އައްޑޫ ޕޯޓް ސަރަހައްދު ދެކުނުގެ ވިޔަފާރި ހަބަކަށް ހެދުމަށް މަޝްވަރާކޮށްފި

އައްޑޫ ޕޯޓް ސަރަހައްދު އުތުރުގެ ވިޔަފާރި ހަބަކަށް ހެދުމަށް ބޭއްވި މަޝްވަރާތަކުގެ ތެރެއިން--- ފޮޓޯ: ޝަރީފް

އައްޑޫ ޕޯޓް ސަރަހައްދު ދެކުނުގެ ވިޔަފާރި ހަބަކަށް ހެދުމަށް މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ އައްޑޫ ޑިވޮލޮޕްމަންޓް ކޮމެޓީ އާއި އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ބައްދުވުމުގެ ތެރެއިން އެވެ.

އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީގެ ނާއިބު ރައީސް އަހުމަދު ޝަރީފް މިއަދު "ސަން" އަށް ވިދާޅުވީ އެ ބައްދަލުވުމުގައި އައްޑޫ ސިޓީގެ ހިތަދޫގެ އިންޓަނޭޝަނަލް ޕޯޓް ހުންނަ ސަރަަހައްދުން ވިޔަފާރިވެރިންނަށް މުދާ ބެހެއްޓުމަށް ގުދަންތަކާއި ވެއާހައުސްތައް ދޫކުރުމަށް އެދުނު ކަމަށެވެ.

"އޭރުން ރާއްޖެއިން ބޭރުން ސީދާ އައްޑޫ ސިޓީއަށް ގެންނަ މުދާތައް އިތުރުވާނެ. އަނެއްކާ މުދާ ވެސް އަގުހެޔޮވާނެ. މިހާރު މުދާ ރާއްޖެ އިން ބޭރުން ގެނެސް މާލެއިން އައްޑުއަށް ގެންދަން 20 ފޫޓް ކޮންޓޭނަރަކަށް އެބަ ހޭދަވޭ 37،000 ރުފިޔާ. މިހާރު ޗައިނާއިން މާލެއަށް ވެސް އެބަގެނެވޭ 20 ފޫޓް ކޮންޓޭނަރެއް 29،000 ރުފިޔާއިން. އޭރުން މުދާ އަގުހެޔޮވާނެ އައްޑޫ ސަރަހައްދުގައި،" ޝަރީފް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އައްޑޫގެ ޕޯޓް ސަރަހައްދަށް ބޯޓްތައް ކައިރިނުކުރެވޭތީ އެކަން ހައްލުކޮށްދިނުމަށް ވެސް އެދުނު ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)ގެ ބޯޑު އެކުލަވާނުލެވޭތީ އެކަމާމެދު ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

އައްޑޫ ޑިވޮލޮޕްމަންޓް ކޮމެޓީގައި އައްޑޫ ސިޓީގެ ހުރިހާ ރަށެއް ތަމްސީލްވެ އެވެ. އަދި ސަރުކާރުން އައްޑޫ ސިޓީގައި ހިންގާ މަޝްރޫއުތައް އަވަސްކޮށް އައްޑޫ ސިޓީއަށް ދިމާވެފައިވާ ދަތިތައް ސަރުކާރަށް ހުށަހަޅައި މައްސަލަތައް ހައްލުކުރުމަށް އެ ކޮމެޓީ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީގެ ރައީސްއަކީ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާ އެވެ.

comment ކޮމެންޓް