ކެމްބޯޑިއާގެ އިމާރާތެއް ވެއްޓި، 36 މީހަކު މަރުވެއްޖެ

ކެމްބޯޑިއާއިން ވަނީ ވެއްޓިފައިވާ އިމާރާތުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ހުއްޓާލާފަ -- ފޮޓޯ: ސްކައިނިއުސް

ޕެނޮމް ޕެން (ޖެނުއަރީ 5): ކެމްބޯޑިއާގައި ހަދަމުން ދިޔަ އިމާރާތެއް ވެއްޓި، 36 މީހަކު މަރުވެ 23 މީހަކަށް އަނިޔާވެއްޖެ އެވެ.

ކެމްބޯޑިއާގެ އައްސޭރިފަށުގައި އޮންނަ ކެޕްގައި އަޅަމުންދިޔަ ހަތް ފަންގިފިލާގެ އެ ގެސްޓުހައުސް ވެއްޓުނީ ހުކުރު ދުވަހު އެވެ. އަދި އެ އިމާރާތުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް މިއަދު ހުއްޓާލާފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުންޏެވެ.

އެހާދިސާގައި މަރުވި މީހުންނަކީ އިމާރާތުގައި މަސައްކަތް ކުރަމުން، އެތަނުގައި ދިރިއުޅެމުން ދިޔަ މީހުންނާއި އެމީހުންގެ އާއިލާތައް ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އެހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަ ކުޑަކުދިންނާއި 14 އަންހެނުން ހިމެނޭ ކަމަށް އޮފިޝަލުން ބުންޏެވެ. އަދި އިމާރާތުގެ ދަށުން 23 މީހަކު ވަނީ ދިރިތިއްބާ ސަލާމަތްކޮށްފަ އެވެ.

ކެމްބޯޑިއާގައި ހަދަމުން ދަނިިކޮށް ވެއްޓުނު އިމާރާތެއްގެ ދަށުވެ، 36 މީހަކު ވަނީ މަރުވެފަ -- ފޮޓޯ: ސްކައިނިއުސް

ކެޕްގެ ގަވަރުނަރު ކެން ސަތާ ވިދާޅުވި ގޮތުގައި އެ އިމާރާތުގެ ވެރިންނަކީ ދެމަފިރިންނެވެ. އަދި އެމީހުންނާ ސުވާލު ކުރުމަށް ފުލުހުން ވަނީ އެ ދެ މީހުން ހައްޔަރުކޮށްފަ އެވެ.

ކެމްބޯޑިއާއަށްދާ ޗައިނާގެ ފަތުރުވެރިންނާއި އިންވެސްޓަރުން ގިނަވުމުގެ ސަބަބުން އެގައުމުގައި އިމާރާތް ކުރާ މިންވަރު ވަނީ ފާއިތުވި އަހަރުތަކުގައި އިތުރުވެފަ އެވެ.

ނަމަވެސް އިމާރާތް ކުރުމާ ގުޅުން ހުރި ގާނޫނުތައް ތަންފީޒު ނުކުރުމާއި ކޮރަޕްޝަނާއި މަސައްކަތް ކުރާ މީހުން، ހަދަމުންދާ އިމާރާތްތަކުގައި ދިރިއުޅެން ޖެހުމުން އެކްސިޑެންޓުތައް ގިނަވެ، އެފަދަ ހާދިސާތަކުގައި މީހުން މަރުވާ އަދަދު ގިނަވާ ކަމަށް މަސައްކަތްތެރިންގެ ހައްގުތަކަށް މަސައްކަތް ކުރާ އޮފިޝަލުން ވިދާޅުވެ އެވެ.

comment ކޮމެންޓް