ކުޑަ ދަރިންނަށް އިހުމާލުވެ، ކޯޓުން ބޭރުގައި ކައިވެނި ކުރުވި މައްސަލައެއްގައި އއ. މާޅޮހުން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، ހަރުކަށި ފިކުރަށް ތާއީދުކޮށް، އެ ފިކުރު ފަތުރައި، ދަރިން ބެލުމުގައި އިހުމާލުވެ، އެ ކުދިން އަސާސީ ހައްގުތަކުން މަހުރޫމުކޮށް ބައެއް ދަރިން 18 އަހަރު ނުވަނީސް ކޯޓުން ބޭރުގައި ކައިވެނި ކުރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އއ. މާޅޮހުން އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މީހާ ހައްޔަރު ކުރީ މިއަދު މެންދުރު 11:44 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
އިންސާނީ ހައްގުތަކަށް ބެލުމެއް ނެތި އަންހެނުންނާއި ކުޑަކުދިން ނިކަމެތިކޮށް، ކައިވެނި ކުރުވިކަމަށް ބުނެ ތުއްތު ކުދިންނަށް ޖިންސީ ގޯނާކުރުމަކީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)އިން ބުނާ ގޮތުގައި ހަރުކަށި ފިކުރުގެ އަމަލެކެވެ.
އެންސީޓީސީއިން ބުނާ ގޮތުގައި ހަރުކަށި ފިކުރުގެ މީހުންނަކީ ދިވެހި ދައުލަތަކީ ކުފުރު ދައުލަތެއް ކަމަށް ބުނެ، އެކަމަށް ވަކާލާތުކޮށް ދިވެހި ގައުމިއްޔަތަށް އިންކާރު ކުރާ މީހުންނެވެ. އަދި އެމީހުން ރާއްޖޭގެ ގާނޫނު އަސާސީއަކީ ބާތިލް އެއްޗެއް ކަމަށް ބުނެ، އެކަން އެގޮތަށް ދެއްކުމަށް ވަކާލާތުކޮށް، ރާއްޖޭގެ އެންމެހާ ގާނޫނުތަކާ ގަވާއިދުތަކާ އުސޫލުތަކާ ހިލާފުވެ، ދިވެހި ސަގާފަތާ ޒަމަންވީ އާދަކާދަތަކަށް އިންކާރުކޮށް ދިވެހި މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލުވާލައި، މުޖުތަމައު ބައިބައިކުރަން މަސައްކަތް ކުރާނެ ކަމަށް އެ ސެންޓަރުން މީގެ ކުރިން ބުނެފައިވެއެވެ.
އެންސީޓީސީއިން ހަރުކަށި އަމަލުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމަކީ:
- ގައުމީ ދިދަ އާއި ދައުލަތުގެ ނިޝާނާއި، ގައުމީ ސަލާމް ބަލައިނުގަތުން
- ސްކޫލްތަކުގެ ގައުމީ މަންހަޖު ބަލައިނުގަތުމާއި ދަރިވަރުން ސްކޫލަށް ހާޒިރުނުކުރުން
- ހަރުކަށި ފިކުރަށް މަގުފަހިވާ ގޮތަށް ވަކާލާތު ކުރުން
- ބައިނަލްއަގްވާމީ ސިއްހީ މިންގަނޑުތަކުން ކުދިން މަހްރޫމް ކުރުވުމާއި، ރާއްޖޭގެ އަންނަން އޮތް ޖީލަށް ނުރައްކާވާފަދަ ފަނާކުރަނިވި ވިސްނުން ކުރިއަރުވާ ފެތުރުން
- އިންސާނީ ހައްގުތަކަށް ބެލުމެއް ނެތި އަންހެނުންނާއި ކުޑަކުދިން ނިކަމެތިކޮށް، ކައިވެނި ކުރުވިކަމަށް ބުނެ ތުއްތު ކުދިންނަށް ޖިންސީ ގޯނާކުރުން