ދެވަނަ ޑިވިޝަން: ބީޖީއާއި ވެލެންސިއާ އެއް ގުރޫޕަކަށް

ޕީކޭއާއި ބީޖީ މިދިޔަ އަހަރުގެ މުބާރާތުގައި ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ދިވެހި ރާއްޖޭގެ ފުޓުބޯޅައިގެ އުދަރެހުގެ އެންމެ އުހުގައި ކުރިން ނަން ކިޔާލެވުނު ކުލަބް ވެލެންސިއާ، އަދި މީގެ ތިން އަހަރު ކުރިން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ބީޖީ ސްޕޯޓްސް ކުލަބު ދެވަނަ ޑިވިޝަން މުބާރާތުގައި އެއް ގުރޫޕަކަށް ޖެހިއްޖެ އެވެ.

މި މަހުގެ މެދުތެރޭ ފެށުމަށް ހަމަޖެހިފައި އޮތް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ގުރުނެގުން އިއްޔެ އެފްއޭއެމް ހައުސްގައި ކުރިއަށް ދިޔަ އިރު މުބާރާތުގައި ނުވަ ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މިހާރު ކުރިއަށްދާ ވޯލްޑް ކަޕު ކޮލިފައިން އަދި އޭއެފްސީ ޖޮއިންޓް ކޮލިފައިނަށް ވަގުތު ދިނުމުގެ ގޮތުންނާއި އިތުރު ބައެއް ސަބަބުތަކުގެ ސަބަބުން ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް އެފްއޭއެމް އިން މިއަހަރަށް ލަސް ކުރި އިރު ގައުމީ ލީގުގައި ވެސް އަދި ބާކީ އެއް ބުރު ނުނިމި އެބައޮތެވެ.

އިއްޔެ އެފްއޭއެމުން ގުރު ނެގި އިރު ގުރޫޕް އޭ ގައި ލައްވާލި ޓީމުތަކަކީ ދިވެހި ސިފައިންގެ ކުލަބާއި، މަހިބަނދޫ ސްޕޯޓްސް ކުލަބު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަދި ޖޭޖޭ ސްޕޯޓްސް ކުލަބުގެ އިތުރުން ގައުމީ 19 އަހަރުން ދަށުގެ ޓީމް އެވެ.

ގައުމީ ލީގުގައި ޖެހި ޖެހިގެން ތިން އަހަރު ކުޅުމަށް ފަހު ދެވަނަ ޑިވިޝަނަށް 2015 ވަނަ އަހަރު ރެލިގޭޓް ވީ މަހިބަނދޫ ސްޕޯޓްސް ކުލަބް އަލުން އަނބުރާ އެއްވަނަ ޑިވިޝަނުގައި ފައިތިލަ ސާބިތު ކުރުމަށް މަސައްކަތް ފަށާފައިވާ އިރު އެ ޓީމުގެ މުގުލުގައި މިވަގުތު ތިބީ މި ސީޒަނުގެ މެދުތެރެއިން ފުޓުބޯޅަ ކުޅުން ހުއްޓާލި ރާއްޖޭގެ ކުރީގެ އެއް ނަންބަރު ކީޕަރު އިމްރާން މުހައްމަދު އާއި ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އެވެ.

މިފަހަރުގެ މުބާރާތަށް ދުރާލާ ތައްޔާރުވި އަނެއް ޓީމަކީ މިދިޔަ ފަހަރުގެ މުބާރާތުގައި ރަނަރަޕްކަން ހޯދި ޖޭޖޭ ސްޕޯޓްސް ކުލަބެވެ. ރާއްޖޭގެ ގޯލްޑް ކެޕްޓަން އައްސަދު އަބްދުލް ޢަނީގެ އިރުޝާދާ އެކު އެ ޓީމު މުބާރާތަށް ނުކުންނަ އިރު މި މުބާރާތް ވެގެންދާނީ އޭއެފްސީ ބީ ލައިސެންސް ފުރިހަމަ ކުރުމަށް ފަހު އައްސަދު ކޯޗުކަން ކޮށްދޭ ފުރަތަމަ މުބާރާތަށެވެ.

މިދިޔަ ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ކެޓި ދިވެހި ސިފައިންގެ ކުލަބް ވެސް ވަނީ މިފަހަރުގެ މުބާރާތަށް ރަނގަޅު ތައްޔާރީތަކެއް ވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ގައުމީ ލީގު ފެށި އިރު ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗުގެ މަގާމުގައި ހުރި މުހައްމަދު އާތިފް (އާތީ) ވަނީ އެ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފަ އެވެ. އަދި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބިދޭސީ ބައެއް ކުޅުންތެރިން ގެނައުމާ އެކު އަތޮޅުތެރޭގައި ކުޅުނު ބައެއް މުބާރާތްތަކުގައި ވެސް ސިފައިންގެ ކުލަބުން ވަނީ ވާދަކޮށްފަ އެވެ.

އެ ގުރޫޕުގައި ދެން ހިމެނެނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބުގެ އިތުރުން 19 އަހަރުން ދަށުގެ ގައުމީ ޓީމެވެ. ޒުވާން ގައުމީ ޓީމުން ވޭތުވެ ދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ލޯ މެޑަލް ހޯދި އިރު މިފަހަރުގެ ދެވަނަ ޑިވިޝަނުގައި އެ ޓީމު ބައިވެރި ކުރުމަށް ނިންމީ ރަނގަޅު ތަޖުރިބާތަކެއް ހޯދުމުގެ ގޮތުން ކަމަށާއި ޓީމު އެއްބައިވަންތަ ކަމާ އެކު ދެމެހެއްޓުމަށް ކަމަށް އެފްއޭއެމުން ވަނީ ކުރިން ބުނެފަ އެވެ.

މުބާރާތުގައި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް އިރުޝާދު ދެނީ ކުރިން ފުރަތަމަ ޑިވިޝަންގައި ވެސް މަސައްކަތް ކުރި، ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗް އަހްމަދު ނާޝިދު (ނާދު) އެވެ. އެ ޓީމު އިތުރަށް ވަރުގަދަ ކުރަން ކުޅުންތެރިން ހޯދުމުގެ ގޮތުން މިދިޔަ ހަފްތާ ވަނީ ޓްރެއަލްއެއް ބާއްވާފަ އެވެ.

މިފަހަރުގެ މުބާރާތުގައި ދެން ވާދަ ކުރާނެ ދެވަނަ ގުރޫޕުގައި ހިމެނޭ ޓީމުތަކަކީ 2016 ވަނަ އަހަރު ރެލިގޭޓްވި ބީޖީ ސްޕޯޓްސް ކުލަބާއި ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ވެލެންސިއާ އަދި ޓީސީ އާއި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު އީސާ (މޯ)ގެ އިރުޝާދާ އެކު ވާދަކުރާ ކުޑަހެންވޭރު ޔުނައިޓެޑުގެ އިތުރުން ކުލަބް ޕީކޭ އެވެ.

comment ކޮމެންޓް