ޑްރިންކްވޯޓާ، އުމުރުން 33 އަހަރުގައި ރިޓަޔާކޮށްފި

ލެސްޓާ ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި ޑެނީ ޑްރިންކްވޯޓާ -- ފޮޓޯ/ ގެޓީ

ލެސްޓާ ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި އިނގިރޭސި މިޑްފީލްޑަރު ޑެނީ ޑްރިންކްވޯޓާ، އުމުރުން 33 އަހަރުގައި ފުޓުބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

ލެސްޓާއާއެކު ޕްރިމިއާ ލީގު ކާމިޔާބުކުރުމަށްފަހު، ޗެލްސީއާ ގުޅުނު ނަމަވެސް، އެ ކްލަބާއެކު ކުރިއަށްދިއުމަށް ޑްރިންކްވޯޓާއަށް ހުރަސް އެޅިގެންދިޔައީ އަނިޔާގެ މައްސަލަތަކަކާ ގުޅިގެންނެވެ. ލޯނުގެ ދަށުން އެސްޓަން ވިލާއާ ގުޅުމުގެ ކުރިން ޗެލްސީގެ ޖާޒީގައި ކުޅުނު 22 މެޗުން އޭނާ ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ.

އެސްޓަން ވިލާއާއެކު މައްސަލަތަކެއް ޖެހުމަށްފަހު، ލޯނުގެ ދަށުން ޑްރިންކްވޯޓާ ދެން ފެނިގެންދިޔައީ ބާންލީ، ރީޑިންގް އަދި ތުރުކީގެ ކަސިމްޕަސާ އިންނެވެ. ޗެލްސީއާއެކު ޑްރިންކްވޯޓާ ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައިސްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.

'ދަ މިރާ'އަށް ދިން އިންޓަވިއުއެއްގައި ޑްރިންކްވޯޓާ ވަނީ ރިޓަޔާމަންޓް އިއުލާންކޮށްފައެވެ.

"އަހަރެން ރިޓަޔާމަންޓް އިއުލާންކުރަން. އަހަރެންނަށް ދެކެނީ މިއީ ރަސްމީކޮށް ރިޓަޔާމަންޓް އިއުލާންކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް. އަހަރެން ކުޅުމަށް ފުރުސަތުތައް ހޯދުމަށް ވަރަށް ގިނަ މަސައްކަތްކުރިން. ނަމަވެސް އެ ފުރުސަތުތައް އަހަރެންނަށް ލިބިފައެއް ނުވޭ. އަހަރެންގެ މުޅި އުމުރު ހޭދަކުރީ މި ކުޅިވަރުގެ ތެރޭގައި. އުމުރުން އެންމެ ހަ އަހަރުން ފެށިގެން އަހަރެން ފުޓުބޯޅަ ކުޅެން ފެށިން. އެހެންވީމާ މިއީ ފަސޭހަ ކަމަކަށް ނުވާނެ،" ރިޓަޔާމަންޓް އިއުލާންކުރަމުން ޑްރިންކްވޯޓާ ބުންޏެވެ.

ލެސްޓާ އިން 2016 ވަނަ އަހަރު ޕްރިމިއާ ލީގުގެ ތަށި އުފުލާލައި މުޅި ފުޓުބޯޅަ ދުނިޔެއަށް ސިހުން ގެނުވި އިރު، އެޓީމުގެ ސްކޮޑުގައި ޑްރިންކްވޯޓާ އިސް ދައުރެއް އަދާކުރިއެވެ. އޭނާ ވަނީ އެ ސީޒަނުގައި 38 ލީގު މެޗުގެ ތެރެއިން 35 މެޗެއްގައި ކުޅެފައެވެ. ލެސްޓާގައި ޑްރިންކްވޯޓާ ދެއްކި މޮޅު ކުޅުމާއެކު އޭނާއަށް އިނގިރޭސި ގައުމީ ޓީމުން ވެސް ފުރުސަތު ލިބިގެންދިޔައެވެ.

comment ކޮމެންޓް