އެކްސިޑެންޓުވި ޑިންގީ ކަނޑު އަޑިން ފެނިއްޖެ

ޑައިވް ކުރަނިކޮށް ފެނުނު ޑިންގީގެ ބައެއް -- ފޮޓޯ/އެމްއެންޑީއެފް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނު ކައިރީ ލޯންޗަކާ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އަޑިއަށް ދިޔަ ޑިންގީ ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ އެކްސިޑެންޓުވި ޑިންގީ ފެނިފައި ވަނީ ދޮންފަނާއި އެ އަތޮޅު އަނގަފަރާ ދެމެދުން، ކަނޑުގެ 40 މީޓަރު އަޑީގައި އޮއްވާ ކަމަށެވެ.

ޑިންގީ ފެނިފައިވަނީ، ންގީ އާއި އެކްސިޑެންޓުގައި ގެއްލުނު ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ، 41، ހޯދަން ޑައިވް ކުރަމުން ދިޔަ އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމަށެވެ.

އެމްއެންޑީއެފް އިން ބުނީ ހަމަ އެ ސަރަހައްދުން ޑިންގީގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ވެސް ޑައިވަރުން މިއަދު ނަގާފައިވާ ކަމަށެވެ.

އެގޮތުން އިންޖީނެއްގެ މަތިގަނޑެއް ޑައިވަރުން ނަގާފައިވާ ކަމަށާއި، އެއީ ޑިންގީގެ އިންޖީނުގެ އެއްޗެއްތޯ ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މީގެކުރިން ހަމަ އެ ސަރަހައްދުން މަސްބާނަން ބޭނުންކުރާ ސާމާނާއި ނެވިގޭޝަން ލައިޓެއް ވެސް ވަނީ ފެނިފަ އެވެ.

ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދަތުރު ކުރަމުން ދިޔަ ފެރީ ލޯންޗަކާއި ޑިންގީއެއް ޖެހުނު ހާދިސާގައި ޑިންގީއިން ގެއްލުނު ނަސްރުﷲގެ އެއްވެސް ނިޝާނެއް އަދި ފެނިފައެއް ނުވެ އެވެ.

ޑިންގީ އާއި ނަސްރުﷲ ހޯދަން އެމްއެންޑީއެފް އިން އަންނަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަނުގައި އެމްއެންޑީއެފްގެ ޑައިވަރުންގެ އިތުރުން ރިސޯޓުތަކުގެ ގިނަ އަދަދެއްގެ ޑައިވަރުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.

އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުތަކާއި، ހެލިކޮޕްޓަރުގެ އިތުރުން ޑައިވް ރޮބޮޓް ވެސް އަންނަނީ ބޭނުންކުރަމުންނެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ލޯންޗާއި ޑިންގީގައި ތިބި މީހުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.

comment ކޮމެންޓް