ދިއްލީ (ޖެނުއަރީ 2): އިންޑިއާގައި އޮންލައިން ވިޔަފާރީގައި އެމެޒޯންއާ ވާދަ ކުރުމަށް އެގައުމުގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ރިލަޔަންސް އިންޑަސްޓްރީސްއިން އާ ހިދުމަތެއް ޓެސްޓު ކުރަން ފަށައިފި އެވެ.
ރިލަޔަންސްގެ ދެ ސަބްސިޑަރީ ކުންފުނި ކަމަށްވާ ރިލަޔަންސް ރީޓެއިލް އާއި ރިލަޔަންސް ޖިއޯއިން ޓެސްޓު ކުރަން ފެށި ޖިއޯމާޓަކީ ކެއުމަށާއި ކެއްކުމަށް ބޭނުން ކުރާ ތަކެތި ގެންގޮސްދޭ ހިދުމަތެއް ކަމަށް އެކުންފުނިން ބުންޏެވެ.
ޖިއޯމާޓުގައިވާ ގޮތުން އެ ވެބްސައިޓުން ގެންގޮސްދޭ ކާތަކެތީގެ ލިސްޓު މިހާރު 50،000އަށް އަރަ އެވެ. އަދި މިހާރު އެ ހިދުމަތަށް ރެޖިސްޓާ ކުރަން ހުޅުވާލާފައިވާ އިރު، އެ ހިދުމަތް ފުރަތަމަ ލިބޭނީ ނަވީ މުމްބާއީ އާއި ކަލްޔަން އާއި ތާނޭގައި ދިރިއުޅޭ މީހުންނަށެވެ.
އިންޑިއާގެ އޮންލައިން ގްރޮސެރީ މާކެޓު އަދި ބޭނުން ކުރަނީ އާބާދީގެ އެންމެ 0.15 ޕަސެންޓު މީހުންނެވެ. މިހާރު އެ ސިނާއަތަށް އެގައުމުގައި ލިބެނީ އަހަރަކު 870 މިލިއަން ޑޮލަރު ކަމަށްވީ ނަމަވެސް 2023 އަންނަ އިރު އެ ހިދުމަތުން 14.5 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް މާހިރުން ލަފާ ކުރެ އެވެ.
އިންޑިއާގައި އޮންލައިން ވިޔަފާރީގައި މިހާރު އެންމެ ކުރީގައި އުޅެނީ އެމެޒޯން އާއި އެމެރިކާގެ ވޯލްމާޓް ކުންފުނިން ގަނެފައިވާ ފްލިޕްކާޓް އެވެ.
އޭޝިއާގެ އެންމެ މުއްސަނދި މީހާ ކަމަށްވާ، ރިލަޔަންސް ކުންފުނީގެ ވެރިޔާ އަމްބާނީގެ މިލްކިއްޔާތު 60 ބިލިއަން ޑޮލަރަށް އަރަ އެވެ.