ހުކުރު ދުވަހުގެ ރޭ ފުރިހަމަ ހަނދުކޭތައެއް، ރާއްޖެއަށް ފެންނާނެ!

ހުކުރު ދުވަހުގެ ރޭ ހިފާ ފުރިހަމަ ހަނދުކޭތަ ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިއީ މި އަހަރުގެ ފުރަތަމަ ހަނދުކޭތަ އެވެ. ކޭތަ ހިފާނީ ހުކުރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 10:07 އިން ފެށިގެން އެ ރޭ މެންދަމު 2:12 އާ ދެމެދު އެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެ ރޭ ދަންވަރު 12:10 ގައެވެ.

އެ ހަނދުކޭތަ ރާއްޖެއަށް ފެންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަ އެންމެބޮޑު މިސްކިތުގައި ހޮނިހިރު ވިލޭރޭގެ މެންދަމު 12:00 ގައި ކޭތަނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މި އަހަރު ހަތަރު ހަނދުކޭތައެއް ހިފާނެ އެވެ. މާދަމާރޭގެ އިތުރުން ޖޫން ފަސް ވަނަ ދުވަހާއި، ޖުލައި ފަސް ވަނަ ދުވަހާއި އަދި ނޮވެމްބަރު 30 ވަނަ ދުވަހު ވެސް ހަނދުކޭތަ ހިފާނެ އެވެ.

ހަނދު ކޭތަ ހިފާފައިވާއިރު ހަމަލޮލުން ހަނދަށް ބެލިނަމަވެސް ލޮލަށް އެއްވެސް ގެއްލުމެއް ނުވާނެ އެވެ. ސަބަބަކީ ހަނދަކީ އޭގެ ޒާތުގައި އަލިކަން ނެތް އެއްޗަކަށްވެފައި ހަނދުން ފެންނަ އަލިކަމަކީ އިރުން އެޅިފައިވާ އަލީގެ ސަބަބުން ފެންނަ އަލިކަމަކަށް ވާތީއެވެ.

comment ކޮމެންޓް