މިދިޔަ ހަފުތާގައި އެކަނި ވެސް މާލެއާއި ސިނަމާލެ ބުރިޖުގައި 42 އެކްސިޑެންޓު ހިނގިއިރު، ގިނައީ މާލޭގައި ހިނގި އެކްސިޑެންޓުތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން، ސިނަމާލެ ބުރިޖާއި މާލޭގައި ހިނގާ އެކްސިޑެންޓުތަކުގެ ތަފުސީލުތައް ހަފުތާއަކު އެއް ފަހަރު އާންމުކުރެއެވެ.
މިދިޔަ ހަފުތާގެ ހިސާބުތަކަށް ބަލާއިރު، ޖުމުލަ 42 އެކްސިޑެންޓު ވަނީ ހިނގާފައެވެ. އެ ހުރިހާ އެކްސިޑެންޓުތަކަކީ، އެހާ ބޮޑު ގެއްލުމެއް ނުވަތަ ސީރިއަސް އެކްސިޑެންޓުތަކެއް ނޫނެވެ. އޭގެ ތެރެއިން، 74 ޕަސެންޓު އެކްސިޑެންޓުތައް ހިނގީ ދުވާލުގެ ވަގުތުތަކުގައެވެ. ރޭގަނޑުގެ ވަގުތުތަކުގައި ހިނގާފައިވަނީ އެންމެ 11 އެކްސިޑެންޓުކަން ހިސާބުތަކުން އެނގެއެވެ.
ހިސާބުތަކަށް ބަލާއިރު، މި އެކްސިޑެންޓުތަކުގައި 28 އުޅަނދަކަށް ގެއްލުންވިއިރު، ދެ މީހަކަށް އަނިޔާވިއެވެ.

ފުލުހަކު މަގުމަތީގައި: މިދިޔަ ހަފުތާގައި މާލެއާއި ސިނަމާލެ ބުރިޖުގައި 42 އެކްސިޑެންޓެއް ވަނީ ހިނގާފައި --ސަން ފޮޓޯ/ ފަޔާޒު މޫސާ
މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން އައީ، ދުވާލަކަށް އެކްސިޑެންޓު ހިނގާ މިންވަރު އިތުރުވަމުންނެވެ. އެކަމަކު، ދެ ދުވަހު އުފުލުމަށް ފަހުގައި، ބުދަ ދުވަހު ހިނގި އެކްސިޑެންޓުގެ އަދަދު ދަށްވުމަށް ފަހުގައި، އަދަދު މައްޗަށް ދާން ފެށީ ޖެހިގެން އައި ބުރާސްފަތި ދުވަހެވެ. އެ ދުވަހަކީ، މިދިޔަ ހަފުތާގައި ދުވާލަކަށް އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައިވާ ދުވަހެވެ.
މި ގޮތުން، އެ ދުވަހު އެކަނި 11 އެކްސިޑެންޓު ހިނގިއެވެ. ހަފުތާ ނިމުނު ދުވަސް ކަމަށްވާ ހޮނިހިރު ދުވަހު ހިނގީ، އަށް އެކްސިޑެންޓެވެ.
އެއާއެެކު، މިދިޔަ ހަފުތާގައި މާލޭގައި އެކަނި ވެސް 35 އެކްސިޑެންޓު ހިނގިއެވެ. މާލެއާއި ހުޅުމާލެ ގުޅުވާލާ ސިނަމާލެ ބުރިޖުގައި ހިނގާފައިވަނީ އެންމެ ހަތް އެކްސިޑެންޓެވެ. ހިސާބުތަކުން އެނގޭ ގޮތުގައި، އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައި ހުރީ ސައިކަލާއި ކާރު ޖެހިގެނެވެ. އެ ބާވަތުގެ 14 އެކްސިޑެންޓު ހިނގާފައިވާއިރު، ދެ ސައިކަލު ޖެހިގެން ހަތް އެކްސިޑެންޓު މިދިޔަ ހަފުތާގައި ހިނގިއެވެ.
މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގުމަކީ، އާންމު ކަމެކެވެ. އެ ފަދަ އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލިފައި ހުރިއިރު، އުޅަނދުތަކަށް އެތައް ގެއްލުމެއް ލިބެއެވެ.
އެހެންވެ، ފުލުހުން ވަނީ މަގުތައް ބޭނުންކުރާ އެންމެންގެ ސަލާމަތަށް ޓްރެފިކް ގަވައިދުތަކަށް ތަބާވުމަށް އިލްތިމާސްކޮށްފައެވެ.