ފުވައްމުލަކު މޭޔަރުގެ މަގާމަށް ކުރިމަތިލާން ފަޒާދު އެނބުރި ޕީޕީއެމްއަށް

ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު އަލީ ފަޒާދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު އަލީ ފަޒާދު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ފުވައްމުލަކު މޭޔަރު ކަމަށް ކުރިމަތިލުމަށްޓަކައި އަލުން ޕީޕީއެމްއާ ގުޅިވަޑައިގެން، ފޯމު ހުށަހަޅުއްވައިފި އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލުމަށް އެދި ފަޒާދު ހުށަހެޅުއްވި ފޯމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރެވެ.

ފަޒާދުއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރުކަން ކުރެއްވުމުގެ އިތުރުން، ފުވައްމުލައް ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމުގެ ކުރިން އަތޮޅު ކައުންސިލްގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ފަޒާދު ޕީޕީއެމްއިން ވަކި ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ލީޑަޝިޕާ މެދު ހިނގި ހިޔާލު ތަފާތުވުންތަކެއްގެ ތެރެއިންނެވެ. އަދި އެއަށްފަހު އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކޮށްދެއްވާފައެވެ.

މިކަމާ ގުޅޭގޮތުން އާދަމް ޝަރީފު "ސަން"އަށް ވިދާޅުވީ ފަޒާދުގެ އިތުރުން އަދި އެއް ބޭފުޅަކު ޕީޕީއެމްގެ ފަރާތުން ފުވައްމުލައް ސިޓީގެ މޭޔަރުގެ މަގާމަށް ކުރިމަތިލާން ފޯމު ހުށަހަޅާފައިވާ ކަމަށާއި އެހެންކަމުން ދާނީ ޕްރައިމަރީއަކަށް ކަމަށެވެ.

"ފަޒާދު ފޯމު ހުށަހެޅުއްވީ މިރޭ. އަދި އިތުރު އެއް ބޭފުޅަކު ޕާޓީގެ ފަރާތުން ފުވައްމުލަކު މޭޔަރުކަމަށް ކުރިމަތިލައްވަން ވަނީ ހުށަހަޅާފައި. އެހެންވީމަ ދާނީ ޕްރައިމަރީއަކަށް. ކަމުގެ ގާބިލުކަން ހުރި ހުރިހާ ފަރާތްތަކުން ވެސް ޕާޓީއާ ގުޅިވަޑައިގެން، ޕްރައިމަރީގައި ވާދަ ކުރެއްވުމަކީ އަޅުގަނޑުމެން މަރުހަބާ ކިޔާ ކަމެއް،" އާދަމް ޝަރީފު ވިދާޅުވި އެވެ.

ޕްރައިމަރީގައި މިފަހަރު ޕީޕީއެމްއިން ގެންގުޅޭ ސިޔާސަތަކީ ޕްރައިމަރީގައި ކުރިމަތިލާ ކެންޑިޑޭޓުންނަށް ލީޑަޝިޕުން ކެމްޕޭނު ކޮށްދިނުމުގެ ބަދަލުގައި ޕްރައިމަރީން ކާމިޔާބު ހޯދާ ކެންޑިޑޭޓުންނަށް ކެމްޕޭނު ކޮށްދިނުން ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

"ޕްރައިމަރީގައި އެ ބޭފުޅެއް މަސައްކަތް ކުރައްވަން ޖެހޭނީ އަމިއްލައަށް. އެއަށްފަހު ލީޑަޝިޕުން ސަޕޯޓް ދޭނީ. އެއްވެސް ކެންޑިޑޭޓެއްގެ ހައްގަކަށް އުނިކަމެއް އަންނަ ފަދަ ކަމެއް ލީޑަޝިޕުން ނުކުރާނެ."

މީގެ އިތުރުން އާދަމް ޝަރީފު ވިދާޅުވީ ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވާ ކެންޑިޑޭޓުން ކާމިޔާބު ހޯދާ ކެންޑިޑޭޓުންނާ ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ކާމިޔާބު ހޯދާ ކެންޑިޑޭޓުން، ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް އިހްތިރާމު ކުރަން ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގެ ޑިމޮކްރެޓިކް ޕްރެކްޓިސްތަކަށް އަހުލުވެރިވާން އެބަޖެހޭ. ޕްރައިމަރީން ކާމިޔާބު ހޯދާ ކެންޑިޑޭޓުން ވެސް ގަބޫލު ކުރަން ވާނެ، ނާކާމިޔާބު ވާ ކެންޑިޑޭޓަކީ ވެސް ޕޮޓެންޝަލް ހުރި، ޕާޓީއަށް ވަފާތެރި ބޭފުޅެއް ކަން،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ނިންމާފައިވާ ޕީޕީއެމްއިން އެ ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް ފަހުން އެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހުގެ 16:00 އާ ހަމައަށް އިތުރުކޮށްފައިވާއިރު، ޕާޓީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގަ އެވެ.

މިއަހަރުގެ ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތާކައި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރަން ނިންމާފައިވާއިރު، އޭގެ ތެރެއިން 384 ޖާގަ ހާއްސަކޮށްފައިވަނީ އަންހެން ކައުންސިލަރުންނަށެވެ.

comment ކޮމެންޓް