ސަފާރީތަކުގެ ބަނދަރުގެ ގޮތުގައި މާލެއާ ކައިރީގައި އޮންނަ ދިޔަނެރު ފަޅާ ޖެހިގެން އޮންނަ ދިޔަނެރު ދޭއް ފަޅު ދިނުމަށް ޓުއަރިޒަމް މިނިސްޓްރިން ނިންމައިފި އެވެ.
އެކަން ހާމަ ކޮއްދެއްވީ، ބޯޓިން އެވޯޑު2019ގައި ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ސަފާރީތަކަށް ހާއްސަ ބަނދަރެއް ހަމަޖެހިގެން ދިޔުމަކީ އެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ ވަރަށް ބޮޑަށް އުންމީދު ކުރި ކަމެއް ކަމަށާއި އެކަން އަންނަ އަހަރު ތެރޭ ހަމަޖައްސާނެ ކަމަށެވެ. އެ ބަނދަރުގެ އަޅާނެ ސަރަހައްދު އިއުލާން ކުރުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ 2020 ވަނަ އަހަރު މާލެ ކައިރީގައި އޮންނަ ދިޔަނެރު ފަޅާ ޖެހިގެން އޮންނަ ފަޅު، އެއީ 41433.2 ނޯތު، 7328.097 އީސްޓްގައިވާ ދިޔަނެރު ދޭއް ފަޅު. އެ ފަޅަކީ ތިޔަބޭފުޅުންގެ ބަނދަރަށް ހަދާނަން،" އަލީ ވަހިދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ، ސަފާރީތަކުގެ ބަނދަރުގެ ގޮތުގައި ހަމަޖެއްސުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރެއްްވީ ބޯޓިން ދައިރާގެ ބޭފުޅުންގެ މެދުަގައި މަޝްހޫރު ދިޔަނަރު ފަޅު ކަަމަށެވެ. ނަމަވެސް ކުރީގެ ސަރުކާރުން އެ ފަޅު ބަޔަކަށް ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"ހިތާމައަކީ ބަހަމަުން ދެމުން ދެމުން ގޮސް އެެވެސް [ދިޔަނެރު ފަޅުވެސް] އޮތީ ދީ ނިންމާފައި. އެހެން ވީމަ ބާކީ އޮތް އެއްޗަކުން ހެދެން އޮތް ގޮތެއް އަޅުގަނޑުމެންނަށް ހެދޭނީ. ވަރަށް މަސައްކަތް ކޮށްފިން ކޮބާތޯ އޭގެ އެންމެ ރަނގަޅުގޮތަކީ ބަލަން. މާލެ ކައިރިން، އެންމެ ކޮންވީނިއަންޓް އޮޕްޝަނަކީ ބަލަން. އެގްރިމަންޓެއް ޓާމިނޭޓް ކުރަން ބަލާއިރު އެއް ކޮޅުގައި އޮތީ ތިން ކޯޓު މަރުހަލާ. އެ ދިޔައީ ދައުރުގެ ދެބައި ކުޅަ އެއްބައި،" އަލީ ވަހީދު ވިދާޅުވިއވެެ.
އަލީ ވަހީދު ވިދާޅުވީ، ބޯޓިން އެސޯސިއޭޝަންގެ މަސައްކަތަކީ ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް މުހިންމު ބަހާއެއް ކަމަށެވެ. އަދި ތާރީހީ ގޮތުން ރާއްޖެ އުފެދުމުގެ އަސްލަކީވެސް ބޯޓިން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
"ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ސިންދަފާތު ކުރުމުގައި ނުވަތަ ޑައިވާސިފައި ކުރަމުންދާއިރު، ފަތުރުވެރިކަން މާކެޓް ކުރުމުގައި ބޯޓިން އެ ބަހާ އޮންނަން ބޭނުންވޭ،" އަލީ ވަހީދު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ސަފާރީތަކަށް ކުނި ނައްތާލުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ އިިރު، އެކަންކަން ހައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ފަތުރުވެރިކަމާ ގުޅޭ ގަވާއިދުތަކަށް ބަދަލު ގެންނަ އިރު، ބޯޓިން ސިނާއަތުގައި އުއްޅުވާ ފަރާތްތަކުގެ ހިޔާލާ މަޝްވަރާއަށްވެސް އަލީ ވަހީދު އެދިވަޑައިގެންނެވި އެވެ. އަދި އެ ސިނާޔަތާ ގުޅޭ ގަވާއިދުތަކަށް ބަދަލު ގެންނާނީ އެ ހިޔާލުތަކާއެކު ކަމަށް އަލީ ވަހީދު ފާހަގަ ކުރެއްވިއެވެ.