ޕީޕީއެމް، ޕީއެންސީ ބެލެހެއްޓޭވަރުގެ ބާޒާއި ސިންގާ ދެ ޕާޓީގައި އެބަތިބި: އަދުރޭ

އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމް، ޕީއެންސީ ބެލެހެއްޓޭވަރުގެ ބާޒާއި ސިންގާ ޕީޕީއެމް ޕީއެންސީގައި އެބަތިބި ކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ލ. މާވަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ދުވަހުގެ ކުރީރޭ އެމަނިކުފާނު ރައްޔިތުންނާ މުހާތަބު ކުރައްވާ ކުރެއްވި އިލްތިމާސް އަށް އަމަލު ކުރަންޖެހޭ ކަމަށާއި ރައީސް ޔާމީނަށްޓަކާ އެމަނިކުފާނުގެ ސަޕޯޓަރުންނަށް ކޮށްދެވެން އޮތް ކަމަކީ އެއީ ކަމަށެވެ.

"އެ އިލްތިމާސްއަކީ އެމަނިކުފާނު ވިދާޅުވި، ފަހަރުގައި ދިމާވާގޮތަކުން ވަގުތީގޮތުން އަޅުގަނޑުމެންދާ ދުރުގައި ދުވަސްކޮޅަކު އެމަނިކުފާނަށް ހުންނަން ޖެހިވަޑައިގެންނެވި ނަމަވެސް ޕީޕީއެމް ޕީއެންސީގެ މައްޗަށް މިނިކާ ބާޒުތަކެއް ގަދަވި ދިޔަ ދީގެން ނުވާނެޔޭ. އެހެންވީމާ އަޅުގަނޑުމެން މި ދެޕާޓީގެ ލީޑަޝިޕުން މިތިބީ މި ދެންނެވިފަދަ ބާޒުތަކަށް ފުރުސަތު ދޭ ގޮތަކަށް ނޫން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވިއިރު ރައީސް ޔާމީނުގެ ސަރުކާރުގައި ފުރަތަމަ ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕަށް ވަރުގަދަ "ބާޒެއް" ނުވަތަ "ސިންގާ"އެއް ބޭނުންވާ ކަމަށެވެ.

"އެބޭފުޅުންނަށް ބޭނުންވަނީ ވަރުގަދަ ލީޑަރެއް. އެބޭފުޅުންނަށް ބޭނުންވޭ އެބަ ވަރުގަދަ ބާޒެއް. އެބޭފުޅުންނަށް އެބަ ބޭނުންވޭ ސިންގާއެއް، އެފަދަ ބާޒެއް ނުވަތަ ސިންގާއެއް އައިސް އެބޭފުޅުން ގޮވައިގެން ލީޑު ކުރަން އެބަ ޖެހޭ،" އުމަރު ވިދާޅުވިއެވެ.

އުމަރުގެ އެ ވާހަކައަށް ރައްދު ދެއްވާ އަދުރޭ މިރޭ ވިދާޅުވީ ޕީޕީއެމް ޕީއެންސީ އަށް ބާޒެއް ބޭނުންވާކަމަށް ބައެއް ބޭފުޅުން ވިދާޅުވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޕީޕީއެމް ޕީއެންސީ ބެލެހެއްޓޭވަރުގެ ބާޒާއި ސިންގާ ޕީޕީއެމް ޕީއެންސީގައި އެބަތިއްބޭ. ރައީސް ޔާމީނަށް އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްދޭކަށް ދުރުން އަންނާކަށް މީހަކު ނެތް. މިއަދު ޕީޕީއެމް ޕީއެންސީގައި ތިބި މީހުންނަށްވުރެ ރައީސް ޔާމީނަށް އިހުލާސްތެރިވާނެ މީހަކުވެސް އަދި ރައީސް ޔާމީނަށް ވަފާތެރިވާނެ މީހަކުވެސް އެމަނިކުފާނުގެ ހައްގުގައި މަސައްކަތްކުރާނެ ބަޔަކުވެސް މި ގައުމުގައި ނޫޅޭނެ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ސިޔާސީ ގޮތުން އަރާނެ އޮޑިއެއް ނެތީމާ، ސިޔާސީ ގޮތުން ވަންނާނ ޖަގަހައެއް ނެތީމާ، މީޑިއާތަކުގައި ޕީޕީއެމް ޕީއެންސީ އާ "ބެހިވަޑައިގަންނަވާނެ ކަމެއްނެތް" ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ބޭނުންވި ނަމަވެސް އެކަން ވާން ނެތް ކަމަށާއި އެ ޓިކެޓުގައި 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ރައީސް ޔާމީން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޕާޓީ ބައިބައިކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަށް ޕާޓީގެ މެންބަރުން ސަމާލުވާންޖެހޭ ކަމަށެވެ.

"ވަރަށް ފާޑުފާޑަށް މީހުން މަސައްކަތް ކުރަމުން އެބަދޭ އަޅުގަނޑުމެންގެ ޕާޓީ ބައިބައިކުރަން. ހާއްސަކޮށް ލޯކަލް ކައުންސިލްގެ އިންތިހާބަށްފަހު މިކަންތައް މި ކުރަނީ،"

އަދުރޭ ވަނީ އާއިލީ ގުޅުމަށް ނުބަލާ، ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި ނިކުންނަ ކެންޑިޑޭޓުންނަށް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް އެދިލައްވައިފައެވެ.

comment ކޮމެންޓް