ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނީ ކިހިނެތް؟

އއ. ހިމަންދޫގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރި ބައެއް މީހުން އެމީހުން ނަމާދުކުރާ ތަނުގެ ކުރިމަތީގައި ހެލްމެޓް އަޅައި މޫނު ނިވާކޮށްގެން -- ފައިލް ފޮޓޯ: ދިވެހިރާއްޖޭގެ އަޑު

ހަރުކަށި ފިކުރު މާނަކޮށްދީ، އެ ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ސާފުކޮށްދީފިއެވެ.

އެންސީޓީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަރުކަށި ފިކުރަކީ، ގާނޫނު އަސާސީގެ ރޫހާއި ގާނޫނީ ހަމަތަކާއި، އާންމު އިޖުތިމާއީ އުސޫލުތަކަށް ބަހާއި އަމަލުން އިންކާރުކޮށް، އެކަންކަމާ ދެކޮޅަށް ވަކާލާތު ކުރުމާއި ހަރުކަށިވެ، އަނިޔާވެރިވުމާއި އިހާނެތިކޮށް ހިތުމުގެ ފިކުރު ކަމަށެވެ.

އެގޮތުން އެީ އެތަނެއްގެ ސަގާފަތާއި، ޒަމާންވީ އާދަކާދަތަކާއި، ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ ސާފު ސީދާ މަގުން އެއްކިބާވެ އަދި އެތަނެއްގައި އޮންނަ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގެ އިންތަކުން ބޭރުވެ ތިބެ، އެބައެއްގެ ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމުން ނޫންކަމަށް ބުނެ، އެގޮތަށް ދެއްކުމަށް މަސައްކަތްކޮށް، ރައްޔިތުންގެ މުދަލުން ވައްކަން ކުރުމާއި ފޭރުމަކީ ހުއްދަ ކަމެއް ކަމަށް ބުނެ އެކަމަށް ވަކާލާތުކޮށް، މީސްތަކުންނަށް އިހާނެތިކޮށް ހިތާ އަނިޔާވެރިވެ، މީހުންގެ ފުރާނަޔާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމް ކަމެއް ކަމަށް ދައްކުވައިދީ، އެކަންކަން އެގޮތަށް ކުރުމަށް ހިތްވަރުދީ އެކަންކަން އެގޮތަށް ކުރުމުގެ ފިކުރެވެ.

އެންސީޓީސީން ވަނީ ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތާއި އެފަދަ ފިކުރުގެ މީހުންގެ ކިބައިގައި ހުންނާނެ ސިފަތައް ވެސް އޮޅުން ފިލުވައިދީފައެވެ. ހަރުކަށި ފިކުރުގެ މީހުންނަކީ ދިވެހި ދައުލަތަކީ ކުފުރު ދައުލަތެއް ކަމަށް ބުނެ، އެކަމަށް ވަކާލާތުކޮށް ދިވެހި ގައުމިއްޔަތަށް އިންކާރު ކުރާ މީހުން ކަމަށް ބުނެފައިވެއެވެ.

އަދި އެމީހުން ރާއްޖޭގެ ގާނޫނު އަސާސީއަކީ ބާތިލް އެއްޗެއް ކަމަށް ބުނެ، އެކަން އެގޮތަށް ދެއްކުމަށް ވަކާލާތުކޮށް، ރާއްޖޭގެ އެންމެހާ ގާނޫނުތަކާ ގަވާއިދުތަކާ އުސޫލުތަކާ ހިލާފުވެ، ދިވެހި ސަގާފަތާ ޒަމަންވީ އާދަކާދަތަކަށް އިންކާރުކޮށް ދިވެހި މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލުވާލައި، މުޖުތަމައު ބައިބައިކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން:

  • ގައުމީ ދިދަ އާއި ދައުލަތުގެ ނިޝާނާއި، ގައުމީ ސަލާމް ބަލައިނުގަތުން
  • ސްކޫލްތަކުގެ ގައުމީ މަންހަޖު ބަލައިނުގަތުމާއި ދަރިވަރިން ސްކޫލަށް ހާޒިރުނުކުރުން
  • ހަރުކަށި ފިކުރަށް މަގުފަހިވާ ގޮތަށް ވަކާލާތު ކުރުން
  • ބައިނަލްއަގްވާމީ ސިއްހީ މިންގަނޑުތަކުން ކުދިން މަހްރޫމް ކުރުވުމާއި، ރާއްޖޭގެ އަންނަން އޮތް ޖީލަށް ނުރައްކާވާފަދަ ފަނާކުރަނިވި ވިސްނުން ކުރިއަރުވާ ފެތުރުން
  • އިންސާނީ ހައްގުތަކަށް ބެލުމެއް ނެތި އަންހެނުންނާއި ކުޑަކުދިން ނިކަމެތިކޮށް، ކައިވެނި ކުރުވިކަމަށް ބުނެ ތުއްތު ކުދިންނަށް ޖިންސީ ގޯނާކުރުން

މި މަހު ބޭއްވި ކައުންސިލަރުންގެ "ވިއަވެތި ރާއްޖެ'' މަހާސިންތާގައި އެންސީޓީސީން ހާމަކުރި މައުލޫމާތަށް ބަލާއިރު، ހަރުކަށި ފިކުރުގެ ސަބަބުން ބެލެނިވެރިން، ދަރިން ސްކޫލަށް ނުފޮނުވައިގެން މި އަހަރު ތެރޭ ޖެންޑާ މިނިސްޓްރީއަށް 362 މައްސަލައެއް ހުށަހަޅާފައިވެއެވެ.

އަދި ކުޑަކުދިންނަށް ވެކްސިން ނުދިނުމުގެ މައްސަލަތައް ވެސް އިތުރުވަމުން އަންނަ ކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތީ ބާރުތަކާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު 'އައްސޭރި' ނަމުގައި ރ. މަޑުއްވަރީގައި ވަނީ އޮޕަރޭޝަނެއް ފަށައިފައެވެ.

އެ އޮޕަރޭޝަންގައި މިހާތަނަށް އެރަށުން ހަރުކަށި ފިކުރަށް ނިސްބަތްވާ ތިންމީހަކު ހައްޔަރުކޮށްފައިވާއިރު އެމީހުންގެ ދޯނި ފަހަރުން މައްސަލައިގެ ހެކިތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެތެރޭގައި މައްސަލައަށް ބާރުލިބޭ ބައެއް އިލެކްޓްރޯނިކް ސާމާނުވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ

އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް ނުވަ ގެއަކަށް ވަދެ، 18 އަހަރުން ދަށުން 20 ކުއްޖެއްގެ ހާލަތު ބަލާފައިވާ ކަމަށް ޖެންޑާ އިން ވަނީ ބުނެފައެވެ.

ޖެންޑާއިން ބުނީ މީގެކުރިން ވެކްސިން ދޭން އިންކާރު ކުރި އާއިލާއެއްގެ ހަތަރު ކުދިންނަށް އާއިލާގެ އެއްބާރުލުމާއެކު މިހާރު ވެކްސިން ދީފައިވާ ކަމަށެވެ. އަދި ޖެންޑާއިން ޒިޔާރަތްކުރި ގެއެއްގައި ހިމެނޭ އެއްކުއްޖަކު އާއިލާގެ ތެރޭގައި ބަހައްޓައިގެން ރައްކާތެރި މާހައުލެއް ފޯރުކޮށްދެވޭނެ ކަމަށް ނުފެންނާތީ ރައްކާތެރި މާހައުލެއް ފޯރުކޮށްދީފައިވާނެ ކަމަށެވެ.

comment ކޮމެންޓް