ލީބިޔާގެ ނެޝަނަލް އާމީއިން ތުރުކީ ސިފައިންނާ ދެކޮޅަށް ޖިހާދު އިއުލާނު ކޮށްފި

ޖެނެރަލް ހަފްތާރު ހަލީފާގެ ދަށުން ހިންގާ ލީބިޔަން ނެޝެނަލް އާމީ (އެލްއެންއޭ)ގެ ސިފައިން---

ލީބިޔާގައި ހަރަކާތްތެރިވާ ލީބިޔަން ނެޝެނަލް އާމީ (އެލްއެންއޭ)އިން ތުރުކީ ސިފައިންނާ ދެކޮޅަށް ޖިހާދު އިއުލާންކޮށްފިއެވެ.

ލީބިޔާގައި ކުރިން ވެރިކަންކުރެއްވި ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީ އަަވާހަރަކޮށްލިފަހުން އެގައުމު މިހާރު އޮތީ ބައިބައިވެފައެވެ.

އެގޮތުން އެގައުމުގެ ބައެއް ސަރަހައްދު ޖެނެރަލް ހަފްތާރު ހަލީފާގެ ދަށުން ހިންގާ ލީބިޔަން ނެޝެނަލް އާމީ (އެލްއެންއޭ)ގެ ދަށުގައި އޮންނައިރު އަނެއްބައި ސަރަހައްދުތައް އޮންނަނީ ޓްރިޕޮލީގައި އޮންނަ ގަވަމަންޓް އޮފް ނެޝެނަލް އެކޯޑް (ޖީއެންއޭ) ސަރުކާރުގެ ދަށުގައެވެ. ބައިނަލްއަގުވާމީ ގިނަ ގައުމުތަކުންނާއި އދ. އިންވެސް ގަބޫލްކުރަނީ ޖީއެންއޭ ސަރުކާރެވެ. އެލްއެންއޭއަށް ވާގިވެރިވަނީ މިސްރާއި ޔޫއޭއީންއެވެ.

ދާދި ފަހުން ތުރުކީގެ ޕާލަމަންޓްއިން ވަނީ ލީބިޔާގެ ޖީއެންއޭ ސަރުކާރަށް އެހީވުމަށް ތުރުކީ ސިފައިން ފޮނުވަން ފާސްކޮށްފއެވެ.

އެ މައްސަލައިގައި ހަފްތާރު ވިދާޅުވީ އެގައުމަށް އިސްތިއުމާރުކުރަން އަންނަ ތުރުކީގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރާނެ ކަަމަށެވެ.

" ތުރުކީގެ އިސްތިއުމާރާ ދެކޮޅަށް އަހަރެމެން ޖިހާދު އިއުލާންކޮށްފިން" ހަފްތާރު ވިދާޅުވިއެވެ.

ތުރުކީގެ ދެކޭގޮތުގައި އެގައުމުގެ ސިފައިން ލީބިޔާއަށް ފޮނުވުމުން، ހަފްތާރުގެ ސިފައިން ޓްރިޕޮލީއާ ދިމާއަށް މިސްރާބުޖެހުމަށް ފަށައިފައިވާ އަސްކަރީ ހަރަކާތްތައް ހުއްޓުވޭނެއެވެ.

comment ކޮމެންޓް