ދެކުނު ކޮރެއާއާއި ޖަޕާނުގެ ލީޑަރުން ޗައިނާގައި ބައްދަލުކުރައްވައިފި

ޖަޕާންގެ ބޮޑުވަޒީރު އަބޭ އާއި ދެކުނު ކޮރެއާގެ ރައީސް މޫންޖެއި އިން ޗައިނާގައި މިއަދު ބައްދަލުކުރައްވަނީ

ޗިންގްޑޫ (ޑިސެމްބަރު 24) : ދެކުނު ކޮރެއާއާއި ޖަޕާނުގެ ލީޑަރުން ޗައިނާގައި ބައްދަލުކުރައްވައިފިއެވެ. ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން އާއި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޫ އަބޭ ބައްދަލުކުރެއްވީ ޗައިނާގެ ބޮޑުވަޒީރު ލީ ކިޗިއާން އާއެކު ޗައިނާގެ ޗިންގްޑޫގައި ކުރިޔަށް ގެންދާ ސަމިޓް ބައްދަލުވުމެއްގެ ހަވާސާގައެވެ.

އޭޝިއާގެ މުހިއްމު އިގްތިސާދީ ދެބާރުކަމަށްވާ ދެކުނު ކޮރެއާއާއި ޖަޕާނަކީ އަވަށްޓެރި ދެގައުމު ކަމަށްވިޔަސް ޒަމާނުއްސުރެ ގުޅުންތައް ގޯސްވެފައިވާ އަދި އިތުބާރު ނެތުމުގެ މައްސަލަ ކުރިމަތިވެފައިވާ ދެގައުމެވެ. ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން އާއި ޖަޕާނުގެ ބޮޑުވަޒީރު އަބޭ ވަކިން ބައްދަލުކުރެއްވީ އެދެގައުމުގެ ދެމެދުގައިވާ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކުރުމުގެ ބޭނުމުގައި ކަމަށާއި މިއީ މުހިއްމު ފެށުމެއްކަމަށް އެދެގައުމުގެ މަސްއޫލުވެރިން ވިދާޅުވިއެވެ.

މޫންޖެއި އިން އާއި އަބޭގެ ސަމިޓްގެ އެޖެންޑާގައި ހިމެނޭ މައްސަލަތަކުގެ ތެރޭގައި ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ޖަޕާން ސިފައިން ކޮރެއާ ހިފައި ކޮރެއާ ގެ ޒުވާން އަންހެނުންގެ އެތަށް ހާސް ބަޔަކު ޖިންސީ އަޅުންގެ ގޮތުގައި ޖަޕާން ސިފައިން ގެންގުޅެ އެމީހުންގެ އިއްފަތްތެރިކަން ނަގާލައި އެމީހުންގެ ދިރިއުޅުން ބަރުބާދުކޮށްލި މައްސަލައާއި ޖަޕާން ކަނޑުގައި އޮންނަ ދެގައުމުގެ ދެމެދުގައި މިލްކުވެރިކަމުގެ އަރާރުން އުފެދިފައިބާ ޖަޒީރާ ތަކުގެ މައްސަލަ ހިމެނެއެވެ.

އަދި ދެވަނަ ބޮޑުހަނގުރާމައިގެ ކުރިން 1910 ވަނައަހަރުން ފެށިގެން އިސްތިއްމާރީ ބާރެއްގެ ގޮތުގައި ޖަޕާނުން އޭޝިއާގެ ގައުމުތަކުގައި ހިންގި އުދުވާނީ އަމަލުތަކުގައި ކޮރެއާއަށް އަރައި ކޮރެއާގެ މަސައްކަތު އުމުރުގެ އެތަށް ލައްކަބައަކު މުސާރަނުދީ އަޅުންގެ ގޮތުގައި ޖަޕާނުގެ ފެކްޓްރީ ތަކުގައި ގަދަބާރުން މަސައްކަތްކުރުވުމަށް މަޖްބޫރު ކުރުވި މައްސަލަ ހިމެނެއެވެ.

ޖަޕާނުންވަނީ 1910 ން 1945 އަށް ކޮރެއާ ބައްރަށް ގަދަބާރުން އަރައި ކޮރެއާ ހިފައި ކޮރެއާގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތަކެއް ހިންގާފައެވެ. އެއީ ދެކޮރެއާ އުފެދުމުގެ ކުރިން ކޮރެއާ އެއްގައުމެއްގެ ގޮތުގައި އޮތް ދުވަސްވަރުއެވެ. ޖަޕާނުގެ ލާއިންސާނީ އިސްތިއްމާރީ ވަކިތަކުން ކޮރެއާ މިނިވަންވީ ދެވަނަ ބޮޑުހަނގުރާމައިގާ 1945 ގައި އެމެރިކާގެ އަތްދަށުން ޖަޕާން ބަލިވެގެންނެވެ. ޖަޕާން ބަލިކުރުމަށްޓަކައި އެމެރިކާވަނީ ދެފަހަރެއްގެ މަތިން ޖަޕާނަށް އެޓޮމް ބޮމުން ހަމަލާދީ ޖަޕާން ގެ އާންމުންގެ އެތަށް ލައްކަ ބަޔަކު އެއްފަހަރާ މަރާލާފައެވެ. އެއީ ހިރޮޝީމާއާއި ނަގަޒާކީ އަށް ދިން ހަމަލާތަކުގައެވެ. ނަމަވެސް އޭރު ޖަޕާން އޮތީ އެފަދަ ބާރުގަދަ ބޮމެއް ބޭނުންނުކޮށްވެސް އަސްކަރީ ގޮތުން ބަލިވާފަދަ ހާލަތެއްގައެވެ.

މިމައްސަލަތަކުގައި ދެކުނު ކޮރެއާ ބޭނުންވަނީ ޖަޕާންގެ މިހާރުގެ ސަރުކާރުން މިޖަރީމާތަކަށް އިއްތިރާފްވެ އެކަމަށް މައާފް އެދުމާއި އެ ޖަރީމާތަކުގެ ޝިކާރައަކަށްވި ދެކުނު ކޮރެއާގެ ރައްޔިތުންގެ އާއިލާތަކަށް ޖަޕާނުން މާލީ ބަދަލުތައް ދިނުމަށެވެ. ޖަޕާނުން ގެންދަނީ އަދިވެސް މިކަމާ ދެކޮޅު ހަދަމުންނެވެ.

ޗައިނާގެ ބޮޑުވަޒީރު ލީ ކިޗިއާން އާއެކު ޖަޕާނާއި ދެކުނު ކޮރެއާގެ ލީޑަރުން ތިން ބޭފުޅުންގެ ސަމިޓް ބައްދަލުވުމެއް ބޭއްވީ ކޮރެއާ ބައްރަށް ސުލްހަ ގެނައުމަށްޓަކައި އެމެރިކާއާއި އުތުރުކޮރެއާ އާ ފަށާފައިޥާ ސުލްހައިގެ ވާހަކަތަކަށް ހިއްވަރު ދީ އެކަމަށް ތާއީދު ކުރުމުގެ ގޮތުންނެވެ. އެސަމިޓްގައި އެތިން ބޭފުޅުންވަނީ އެމެރިކާއާއި އުތުރުކޮރެއާ ގެ ސުލްހައިގެ ވާހަކަތަކަށް ތާއީދު ކުރައްވައި އެކަން ކޮޅެއްގައި ޖެހެންދެން ކުރިޔަށް ގެންދިޔުމަށް އެދެ ގައުމަށް ގޮވާލައްވާފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް