ބުރިޖުގައި ދަބަރު ޖަހާ މައްސަލަ ހައްލުކުރަން ތަފާތު ކޯޓިންއެއް ބޭނުންކުރަން ފަށައިފި

ސިނަމާލެ ބުރިޖު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލެ ބުރިޖުގެ ދަގަނޑުތަކުގައި ދަބަރު ޖަހާ މައްސަލައަށް ހައްލެއް ހޯދަން، މުޅިން އާ ކޯޓިން އެއް ބާނުންކުރަން ފަށައިފި އެވެ.

ބުރިޖު ބޭނުންކުރަން ފެށިފަހުން މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، ބްރިޖު ދަގަނޑުތަކުގައި ދަބަރު ޖެހުމަކީ ހައްލު ނުކުރެވި އޮތް މައްސަލައެކެވެ.

މީގެ ކުރިން ދަގަނޑުތަކުން ދަބަރުހިލި ފައިބާތީ، ދަބަރު ފިލުވައި ދަގަނޑުތަކުގައި ދަވާދު ލުމުގެ މަސައްކަތް ވަރަށް ގިނައިން ވަނީ ކޮށްފަ އެވެ. ނަމަވެސް ލޮނުގެ އަސަރު ކުރާތީ ދަގަނޑުތަކުގައި ދަބަރު ޖެހުން ހައްލު ކުރެވިފައެއް ނުވެ އެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް، މިހާރު ބުރިޖުގެ ދަގަނޑުތަކުގައި މުޅިން އާ މެޓީރިއަލެއް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

ސަފީރު ވިދާޅުވީ އެ މެޓީރިއަލް ބޭނުންކުރަން ފެށީ ބުރިޖުގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ކުންފުނީގެ އިތުރުން އެ ގައުމުގެ ޔުނިވާސިޓީ އަކާ ގުޅިގެން އެކި ފަހަރު މަތިން ކުރިއަށް ގެންދިޔަ ތަހުލީލުތަކަށް ފަހު ކަމަށެވެ.

ބުރިޖުގެ ދަގަނޑުތަކުގައި އެންޓި ކޮރޯޝަން ކޯޓިންއެއް ބޭނުން ކުރަން ތަހުލީލުތައް ފަށާފައި ވަނީ މި އަހަރުގެ މެދު ތެރޭގަ އެވެ.

މިހާރު ދަބަރު ފިލުވައި ދަގަނޑުތަކުގައި އާ މެޓީރިއަލް ލުމުގެ މަސައްކަތް ފަށާފައިވާ އިރު، ސަފީރު ވިދާޅުވީ ބުރިޖާ ގުޅިގެން ޗައިނާއިން ކުރަން އެއްބަސްވި ކަންކަން މަތިން ހަނދާން ނުނެތޭ ކަމަށެވެ.

މީގެ ކުރިން ޗައިނާ އެމްބަސީން ބުނެފައި ވަނީ ބުރިޖްގެ މެއިންޓަނެންސް މަސައްކަތް ކުރާއިރު ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ވެސް ބުރިޖްގެ ދަގަނޑުގައި ދަބަރު ޖަހާލެއް އަވަސްވުން ކަމަށެވެ.

ރާއްޖެއާއި ޗައިނާ ސަރުކާރުން ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީ ކުރި ސިނަމާލެ ބުރިޖަކީ 100 އަހަރު ވަންދެން ބޭނުންކުރެވޭ ގޮތަށް ތަރައްގީކޮށްފައިވާ ބުރިޖެކެވެ.

ސީސީސީސީ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގައި ވާގޮތުން، ބުރިޖް އެޅުމަށް ފަހު ދެ އަހަރު ވަންދެން ބުރިޖްގެ މެއިންޓެނެންސް މަސައްކަތް ކުރާނީ އެ ކުންފުނިންނެވެ.

comment ކޮމެންޓް