ތިމާވެށީގެ މައްސަލަތަކުގައި އާންމުންނަށް މިނިސްޓަރާ ބައްދަލުކުރެވޭ ގޮތަށް ހަމަޖައްސައިފި

ތިމާވެށީގެ ހާލަތު ބައްލަވާލެއްވުމަށް އެންވަޔަރަމަންޓް މިނިސްޓަރު މ. އަތޮޅުގެ ރައްތަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ތިމާވެށީގެ މައްސަލަތަކުގައި އާންމުންނަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއާ ބައްދަލުކުރުމުގެ ފުރުސަތު ދޭން ނިންމައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ވަނީ އަންނަ އަހަރުން ފެށިގެން ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންމެ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އިން 10:00 އަށް ހަމަޖައްސައިފައިވާ ކަމަށެވެ.

"އެއްވެސް އެޕޮއިންޓްމަންޓަކާއި ނުލައި އާއްމުންނަށް އަޅުގަނޑާ ބައްދަލުކުރެވޭނެ- މިނިސްޓަރު،" މިނިސްޓްރީގެ ޓުވީޓުގައި ވެއެވެ.

ރާއްޖޭގެ ރަށްތަކުގެ ތިމާވެށީގެ ހާލަތު ބައްލަވާލެއްވުމަށް މިނިސްޓަރު މިހާރުވެސް ދަނީ އެކި ރަށްތަކަށް ސިލްސިލާ ދަތުރުތަކެއް ކުރައްވަމުންނެވެ. އެގޮތުން ދާދިފަހުންވެސް މިނިސްޓަރު ވަނީ ގދ. އދި މ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވައިފައެވެ.

މިނިސްޓަރު މިހާރުވެސް ގެންދަވަނީ ތިމާވެއްޓާއި ގުޅުންހުރި ގައުމީ އަދި ބައިނަލްއަގުވާމީ ބައްދަލުވުންތަކާއި ފޯރަމްތަކުގައި ބައިވެރިވެވަޑައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކުރައްވައި އެ ރަށްރަށަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.

ރާއްޖޭގެ ރަށްތަކުގައި މިހާރުވެސް ތިމާވެށީގެ މައްސަލަތައް ގިނައެވެ. އޭގެ ތެރޭގައި ކުނީގެ މައްސަލަތަކާއި ރަށްގިރުމުގެ މައްސަލަ ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް