ތައިލެންޑްގެ ބެންކޮކްގައި ރޭ ފަތިހު ދިވެހިންތަކެއް ދަތުރުކުރަމުން ދިޔަ ޓެކްސީއެއް ފުރޮޅާލައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޓެކްސީން ދަތުރުކުރި ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ތައިލެންޑްގައި ހުންނަ ދިވެހި އެމްބަސީން ބުނީ އެކްސިޑެންޓުގައި އަނިޔާވި ދިވެހި އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
އެކްސިޑެންޓު ވެފައިވަނީ އެމީހުން ތައިލެންޑްގެ ސުވަރްނަބޫމީ އެއާޕޯޓުން އެމީހުން ތިބޭ ހޮޓަލަށް ދަތުރުކުރަމުން ދަނިކޮށެވެ.
އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ، ވިޔަފާރި ދަތުރަކަށް ބެންކޮކަށް ދިޔަ ސ. ހުޅުދޫ އަހްމަދު ސައީދު އާއި އަބްދުﷲ ސަބާހްގެ އިތުރުން އަހްމަދު ރަޝީދު ކިޔާ މާލެ މީހަކަށެވެ.
އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި ފަރުވާދެމުން އަންނަނީ އަހްމަދު ސައީދު އަށެވެ. އަނިޔާވި ސަބާހް އަދި ރަޝީދަކީ ދެ ވިޔަފާރިވެރިންނެވެ. ސައީދަކީ ސަބާހުގެ ކޮއްކޮ އެވެ.
ބެންގްކޮކްގައި ހުރި އެމީހުންނާ ގާތް ދިވެއްސަކު "ސަން" އަށް ބުނީ ސައީދުގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށާއި މިހާރު ސާޖަރީއަށް ވައްދާފައިވާ ކަމަށެވެ. އަދި ސައީދުގެ ކަރުން ތިރި އެއްކޮށް ޕެރަލައިޒް ވެފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުންޏެވެ.
އެ މީހުންނަށް ފަރުވާ ދެމުން ދަނީ ބެންކޮކްގެ ރަމަތިބޮޑި ހޮސްޕިޓަލުގަ އެވެ.
އޭނާ ބުނީ އެކްސިޑެންޓު ހިނގާފައި ވަނީ ޑްރައިވަރަށް ނިދިޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ. އެކްސިޑެންޓުގައި ކާރު ކޮންކްރީޓް ބޮލްކަކަށް އެރުމުގެ ސަބަބުން ވަނީ ފުރޮޅާލައިފަ އެވެ. އެކްސިޑެންޓާ ގުޅިގެން ބެންގްކޮކް ފުލުހުން ވަނީ ޓެކްސީ ޑްރައިވަރު މިހާރު ހައްޔަރުކޮށްފަ އެވެ.
ތައިލެންޑްގައި ހުންނަ އެމްބަސީގެ އޮފިޝަލުން ވެސް މިހާރު އަންނަނީ ހޮސްޕިޓަލްގައި ހަރަކާތްތެރިވަމުން އެވެ. އަދި އަނިޔާވި މީހުންގެ އާއިލާތަކަށް ގުޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.