ނިލަންދޫން ދަ ގްރާންޑޭ ހިފެހެއްޓި އިރު މާޒިޔާ ލީޑު ފުޅާ ކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި ރޭ މާޒިޔާއާއި ފޯކައިދޫ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 2-3ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ މާޒިޔާ --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ނިލަންދޫ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗު އެއްވަރަކުން ނިމުނު އިރު ރޭ ކުޅުނު މެޗުގައި ފޯކައިދޫ އަތުން ކުރި ހޯދައި މާޒިޔާއިން 14 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު ވާދަވެރި މެޗުގައި ނިލަންދޫއިން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދަ ގްރާންޑޭއާ ވާދަކޮށް ވަރުގަދަ ކުޅުމެއް ދެއްކި އިރު އެ މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މި މެޗުން ލިބުނު ޕޮއިންޓަކާ އެކު ދަ ގްރާންޑޭ އޮތީ ތާވަލުގެ ފަސްވަނާގައި 16 މެޗުން 21 ޕޮއިންޓާއެކު އެވެ. ނިލަންދޫއަށް އެ މެޗުން ލިބުނު ޕޮއިންޓާ އެކު ވަނީ 16 މެޗުން 14 ޕޮއިންޓު ހޯދައި ހަތްވަނައަށް ޖެހިލައިފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ނިލަންދޫއާއި ދަ ގްރާންޑޭ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ// އެފްއޭއެމް

އެންމެ އުނދަގޫ ހާލަތެއްގައި އޮވެ ސީޒަނާއި ކުރިމަތިލި ނިލަންދޫއިން އެއްވެސް މޮޅެއް ނުލިބި ފުރަތަމަ ބުރު ނިންމާލި ނަމަވެސް ލީގުގެ ދެވަނަ ބުރުގައި އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް، ރަނގަޅު ކުރިއެރުމެއް ހޯދައިފަ އެވެ. އެގޮތުން އިއްޔެގެ މެޗުން ހޯދި ޕޮއިންޓާ އެކު އެ ޓީމުން ވަނީ ފުރަތަމަ ފަހަރަށް ފުލުގެ ދެ ޖައިގަ ފަހަނަ އަޅައި ދަތުރު ކޮށްފަ އެވެ. އެ ޓީމުގެ ދަށުގައި މިވަގުތު އޮތީ ޔުނައިޓެޑް ވިކްޓަރީއާއި ސަސްޕެންޑް ކޮށްފައިވާ ވިކްޓަރީ އެވެ.

އިއްޔެގެ މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ނިލަންދޫން ވަނީ ލީޑު ނަގައިފަ އެވެ. ދަ ގްރާންޑޭގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު މި ގޯލް ނިލަންދުއަށް ކާމިޔާބުކޮށްދިނީ ޖަޕާންގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ އެވެ. އެއަށް ފަހު ދަ ގްރާންޑޭ އަށް އެއްވަރުކޮށްދިނީ އަޔާޒް އަހުމަދެވެ.

އެ މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު އިރު މެޗުގެ 75 ވަނަ މިނެޓުގައި ނިލަންދޫގެ ބިދޭސީ ފޯވާޑް ލޫކަސްއަށް ރެފްރީ ވަނީ ރަން ކާޑު ދައްކައިފަ އެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތީސް ދަ ގްރާންޑޭގެ މުހައްމަދު ނިޒާމްއަށް ފައުލުކުރުމާއި ގުޅިގެންނެވެ.

މީގެ އިތުރުން ރޭ ލީގުގައި ކުޅުނު މެޗުން ފޯކައިދޫއާ ވާދަކޮށް މާޒިޔާ ކުރި ހޯދީ 2-3ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން ލިބުނު މޮޅާ އެކު މާޒިޔާ އެއްވަނާގައި އޮތީ 16 މެޗުން 41 ޕޮއިންޓާ އެކު އެވެ. ދެވަނާގައި އޮތް ކްލަބު އީގަލްސްއަށް 14 މެޗުން ލިބިފައި ވަނީ 27 ޕޮއިންޓެވެ. އަދި މިރޭ މާޒިޔާ އަތުން ބަލިވި ފޯކައިދޫ އޮތީ ތާވަލުގެ ހަވަނައިގައި 16 މެޗުން 20 ޕޮއިންޓާއެކު އެވެ.

ވާދަވެރި ކުޅުމެއް ފެނުނު އެ މެޗުގައި މާޒިޔާއިން ލީޑު ނެގީ މެޗުގެ 15 ވަނަ މިނެޓުގަ އެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މިގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓެވާޓްއެވެ. މާޒިޔާއަށް ފުރަތަމަ ހާފުގައި ލަނޑުޖަހާނެ ހުސްފުރުސަތުތަކެއް ލިބި ބޭކާރު ވެގެން ދިޔަ އިރު ދެވަނަ ހާފު ފެށީ ފޯކައިދޫގެ ގޯލަކުންނެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ހުސައިން ފަޒީލް އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ރޭ މާޒިޔާއާއި ފޯކައިދޫ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 2-3 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ މާޒިޔާ --- ފޮޓޯ// އެފްއޭއެމް

އެކަމަކު ފޯކައިދޫއަށް މާގިނަ އިރު އެ ހާފުގައި ވެސް މާޒިޔާ ހިފަހައްޓާލެވޭ ގޮތެއް ނުވި އެވެ. އެގޮތުން 64 ވަނަ މިނަޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ހުރަހަކުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ އެޓީމަށް އަލުން ލީޑު ނަގާދީފަ އެވެ.

އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އިބްރާހީމް ވަހީދު ހަސަން (އިއްބެ) މާޒިޔާއަށް ލީޑު ފުޅާކޮށްދިން ނަމަވެސް، އޭގެ މިނެޓެއް ފަހުން މާޒިޔާގެ ގޯލްކީޕަރު އަޒީޒީ އޯވޭސް އަތުން ބައިކޮޅަށް ވަން ގޯލުން ފޯކައިދޫން ފަރަގު ކުޑަކުރި އެވެ.

comment ކޮމެންޓް