ނޮވެމްބަރު މަސް ނިމުނުއިރު ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް 3.2 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން މަހަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ ހަރަދާއި އާމްދަނީގެ ރިޕޯޓުން ދައްކާ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް ބަޖެޓުން 25 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ޖެނުއަރީ - ނޮވެމްބަރުގެ ނިޔަލަށް ބަޖެޓް ތަފާސް ހިސާބުތައް
- 2019 ގެ ޖުމްލަ ބަޖެޓު: 31.9 ބިލިއަން ރުފިޔާ
- ހިލޭ އެހީއާއެކު ޖުމުލަ އާމްދަނީ: 21.8 ބިލިއަން ރުފިޔާ
- ޓެކުހުގެ އާމްދަނީ: 15.1 ބިލިއަން ރުފިޔާ
- ޓެކްސް ނޫން ގޮތަށް ލިބުނު އާމްދަނީ: 5.67 ބިލިއަން ރުފިޔާ
- ހިލޭ އެހީ: 1.08 ބިލިއަން ރުފިޔާ
- ޖުމުލަ ޚަރަދު: 25.05 ބިލިއަން ރުފިޔާ
- ރީކަރަންޓް ޚަރަދު: 18.37 ބިލިއަން ރުފިޔާ
- ކެޕިޓަލް ޚަރަދު: 6.68 ބިލިއަން ރުފިޔާ
މިއަހަރުގެ ފުރަތަމަ 11 މަސް ދުވަހުގެ ތެރޭގައި ބަޖެޓުގެ ބޮޑު ބައެއް ރީކަރަންޓް ހަރަދަށް ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށެވެ.
ކެޕިޓަލް ހަރަދުގެ ތެރެއިން 3.5 ބިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ހަރަދުކުރި އިރު، ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކޮށްފައިވަނީ 1.78 ބިލިއަން ރުފިޔާ އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރާ އަޅާބަލާއިރު މިދިޔަ މަސް ނިމުނު އިރު ދައުލަތުގެ އާމްދަނީ ވަނީ 10.9 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެގޮތަށް ދިމާވި ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީގެ ތެރޭގައި ހިމެނޭ ކުންފުނީގެ ފައިދާއިން ލިބޭ ޑިވިޑެންޑާއި، އިންޓަރެސްޓްގެ އާމްދަނީ 17.1 ޕަސެންޓް ދަށަށް ދިޔުމުންނެވެ. އަދި ޓެކްސް އާމްދަނީ ވެސް 3.1 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ވެސް ފިނޭންސުން ބުންޏެވެ. ސަބަބަކީ، އިމްޕޯޓް ޑިއުޓީއިން ލިބުނު އާމްދަނީ ދަށްވުމެވެ.
އާމްދަނީ ދަށްވި ނަމަވެސް، މިދިޔަ އަހަރަށް ވުރެ ހަރަދުތައް ވަނީ، 25.5 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތަށް ދިމާވީ ކެޕިޓަލް ހަރަދުތައް އިތުރުވުމުން ކަމަށް ފިނޭންސުން ބުނެ އެވެ. އެހެން ނަމަވެސް، މުސާރަ އާއި އެލަވަންސްތަކަށް ކުރާ ހަރަދު ބޮޑުވެ ރިކަރަންޓް ހަރަދު 7.3 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.