ގެއްލުނު ނަސްރުﷲ ހުރި ޑިންގީ ކަނޑު އަޑިން ނަގައިފި

އެކްސިޑެންޓުވެ އަޑިއަށް ދިޔަ ޑިންގީ ނަގަނީ -- ފޮޓޯ: އެމްއެންޑީއެފް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނު ކައިރީ ލޯންޗަކާ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އަޑިއަށް ދިޔަ ޑިންގީ ކަނޑުގެ އަޑިން މިއަދު ނަގައިފި އެވެ.

ދޮންފަނާއި އެ އަތޮޅު އަނގަފަރާ ދެމެދުން، ކަނޑުގެ 46 މީޓަރު އަޑީގައި އޮއްވާ ޑިންގީ ފެނިފައި ވަނީ އިއްޔެ އެވެ. ޑިންގީ ފެނިފައި ވަނީ އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމަކަށެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު އެމްއެންޑީއެފްގެ ނޮދާން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ޑިންގީ ކަނޑުގެ އަޑިން ނަގާފައިވާ ކަމަށެވެ.

އަދި މިހާރު ޑިންގީ ބ. ދަރަވަންދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

ޑިންގީ ފެނުނު ސަރަހައްދުން، ޑިންގީއެއްގެ އިންޖީނުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ވެސް އިއްޔެ ޑައިވަރުން ވަނީ ނަގައިފައެވެ. އެމްއެންޑީއެފް އިން ބުނީ އެއީ އެ ޑިންގީގެ އެއްޗެހިތޯ ބަލަމުން އަންނަ ކަމަށެވެ.

ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދަތުރު ކުރަމުން ދިޔަ ފެރީ ލޯންޗަކާއި ޑިންގީއެއް ޖެހުނު ހާދިސާގައި ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ، 41، ވަނީ ގެއްލިފައެވެ. އޭނާގެ އެއްވެސް ނިޝާނެއް އަދި ނުވެއެވެ.

ނަސްރުﷲ ހޯދަން އެމްއެންޑީއެފް އިން އަންނަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަނުގައި އެމްއެންޑީއެފްގެ ޑައިވަރުންގެ އިތުރުން ރިސޯޓުތަކުގެ ގިނަ އަދަދެއްގެ ޑައިވަރުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.

އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުތަކާއި، ހެލިކޮޕްޓަރުގެ އިތުރުން ޑައިވް ރޮބޮޓް ވެސް އަންނަނީ ބޭނުންކުރަމުންނެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ލޯންޗާއި ޑިންގީގައި ތިބި މީހުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.

comment ކޮމެންޓް