލުމަށްފަހު ސެމީއަށް ދަތުރުކުރި އެސްޓޮން ވިލާއިން މިހާރު ހުޅުވިފައިވާ ޓްރާންސްފާ މާކެޓުގައި ހަރަދުތަކެއް ކުރާނެ ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ. މިވަގުތު ރެލިގޭޝަނާއި ގާތުގައި އޮތް އެސްޓޮންވިލާއިން ވަނީ ޗެލްސީގެ މިޑްފީލްޑަރު ޑެނީ ޑްރިންކްވޯޓާ ސީޒަނުގެ ނިޔަލަށް ލޯން އުސޫލުން ގެނެސްފަ އެވެ. އޭނާ މިދިޔަ ހަ މަސް ދުވަސް ލޯން އުސޫލުން ކުޅުނީ ބާންލީ އަށެވެ.

comment ކޮމެންޓް