ބެންކޮކްގައި އިއްޔެ ދިވެހިންތަކެއް ދަތުރުކުރަމުން ދިޔަ ޓެކްސީއެއް އެކްސިޑެންޓުވި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިގެން އައިސީޔޫގައި ފަރުވާ ދެމުން އަންނަ މީހާގެ ހާލު އަދި ވެސް ކްރިޓިކަލް ކަމަށް ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީން ބުނެފި އެވެ.
އިއްޔެ ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ ސ. ހުޅުދޫ އަހްމަދު ސައީދު އަށެވެ. އޭނާ އަށް ފަރުވާ ދެމުން ދަނީ ބެންކޮކްގެ ރަމަތިބޮޑި ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.
ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ޖިނާހް މިއަދު "ސަން" އަށް ވިދާޅުވީ ސައީދުގެ ހާލަތު އިއްޔެ އަށް ވުރެ ސްޓޭބަލް ނަމަވެސް އަދި ވެސް ކްރިޓިކަލް ކަމަށެވެ.
އެކްސިޑެންޓުގައި ސައީދުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވުމާ ގުޅިގެން އިއްޔެ ވަނީ އޮޕަރޭޝަނެއްކޮށްފަ އެވެ. ޖިނާހް ވިދާޅުވީ އޮޕަރޭޝަން ކާމިޔާބު ކަމަށާއި މިހާރު ބޮލުގެ ނުރައްކަލެއް ނެތް ކަމަށެވެ.
އަދި މިއަދު ސައީދުގެ އެމްއާރްއައިއެއް ހެދުމަށް ފަހު ކަނދުރާގައި ފްރެކްޗާއެއް އިނުމުން އިތުރު ސާޖަރީއެއް ހަދަން ޑޮކްޓަރުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އިތުރު އޮޕަރޭޝަނެއް ކުރެވޭ ވަރަށް އޭނާގެ ހާލު އަދިވެސް ސްޓޭބަލް ނުވާ ކަމަށް ޖިނާހު ވިދާޅުވި އެވެ. ޖިނާހު ވިދާޅުވީ އަދި ވެސް ސައީދު ހޭނާރާ ކަމަށާއި އެހެން ނަމަވެސް މިއަދު ތަދަށް ރެސްޕޯންޑް ކުރަން ފަށާފައިވާ ކަމަށެވެ.
"މިހާރު ޕެއިން އަށް ރެސްޕޯންޑް ކުރޭ އެބަ. ތަދު އިހްސާސްވީމަ ކުޑަކޮށް ލޯ ހުޅުވާލާ ހަރަކާތް ކޮށްލާ. މުޅިން ކޮންޝިއަސް އެއް ނޫން އަދި ވެސް،" އޭނާ ވިދާޅުވި އެވެ.
ޖިނާހު ވިދާޅުވީ ސައީދުގެ ލޭގެ ޕްރެޝަރު ދަށަށް ދާތީ، ޕްރެޝަރު ހިފަހައްޓަނީ ބޭސް ދީގެން ކަމަށެވެ.
އެކްސިޑެންޓު ވީއިރު ސައީދު އާއެކު ކާރުގައި އޭނާގެ ބޭބެ އާއި އިތުރު ދިވެއްސަކު އިނެވެ. އެ ދެމީހުންނަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
އެކްސިޑެންޓުވީ އެމީހުން އެއާޕޯޓުން، ހޮޓަލަށް ދިޔަ މަގުމަތީގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ ޑްރައިވަރަށް ނިދިޖެހުމުގެ ސަބަބުންނެވެ.