ނޮވެމްބަރު މަސް ނިމުނުއިރު ގްރީން ފަންޑުގައި 468 މިލިއަން ރުފިޔާ

މާފުށީ ގެސްޓްހައުސަކަށް ދެ ފަތުރުވެރިޔަކު ވަންނަނީ. ނޮވެމްބަރު މަހު އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ ކ. އަތޮޅުން--- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިދިޔަ ނޮވެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ގްރީން ފަންޑުގައި 468.7 މިލިއަން ރުފިޔާ އެބަހުރި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ގްރީން ފަންޑު ރިޕޯޓުން ދައްކާ ގޮތުގައި ނޮވެމްބަރު މަހު ގްރީން ޓެކުހުގެ ގޮތުގައި 73.1 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިދިޔަ މަހު އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ ކ. އަތޮޅުންނެވެ. އެއީ ރިސޯޓުތަކުން 24.3 މިލިއަން ރުފިޔާ، ހޮޓެލްތަކުން 166،424 ރުފިޔާ އަދި ގެސްޓުހައުސްތަކުން 959،369 ރުފިޔާ އެވެ.

ދެވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ އދ. އަތޮޅުންނެވެ. މި މުއްދަތުގައި އެ އަތޮޅުގެ ރިސޯޓުތަކުން 8.6 މިލިއަން ރުފިޔާ އަދި ގެސްޓްހައުސްތަކުން 83،791 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ވަނީ ދައްކާފަ އެވެ.

ގްރީން ޓެކްސް ދެއްކި އަތޮޅުތަކުގެ ލިސްޓުގެ ތިންވަނައިގައި އޮތީ އއ، އަތޮޅެވެ. ނޮވެމްބަރު މަހު އއ. އަތޮޅުގެ ރިސޯޓުތަކުން 6.2 މިލިއަން ރުފިޔާ އަދި ގެސްޓްހައުސްތަކުން 123،108 ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ވަނީ ދައްކާފަ އެވެ.

ގްރީން ފަންޑުން ކުރި ޚަރަދުތަކަށް ބަލާއިރު، އެކިއެކި މަޝްރޫޢުތަކަށް މިދިޔަ މަހު 29.8 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ.

ގްރީން ފަންޑުން ޚަރަދުކުރާ މަޝްރޫޢުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި ކުނި މެނޭޖްމަންޓް ނިޒާމު ޤާއިމު ކުރުމާއި ހަކަތައިގެ މަޝްރޫޢުތައް ހިމެނެ އެވެ.

މިދިޔަ މަހު ގްރީން ފަންޑުން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ހއ. މުރައިދޫގައި ނަރުދަމާގެ ނިޒާމު އެޅުމުގެ މަޝްރޫޢަށެވެ. އެ މަޝްރޫޢަށް 7.2 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ.

މިއަހަރުގެ ޖެނުއަރީން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް ޖުމްލަ 831.3 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާއިރު، އެ މުއްދަތުގައި ގްރީން ފަންޑުން ކުރި ހޭދައިގެ ޖުމްލަ އަދަދު 362.5 މިލިއަން ރުފިޔާއަށް އަރަ އެވެ.

comment ކޮމެންޓް