މަގުމަތީގެ ރައްކާތެރި ކަމަށް، "ރަނގަޅުކޮށްލާ" ހަރަކާތް އިފްތިތާހުކޮށްފި

ރައްކާ ޕްރޮގްރާމްގެ ހަރަކާތްތައް ސީޕީ ނަވީން އިފްތިތާހު ކޮށްދެއްވަނީ: ފޮޓޯ: ފުލުހުން

މަގުމަތީގެ ރައްކާތެރި ކަމަށް އާއްމުން ހޭލުންތެރި ކުރުމަށް, މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރައްކާ" ގެ ހަރަކާތްތައް މިއަދު އިފްތިތާހުކޮށްފިއެވެ.

މި ހަރަކާތްތައް އިފްތިތާހުކުރުމަށް އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ހަރަކާތްތައް އިފްތިތާހުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. މި ރަސްމިއްޔާތުގައި، އެމްޓީސީސީއާއި، އެޗްޑީސީއާއި، އުރީދޫ މޯލްޑިވްސްއާއި، އެލައިޑް އިންޝުއަރެންސް އަދި ޝީޝާގެ އިސްވެރިންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން ބޭފުޅުންގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި އަހަރު ރޯޑްސޭފްޓީ ހަރަކާތްތަކުގައި ބޭނުންކުރާ ހޭޝްޓޭގަކީ “ރަނގަޅުކޮށްލާ” އެވެ.

ފުލުހުން ކުރިއަށް ގެންދާ, “ރައްކާ”ގެ ހަރަކާތުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ސްކޫލުތަކުގެ ދަރިވަރުންނާއި އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް އެކި ހަރަކާތްތައް ރާވައި ހިންގުމަށް ވަނީ ނިންމައިފައެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ.

ފުލުހުން ބުނިގޮތުގައި މި ރޯޑް ސޭފްޓީ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ކަލަންޑަރެއް އެކުލަވައިލައި ތާވަލުކުރެވިފައިވާ ވަކި ދުވަސްތަކެއް ކަނޑައަޅައިގެން މުޅި އަހަރަށް ބަހާލައިގެންނެވެ. މި ހަރަކާތްތައް ކުރިއަށް ގެންދާނީ މުޅި ރާއްޖެ ހިމެނޭ ގޮތަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެގޮތުން، ރައްކާ ރޯޑް ޝޯވް، ޓްރެފިކް މޮނީޓާސް ޕްރޮގްރާމް، ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ޕްރޮގްރާމް، ފަހިރާސްތާ ޕްރޮގްރާމް، ޓެކްސީ ޑްރައިވަރުންގެ ޕްރޮގްރާމް، ކުންފުނިތަކުގެ ޑްރައިވަރުންނާއި މުވައްޒަފުންގެ ޕްރޮގްރާމް، ސަރުކާރު އިދާރާތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމް އަދި ފުލުހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމް މީގެ ތެރޭގައި ހިމެނެއެވެ.

މިއީ ފުލުހުން މި ފަހުން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ރާއްޖޭގައި މަގުމަތީ އެކްސިޑެންޓްތައް ވަރަށް ގިނައެވެ. ބައެއް އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަ ގެއްލިފައިވާއިރު އަނެއްބައި އެކްސިޑެންޓްތަކުގައި ބޮޑެތި އަނިޔާތައް ލިބިފައި އެބަހުއްޓެވެ.

comment ކޮމެންޓް