ދެ ފޯސް އެއްފަހަރާ އަރައި މަޑުއްވަރީގެ ނަން ބަދުނާމުކޮށްފި: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޑުއްވަރީގައި ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަނަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ ޖަލު ހުކުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތުގައި ރޭ ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ "ސަލާމަތީ ހިދުމަތްތަކުން ދެފޯސް އެއްފަހަރާ އަރައިގެން މިކުރެވޭ ކަންތައްތަކުގެ ސަބަބުން ރަށުގެ ނަން ވަރަށް ބޮޑަށް ބަދުނާމުވެފައި" ވާކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ މަޑުއްވަރީ އަކީ އާއިލީ ގުޅުން ބަދަހި، ރަހުމަތްތެރި ބަޔަކު ދިރިއުޅޭ ރަށެއް ކަމަށާއި ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން އެރަށުގައި ވެސް ދީނީ ހައްދުފަހަނަ އަޅައިދިޔުމުގެ ފިކުރު ނެތެކޭ ބުނެވެން ނެތް ކަމަށެވެ.

"އެރަށުގައި މިއަދު ހިންގަމުންދާ އަމަލުތަކުގެ ސަބަބުން އެ ރަށަށް ވަރަށް ބޮޑެތި ބަދުނާމުތަކެއް ލިބިގެންދިޔުމަކީ އޭގެ ޒާތުގައި ރަށަށް ލިބިގެންދާނެ ވަރަށް ބޮޑު ފަޅުކަމެއް، އުނިކަމެއް އަދި ރަށުގެ ރައްޔިތުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު ވިދާޅުވީ އިސްލާމް ދީން ފޮނުއްވުނު އިރު ވެސް ދުނިޔެއިން ފެންނަމުން ދިޔަ އަމަލުތަކާ މިއަދު ރާއްޖެ އިން ފެންނަމުންދާ އަމަލުތަކާ މާބޮޑު ތަފާތެއް ނެތް ކަމަށެވެ.

"މިއަދު ފެނިގެން މިދަނީ ހަރުކަށިކާމާ އެކު ދީނުގެ ނަމުގައި ވަރަށް ތަފާތު ކަންތައްތަކެއް ރާއްޖޭގައި ހިނގަމުންދާތަން، އެހެންނަމަވެސް އެ ހަރުކަށި ކަމާއެކީގައި ނިރުބަވެރި ހަރަކާތެއް ހިންގައި ފާނެ ކަމަށް ނުވާ ކޮންމެ ހާލަތެއްގައި އަޅުގަނޑު ގަބޫލުކުރާގޮތުގައި އިސްކުރަންޖެހޭނީ އެމީހުންނަށް ވިސްނައިދިނުމާއި ހިކުމަތްތެރި ކަމާއެކީގައި މީހުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރުން،" އާދަމް ޝަރީފް ވިދާޅުވީ ބިރުދައްކައިގެން މީހުންގެ ސިކުނޑިތަކަށް ވިސްނައިދެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.

"ރަށް ރަށުގައި މިބާވަތުގެ ކަންތައްތައް ހިންގަމުންދާކަމަށް ވާނަމަ، އެކަންކަމާ ގުޅިގެން އަމަލުކުރަން ޖެހޭ އުސޫލުތަކެއް ހުންނާނެ ކަމަށް ގަބޫލު ކުރެވޭ. ނުރައްކާތެރި ހަމަލާއެއް ދީފާނެކަމުގެ އިޝާރާތެއް ލިބިއްޖެ ކަމަށް ވަނީ ނަމަ، ސަލާމަތީ ހިދުމަތްތަކުން ވެސް އެ ރަށަކަށް އަރައި ހިންގަންޖެހޭނެ ހަރަކާތްތައް ހިންގަންޖެހޭނެ ކަމަށް ގަބޫލު ކުރެވޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ މަޑުއްވަރީގައި ހިނގައި ދިޔަ ކަންތައްތަކަށް ބަލާ އިރު އެރަށުގައި އެފަދަ ހަރަކާތެއް ނުވަތަ އެފަދަ ހަމަލާއެއް ދޭން އުޅެގެން ބަޔަކު ހައްޔަރު ކުރެވުނު ކަމަކަށް ފެންނަން ނެތް ކަމަށެވެ.

"މިހާތަނަށް ފެނުނީ ދީނީ ހަރުކަށި ފިކުރު ފަތުރާ ބަޔަކު އެތަނުގައި ތިބީމާ، އެބަޔަކު ހިފައި ހައްޔަރު ކުރީކަމަށް. އެކަން އެގޮތަށް އަޅުގަޑު ވެސް ގަބޫލު ކުރަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު ވިދާޅުވީ މަޑުއްވަރީގައި މިހާރު ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަން ދާގޮތުން މީހުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

"ކަންބޮޑުވާ އެއްކަމަކީ ދީނުގެ ހައްގުގައި މަސައްކަތް ކުރާ މީހުންނަށް ބިރުވެރިކަމާއި ގޮންޖެހުން ކުރިމަތިވެގެން ދިޔުން،" އާދަމް ޝަރީފް ވިދާޅުވި އެވެ. "ރާއްޖޭގައި މިކަން ކުރަންޖެހޭނީ ޣައިރު މުސްލިމު މީހުން ކަންކުރާ އުސޫލަކުން ނޫން. މަޑުއްވަރީ އަކީ ކިޔަމަންތެރި ބަޔަކު އުޅޭ ރަށެއް،"

ދީނީ ހައްދުފަހަނަ އަޅައިދިޔުމުގެ ކަންތައްތަކަކީ ދީނަށް ގޮންޖެހުމަށް ކުރާ ކަމެއްކަމަށާއި އެކަން އެގޮތަށް ކުރިއަށް ގެންދާނަމަ ގޮންޖެހުން ބޮޑުވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑު ދިވެހި ސަރުކާރަށް ވަރަށްބޮޑަށް އިލްތިމާސް ކުރަން މަޑުއްވަރީގައި ހިންގަމުންދާ ހަރަކާތްތަކުގެ ސަބަބުން މަޑުއްވަރީ އަށް ލިބޭނެ ބަދުނާމާއި މަޑުއްވަރި އަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް އެ މަސައްކަތްތައް ހިންގުމަށް،" އާދަމް ޝަަރީފް ވިދާޅުވީ މަޑުއްވަރީގައި ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަނަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެބާވަތުގެ އޮޕަރޭޝަންތައް ކުރިއަށްގެންދާ ގޮތަށް ކުރިއަށް ގެންދިޔުމަށް އިލްތިމާސް ކުރާ ކަމަށެވެ.

https://sun.mv/129120

"ކޮންމެ ފަހަރަކު ކުރާ ކޮންމެ ކަމެއްް އެއީ އާންމުކޮށް ޑްރާމާއެއްގެ ގޮތުގައި ނުހައްދަވާ ސާބިތުކަމާ އެކު އެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދަވާ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް އެދެން."

ސަލާމަތީ ބާރުތަކުން މިމަހުގެ 18 ވަނަ ދުވަހު މަޑުއްވަރީގައި ފެށި އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ އިރު އެމީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފަ އެވެ.

މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޮޕަރޭޝަނަކީ ހަރުކަށި ފިކުރުތަކަށް ތަބާވެ، ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކުންނާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދު ފަހަނަ އަޅައިދިޔުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

https://sun.mv/129101

އެ އޮޕަރޭޝަންއާ ގުޅޭ ގޮތުން މިހާތަނަށް ލިބުނު މައުލޫމަތު ހާމަ ކުރައްވަމުން ފުލުހުންގެ ސީރިއަސް އޮގަނައިިޒްޑް ކްރައިމް ޑީޕާޓްމަންޓްގެ ވެރިޔާ، ސްޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، އެ އޮޕަރޭޝަން ކުރިއަށް އޮތް ހަފްތާއެެއްހާ ދުވަހަށް ދިގު ދެމިގެންދާނެ ކަމަށާއި މިހާތަނަށް ތިން މީހުން ހައްޔަރު ކޮށްފައިވާ އިރު ހަ ގެއަކާއި ދޯންޏެއް ބަލާ ފާސްކޮށް، މައްސަލައާ ގުޅިހުރި ހެކިތަކެއް ހޯދާފައިވާ ކަމަށެވެ.

comment ކޮމެންޓް