އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާ ދެކޮޅަށްކުޅެ، ލިވަޕޫލުގެ ކުޅުންތެރިއަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެ ޓީމު މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިވަޕޫލް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. ފާހަގަކޮށްލެވޭ ކަމަކީ މެޗުގައި ފެނިގެންދިޔަ ތިން ލަނޑަކީ ވެސް ލެސްޓާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ތިން ލަނޑު ކަމެވެ. އަދި މެޗުގައި ފެނުނު ތިން ލަނޑަކީ ވެސް ފުރަތަމަ ހާފުގައި ފެނިގެންދިޔަ ތިން ލަނޑެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ލެސްޓާ އިންނެވެ. ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކިއާނަން ޑައުސްބަރީ ހޯލްއެވެ. މިއީ ލިވަޕޫލުގެ ޑިފެންސްލައިން ގާތްގަނޑަކަށް މެދު ރޮނގާއި ހަމައަށް ކުރިއަށް ޖެހިލި ވަގުތުގައި ލިބުނު ބޯޅައެއް ހޯދުމަށްފަހު، އެ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަނުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މި ހާފުގެ 25 ވަނަ މިނެޓުގައި ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް ވަނީ ލެސްޓާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. އެހެންނަމަ ވެސް ސަލާހްއަށް މި ފުރުސަތު ތަނަވަސްކޮށްދިން އޮކްސްލޭޑް ޗެމްބާލެއިން އޮފްސައިޑު މަގާމެއްގައި ހުރުމުން މިއީ ލަނޑެއް ކަމަށް ރެފްރީ ބަލައިގެންފައެއް ނުވެއެވެ.
ލީޑުގައި އޮވެ ލެސްޓާއިން ފުރަތަމަ ހާފު ނިންމާލަން ދަނިކޮށް، 38 ވަނަ މިނެޓުގައި ލިވަޕޫލަށް ލަނޑެއް ކާމިޔާބު ކުރެވި، ނަތީޖާ ހަމަހަމަކުރިއެވެ. މިއީ ލިވަޕޫލުގެ ޓްރެންޓް އެލެކްސަންޑާ އާނޯލްޑް ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ލެސްޓާގެ ވައުޓް ފާސްގެ ފައިގައި ޖެހުނު ބޯޅަ، ކީޕަރުގެ ބޯމަތިން ގޮސް ގޯލުގެ ތެރެއަށް ވަދެގެން ލިވަޕޫލަށް ކާމިޔާބުކުރެވުން ލަނޑެކެވެ.
1-1 ގެ ނަތީޖާއަކުން ފުރަތަމަ ހާފު ނިމެންދަނިކޮށް، ލިވަޕޫލަށް ދެވަނަ ލަނޑެއް ކާމިޔާބުވެ، މެޗުގައި ފުރަތަމަ ފަހަރަށް އެ ޓީމަށް ލީޑު ނެގުނެވެ. 45 ވަނަ މިނެޓުގައި ލިވަޕޫލަށް ކާމިޔާބުވި މި ލަނޑަކީ ވެސް ވައުޓް ފާސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ ލިވަޕޫލްގެ ޑާވިން ނުނޭޒް ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ރިބައުންސް ވެފައި ބޯޅަ އެނބުރި ކުޅުމުގެ ތެރެއަށް އައި ވަގުތު، ވައުޓް ފާސްގެ ފައިގައި ޖެހިފައި ގޯލުގެ ތެރެއަށް ބޯޅަ ވަދެގެން ލިވަޕޫލަށް ކާމިޔާބުވި ލަނޑެކެވެ.
މިއާއެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި ވެސް އެއް މެޗެއްގައި ބައިކޮޅަށް ދެ ލަނޑު ޖެހި ހަތަރުވަނަ ކުޅުންތެރިޔާ އަށެވެ.
ނަސީބު އެހީވެ ލިވަޕޫލަށް މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމު ތާވަލުގެ ހަ ވަނައިގައި އޮތީ ކުޅުނު 16 މެޗުން 28 ޕޮއިންޓާއެކުއެވެ. ފަސްވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެ 29 ޕޮއިންޓު ހޯދާފައިވާ މެންޗަސްޓާ ޔުނައިޓެޑެވެ. މެޗުން ބަލިވި ލެސްޓާ ސިޓީއަށް 17 މެޗުން 17 ޕޮއިންޓާއެކު ލިބެނީ 13 ވަނައެވެ.