ރެހެންދި އެވޯޑަށް ނަން ހުށަހަޅަން ހުޅުވާލައިފި

ރެހެންދި އެވޯޑު ދިނުމަށް ބޭއްވި ހަފްލާ -- ފޮޓޯ: ރައީސް އޮފީސް

މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލުންގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޖެންޑާ މިނިސްޓްރީން ހުޅުވާލައިފިއެވެ.

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ވަނީ ހުޅުވާލައިފައެވެ.

މި އެވޯޑަށް އަމިއްލަ ގޮތުންނާއި އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓްކުރުމުގެ) ފުރުސަތު އަދި މުއައްސަސާ، އޮފީސް އަދި ކުންފުނިތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިފަހަރުގެ އެވޯޑުގައި އާންމު ފަރުދުންގެ ތެރެއިން ހަމައެކަނި އަންހެނުންނަށް ރެހެންދި އެވޯޑަށް ހުށަހެޅޭ ކެޓަގަރީގެ ދަށުން، ސިޔާސީ، އިޖުތިމާއީ އަދި އިގްތިސޯދީ ދާއިރާއިން އެވޯޑު ދެވިގެންދާނެއެވެ.

އަދި އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކޮށް އެވޯޑެއް ދިނުމުގެ އިތުރުން އަންހެނުން އާންމުކޮށް ކޮށްނޫޅޭ މަސައްކަތްތަކުގެ ދާއިރާއިން ވެސް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވަޒީފާ ދޭ ފަރާތްތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދާއިރާ އަދި އާންމު ފަރުދުންގެ ތެރެއިން ފިރިހެނުންނަށް ރެހެންދި އެވޯޑަށް ހުށަހެޅޭ ދާއިރާއެއްވެސް ހިމެނެއެވެ.

ރެހެންދި އެވޯޑަކީ މުޖުތަމައާއި ގައުމުގެ ތަރައްގީއަށާއި ލާބައާއި މަންފާ ލިބޭ ފަދަ އަގުހުރި ހިދުމަތްތައް ކޮށްދީފައިވާ އަންހެނުންނަށް، 2014 ވަނަ އަހަރުން ފެށިގެން ދޭ ހާއްސަ އެވޯޑެކެވެ.

comment ކޮމެންޓް